15 ޑިސެންބަރު 2022 - 21:26 0
މުހައްމަދު ޝަހްޒާން
15 ޑިސެންބަރު 2022 - 21:26 0
މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން އަބްދުﷲ މަރާލުމުގެ ތުހުމަތު ކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ، މުހައްމަދު މުނާޒް ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރައިގެން ދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ބައްދަލުކޮށް މަރުގެ ހަގީގަތް ކިޔައިދިނުމަށް ފަހު ރައީސްގެ އެހީތެރިކަމާ އެކު ކަމަށް މަރު ކޮމިޝަނުން ބުނެފި އެވެ.
ދެހާސް ސާދަ ވަނަ އަހަރު މަރާލި ރިލްވާނުގެ، މަރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެިރންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެންބަރު، މިސްބާހު އައްބާސް ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އޭރު ހިންގި ތަހުގީގަށް ހައްޔަރު ކުރި ބައެއް މީހުން މިނިވަން ކުރުމަށް އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާ ކަން މަރު ކޮމިޝަނުގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާއި އޭރުގެ ސަރުކާރުގެ އެންމެ އިސްވެރިންނާއި ގާތް ގުޅުންތަކެއް އޮތް ކަން ވެސް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށް އެނާ ވިދާޅުވި އެވެ.
އެގޮތުން މި މައްސަލައިގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް (މަނާއްކޮ) ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްުލްޖުމްހޫރިއްޔާ އާއި ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށް މިސްބާހު ވިދާޅުވި އެވެ.
"އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާ އެކު ކަން ވެސް މި ތަހުގީގަށް އެނގިފައިވޭ، މި މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރި ފަރާތަކީ މުނާޒުއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގައި ހުރެގެން އެމީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓު ފަރާތެއް ކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މަރު ކޮމިޝަނުން މިހެން ބުނެފައިވާއިރު، ބޭރު ގައުމެއްގައި ޓެރަރިސްޓު ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ދިހަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ރިލްވާނުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ މަނިކުފާނު ވަނީ ޖަވާބެއް ނުދެއްވައި ހަނު ހުންނަވާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނާއި ތަފާތު ކުށްތައް ކުރާ ގޭންގުތަކާ ގުޅުން އޮންނަ މީހުން ކަމަށެވެ.
Comment