Advertisement

ދައުލަތުން ގެރެންޓީ ދޭ އުސޫލުގައި ކައުންސިލުތައް ހިމަނައިފި

19 ޑިސެންބަރު 2022 - 10:16 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް ސޯލިހު، ގދ. ފަރެސްމާތޮޑާ ކައުންސިލާއި ޑަބްލިޔުޑީސީ މެމްބަރުންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް


ދައުލަތުން ގެރެންޓީ ދޭ އުސޫލުގައި ކައުންސިލުތައް ހިމަނައިފި

19 ޑިސެންބަރު 2022 - 10:16 0

ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލުތައް ހިމެނޭ ގޮތަށް ދައުލަތުން ގެރެންޓީ ދޭ އުސޫލު އިސްލާހުކޮށްފި އެވެ.

މި އުސޫލަކީ ގައުމުގެ އިގުތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި، ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރެވިގެން، ދެފުށް ފެންނަ، ހަރުދަނާ އުސޫލެއްގެ ދަށުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމަށް މަގުފަހިކުރުމަށް 2017 ވަނަ އަހަރު އެކުލަވާލެވުނު އުސޫލެކެވެ.

މިގޮތުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވޭނީ، ސަރުކާރުން އިސްކަންދޭ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ނުވަތަ މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތަކާ ގުޅިގެން ހުށަހަޅާ ހުށަހެޅުންތަކަށެވެ.

މީގެ ކުރިން، ދައުލަތުން ގެރެންޓީ ދެވޭނެ ފަރާތްތަކުގެ ތެރޭގައި ހިމަނާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ އިތުރުން ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރީ -ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކެވެ.

ނަމަވެސް، އިއްޔެ އެ އުސޫލު އިސްލާހުކޮށްފައިވަނީ ކައުންސިލުތަކުގެ އިތުރުން ދައުލަތުގެ މުސްތަގިއްލު މުއައްސަސާތައް ވެސް ހިމަނައިގެނެވެ.

މި އުސޫލުގެ ދަށުން އަމިއްލަ ފަރުދުންނަށް ގެރެންޓީ ދޫ ނުކުރެވޭނެ އެވެ.

ގެރެންޓީ ނަގަން ހުށަހެޅޭ ދަރަނިތައް

  • ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް؛
  • ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށް؛
  • ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަޝްރޫއުތައް ހިންގުމަށް؛
  • މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތައް ކުރުމަށް.

މި އުސޫލުގެ ދަށުން ގެރެންޓީކޮށްދެވޭ ދަރަނީގެ އިފެކްޓިވް އިންޓަރެސްޓް ރޭޓުން، "ވޭރިއަބަލް އިންޓަރެސްޓް" އުނިކުރުމުން، އަންނަ އަދަދު 3.5 ޕަސަންޓަށް ވުރެ މަތިވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، ގައުމުގެ އިގުތިސާދީ ހާލަތަށާއި، އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި، އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދަށާއި، އެ ދަރަނި ނެގުމުގެ މުހިންމުކަން ފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، މިނިސްޓަރުގެ ހުއްދައާއެކު މި ޝަރުތު އިސްތިސްނާކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.