Advertisement

މެސީ އަށް ޓަކައި މަރަޑޯނާ "އުފާކުރާނެ" ކަމަށް ޕެލޭ ބުނެފި

19 ޑިސެންބަރު 2022 - 11:42 1

ލިއޮނަލް މެސީ (ކ) ވޯލްޑް ކަޕް ތަށްޓަށް ބޮސްދެނީ: މަރަޑޯނާ، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.


މެސީ އަށް ޓަކައި މަރަޑޯނާ "އުފާކުރާނެ" ކަމަށް ޕެލޭ ބުނެފި

19 ޑިސެންބަރު 2022 - 11:42 1

ސައޮ ޕަައޮލޯ، ބްރެޒިލް (ޑިސެމްބަރު 19) - ގަތަރުގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދައި، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި މަދުވެފައި އޮތް ހާއްސަ ތަށި ހޯދުމާ އެކު އޭނާ އަށް ޓަކައި، އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ވެސް އުފާކުރާނެ ކަމަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދި ބްރެޒިލްގެ ތަރި ޕެލޭ ބުނެފި އެވެ.

އާޖެންޓީނާ އިން 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މަރަޑޯނާ އަކީ ޓީމުގެ ތަރި އެވެ. އޭގެ ފަހުން، އާޖެންޓީނާ އަށް ވޯލްޑް ކަޕެއްގެ ތަށީގައި އަތްލެވުނީ ރޭ ކުޅުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ. މި ކާމިޔާބީ މެސީ އަށް ހާއްސަވަނީ މިއީ އޭނާގެ ކާމިޔާބު ކެރިއަރުގައި މަދުވާ ތަށި ކަމަށްވާތީ އެވެ.

މެސީ އާއި މަރަޑޯނާގެ ތެރެއިން އާޖެންޓީނާގެ މޮޅު ކުޅުންތެރިއަކީ ކާކުތޯ ބަލަން ކުރެވޭ ބަހުސްގައި މެސީ ކޮޅަށް ބުރަވެވޭނެ ކަންތައްތަކެއް މިހާރު މި ވަނީ ފެނިފަ އެވެ.

މެސީ އާއި މަރަޑޯނާގެ ކުރެހުމެއް: އާޖެންޓީނާ ފުޓްބޯޅަ ތާރީހުގައި އެންމެ ހާއްސަ ދެ ކުޅުންތެރިންނަކީ މެސީ އާއި މަރަޑޯނާ


މީގެ ދެ އަހަރު ކުރިން ހާޓްއެޓޭކެއް ޖެހިގެން މަރަޑޯނާ މަރުވިިިއިރު، މެސީ އާއި މަރަޑޯނާ ވަނީ 2010 ވަނަ އަހަރު، އާޖެންޓީނާ ގައުމީ ޓީމުގައި އެކުގައި މަަސައްކަތް ކޮށްފަ އެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކޯޗަކީ މަރަޑޯނާ އެވެ. އެ ފަހަރު މެސީ ވެސް ޓީމަށް ކުޅުނުއިރު، ކެޓީ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުންނެވެ.

ދެކުނު އެފްރިކާ ވޯލްޑް ކަޕްގެ ހަތަރު އަހަރު ފަހުން، ބްރެޒިލްގައި، 2014 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ ބަލިވީ ފައިނަލްގައި ޖަރުމަނު އަތުންނެވެ. އެ ފަހަރު، މަރަޑޯނާ ވަނީ މެސީ އަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރަން "އަދި ފުރުސަތު ލިބޭނެ" ކަމަށް ބުނެފަ އެެވެ.

ރޭ މެސީ، ވޯލްޑް ކަޕްގެ ތަށި އުފުލާލިިއިރު، މަރަޑޯނާ ދުނިޔޭގައި ނެތް ނަމަވެސް ޔަގީނުން ވެސް އެކަމާ އުފާކުރާނެ ކަމަށް ޕެލޭ ވަނީ ބުނެފަ އެވެ.

ޕެލޭ ވޯލްޑް ކަޕްގެ ތަށްޓާ އެކު ނަގާފައިވާ ފޮޓޯއެއް.


"އާޖެންޓީނާ އަށް ވަރަށް މަރުހަބާ ކިޔަން. އަހަރެން ބުނާނީ ޑިއޭގޯ (މަރަޑޯނާ) އުފާކުރާނެ. ފުޓްބޯޅައިގައި މެސީ އަށް ނުލިބޭ ކާމިޔާބީ އެންމެ ފަހުން އޭނާ މި ހޯދީ. ފުޓްބޯޅައިގެ ރީތި ކަމަކީ، ކާމިޔާބަކީ މަސައްކަތް ކުރާ މީހުންނަށް ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމެއްކަމުގެ ޔަގީން ކަމެއް އޮތުން. މެސީ މި ހޯދީ އޭނާ އަށް ހައްގުވާ ކާމިޔާބެއް، ވޯލްޑް ކަޕެއް މެސީ އަށް ހައްގު،" ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ޕެލޭ، މެސެޖެއް މެދުވެރިކޮށް ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރޭ އިންސްޓަގްރާމް މެދުވެރިކޮށް ޕެލޭ ކުރި ޕޯސްޓެއްގައި ވެސް މެސީގެ އިތުރުން ފައިނަލުގައި ހެޓްރިކެއް ހެދި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެ، ތާރީހީ ސޮފުހާއެއް ލިޔުނު މޮރޮކޯ ޓީމަށް ވަނީ މަރުހަބާ ކިޔައިފަ އެެވެ.

ޕެލޭ ބުނީ އުމުރުން 23 އަހަރުގައި ދެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެ، ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދައި، ގިނަ ރެކޯޑްތަކެއްގެ ހައްގު ފަރާތެއްގެ ގޮތުގައި އެމްބާޕޭ އޮތުމަކީ ފުޓްބޯޅައިގައި އޭނާ އަށް އަދިވެސް ކުރިއަށްދެވޭނެ ކަމުގެ ސަބަބެއް ކަމަށެެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިއަކީ ޕެލޭ އެވެ.