Advertisement

ރިލްވާން މަރާލާފައިވަނީ ކަރުބުރިކޮށްގެން، އެކަމުގެ ހެކި އެބަހުރި: މަރު ކޮމިޝަން

15 ޑިސެންބަރު 2022 - 17:53 3

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރިލްވާން


ރިލްވާން މަރާލާފައިވަނީ ކަރުބުރިކޮށްގެން، އެކަމުގެ ހެކި އެބަހުރި: މަރު ކޮމިޝަން

15 ޑިސެންބަރު 2022 - 17:53 3

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލާފައިވަނީ ކަރު ބުރިކޮށްލައިގެން ކަމަށާއި އެ ކަމުގައި ބައިވެރި އެންމެންގެ މައުލޫމާތާއި ހެކި ލިބިފައިވާ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. މި މައްސަލަ ތަހުގީގުކުރާތާ އަށް އަހަރުވެފައިވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު މައްސަލަ ތަހުގީގު ކުރަމުން އައީ މަރު ކޮމިޝަނުންނެވެ.

ރިޕޯޓު ރައީސް އާ ހަވާލުކުރަނީ-- ފޮޓޯ:ރައީސް އޮފީސް


މި މައްސަލާގައި ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވާފަ އެވެ. އެކަމަށް ފަހު ރައީސް އޮފީހުގައިި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަހުގީގާ ގުޅޭ ބައެއް މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ފަސްފަހަތް

ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިލްވާނަށް އަނިޔާ ލިބެން ދިމާވި ސަބަބު ދެނެގަތުމަށް އެ ދުވަސްވަރުގެ ހާލަތު ވަރަށް ގާތުން ބަލާފައިވާނެ ކަމަށެވެ. ރާއްޖެ އެ ދުވަސްވަރު އޮތް ސިޔާސީ، ދީނީ އަދި އިޖުތިމާއީ ހަމަނުޖެހުމުގެ ތެރެއިން ގޭންގުތަކުގެ ބާރާއި ހަރުކަށި ފިކުރުފަދަ ކުށްކުރުން އިތުރުކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ދުވަސްވަރު ހަރުކަށި ފިކުރާ ދެކޮޅަށް އޮތް ހިމޭން މުޒާހަރާގައި ރިލްވާން ބައިވެރިވިކަން ފާހަގަކޮށް ކޮމިޝަނުން ބުނީ ހަމަނުޖެހުންތަކެއް ހިނގައި، އެކަމުގައި ބައިވެރިވި މީހުންނަށް އިންޒާރުދީ ހަމަލާދޭނެ ކަމަށް ހަރުކަށި ފިކުރުގެ މީހުން ބުނެފައިވާ ކަމަށް ފަރީޝާ ވިދާޅުވި އެވެ.

އިންޒާރު ދިނުމުގައި ބައިވެރިވި ދެ މީހެއްގެ ނަން މަރުކޮމިޝަނުން ހާމަކޮށްފައިވެ އެވެ. އެއީ:

  1. އިސްމާއީލް އަބްދުއްރަހީމް (އިސޫ)
  2. ޖާދުﷲ އިބްރާހިމް

އޭގެ ފަހުން "ހަރުކަށި ފިކުރުގެ" ބާރު ރާއްޖޭގައި އިތުރުވެ، އެމްޑީޕީއަކީ ލާދީނީ ޕާޓީއެއްގެ ގޮތުގައި ސިފަކޮށް މަދަނީ ޖަމިއްޔާތަކުން އެއްވުމެއް 2011 ވަނަ އަހަރު ބޭއްވުމުން އެކަން އިތުރަށް ފުޅާ ވެގެން ދިޔަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސިޔާސީ ޕާޓީތަކުން ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުން، ހަރުކަށި ފިކުރުގެ ގުރޫޕުތަކަށް އިތުރު ހިތްވަރެއް ލިބުނު،" ފަރީޝާ ވިދާޅުވި އެވެ.

ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަބްދުﷲ މަރާލާފައިވަނީ ވެސް މި ހަމަނުޖެހުމުގެ ތެރެއިން އެ ބޭފުޅާއަކީ ޝިރުކަށް ހިތްވަރުދޭ މީހެއްގެ ގޮތުގައި ބުނެ ކަމަށް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.

ކޮމިޝަނުން ބުނީ އޭގެ ފަހުން ރާއްޖޭގައި ގޭންގުތަކުގެ ބާރު ފުޅާވެގެން ދިޔައިރު ވެސް، ސިޔާސީ ޕާޓީތަކުންނާއި ގޭންގުތަކުން ވެސް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން ދިއުމާއެކު، އެ ކަމުގައި އަމަލީ ގޮތުން "ހަރުކަށި ފިކުރުގެ" މީހުން ބައިވެރިވާން ފެށި ކަމަށެވެ.


އެ ދުވަސްވަރު ހިނގި ހަމަނުޖެހުމުގައި އެންމެ ގަދައަށް މީހުންނަށް އިންޒާރު ދީ އުޅުނު ދެ މީހެއްގެ ވަނަވަރު ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އެއީ:

  1. އަހުމަދު މުއާޒް (ގަޓް މުއާ)
  2. އަހުމަދު އިސްމާއީލް

އޭގެ ފަހުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު، އޭރުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ބުނީ މިކަމުގައި ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ހާނިމް ދައުރު އޮތް ކަމަށެވެ.

މި މައްސަލައިގައި ބައިވެރިވި އަހުމަދު މުއާޒަކީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އާ ގާތް މީހެއް ކަމަށް ކޮމިޝަނުން ބުނެ އެވެ.

މި ބައްދަލުވުންތަކަށް ފަހު، ސޯޝަލް މީޑިއާއާއި އެ ނޫން ވެސް ގޮތް ގޮތުން މީހުންނަށް ބިރު ދެއްކުން އިތުރުވި ކަމަށާއި މި މައްސަލަތަކުގައި އަނިޔާލިބުން ފަރާތްތަކަށް އިތުރު ބިރުވެރިލާން ޖެހުނު ކަމަށާއި އެކަމަށް ފުލުހުން ފިޔަވަޅެއް ވެސް އަޅާފައިނުވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އަނިޔާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުންނާއި އެއިރުގެ ސަރުކާރުގެ އިސްފަރާތްތަކާ ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް ކޮމިޝަނުން ތުހުމަތު ކުރެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި އެ ދުވަސްވަރު ސޯޝަލް މީޑިއާގައި "ތަފާތުފިކުރުތަކުގެ މީހުން"ގެ މެދުގައި ހިނގަމުން ދިޔަ ބަހުސްގައި ހިޔާލުތަފާތުވާ މީހުންނާ ދިމާކޮށް ބިރު ދައްކައި ޖިސްމާނީ އަނިޔާދީ، އިންޒާރު ދިނުމުގައި އެ ދެ މީހުން އުޅުނެވެ.

"އެ މީހުންނަށް ތަކުރާރުކޮށް އިންޒާރުދީ ބުނެފައި އެބަހުރި ހަތަރެސްފައި ބަނދެފައި ކަނޑުފައްތާފައި މަރާލާނެ ކަމަށް،" ފަރީޝާ ވިދާޅުވި އެވެ.

"ރިލްވާނަކީ ޓާގެޓެއް"

މި ލިސްޓުގައި ރިލްވާން ހިމެނޭކަން ހެއްކާއެކު ކޮމިޝަނަށް ސާބިތުވެފައިވާ ކަމަށާއި "މޮޔަ މީހާ"ގެ ނަމުގައި ޓްވިޓާގައި ހަރަކާތްތެރިވަމުން ދިޔައީ ކާކުތޯ ބެލުމަށް ހަރުކަށި ފިކުރުގެ މީހުން މަސައްކަތް ކޮށްފައިވާ ކަމަށް ފަރީޝާ ވިދާޅުވި އެވެ.

"އެ އަމަލުތައް ހިންގަމުން ދިޔައިރު ދިވެހި ފުލުހުންގެ ހިދުމަތުގެ ސަަމާލުކަމަށް އައިސްފައިވޭ، އެހެންނަމަވެސް އެ މައްސަލަ ފުލުހުން އިސްނަގައިގެން ބެލުމުގެ ވިސްނުމެއް ގެންގުޅެފައިނުވޭ،" ފަރީޝާ ވިދާޅުވި އެވެ.

ޖޫން، 2014ގައި ފުލުހުންގެ އިންޓެލިގެންސަށް މި މައުލޫމާތު ލިބި، ތަހުގީގުުކުރިއިރު އެކަމުގެ އިސްވެ ތިބީ ކޮންބައެއް ކަން އެނގުނުނަމަވެސް އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ ކުރިން އޭޕްރިލް މަހުގެ ތެރޭގައި ފުލުހުންގެ ތެރެއިން ރިލްވާންގެ ފޯނު އިންޓަސެޕްޓު ކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށާއި އެކަން ކުރީ ހަރުކަށި ފިކުރު މީހުންގެ ސަބަބުން ނުރައްކާވެދާނެ ކަމަށް ފާހަގަވެގެން ކަމަށް ތަހުގީގަށް ހާމަވެފައިވެ އެވެ.

"އިންޓަސެޕްޓުގެ މުއްދަތު ހަމަވެފައިވަނީ ރިލްވާން ގެއްލުނުތާ 17 ވަރަކަށް ދުވަސް ކުރިން، އެކަމުން ރިލްވާނަށް ނުރައްކާ އޮތް ކަން ހާމަވި،" ފަރީޝާ ވިދާޅުވި އެވެ.

މަރު ކޮމިޝަނުން އިތުރަށް ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރުމުގައި "ހަރަކާތްތެރިވަނީ އެއް ބައެއް ކަން އެނގޭއިރު، އެކަމަށް ރިއާޔަތް ކޮށްފައިނުވާ" ކަމަށެވެ.

މަރު ކޮމިޝަނުން ހާމަކުރި ގޮތުގައި ރިލްވާން ވަގަށް ނަގައި، މަރާލި މީހުންނާ ސީރިއާގައި ހަނގުރާމަކުރަމުން އަންނަ ދިވެހިންނާ ގުޅުން އޮވެ އެވެ. އަދި އޭގެ ބައެއް މީހުން އެ ހަމަލާއަށް ފަހު ސީރިއާއަށް ފުރައިގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.

ކޮމިޝަނުން ބުނި ގޮތުގައި މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް އަބްދުއް ރަހީމް (އިސޫ) އަކީ ރިލްވާނަށް ފާރަލީ އެކަކު ކަން ހެއްކާއެކު ކޮމިޝަނަށް ޔަގީންވެފައިވެ އެވެ. ރިލްވާނު ގެއްލުނު ރޭ އޭނާއަށް ފާރަލީ ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދު އާއި ސ. ހުޅުދޫ ހާމިދު ރައޫފެވެ. ސުއައިދުއާއި ހާމިދު ވަނީ ސީރިއަށް ހަނގުރާމައަށް ގޮސްފަ އެވެ.

ދެ މީހަކު ވެގެން ރިލްވާން އަރުވައިގެން ގެންދިޔަ ރަތް ކާރަކީ އާލިފް ރައޫފްގެ ކާރެއް ކަމަށާއި މާލޭގައި ދުއްވާ އެ ކާރު ހުޅުމާލެ ގެންގޮސްފައިވަނީ ރިލްވާން ރަހީނު ކުރުމުގެ ބޭނުމުގައި ކަމަށް ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ.

"ރިލްވާން ރަހީނު ކުރުމަށްފަހު، ޑިންގީއަކަށް އަރުވައިގެން ގެންގޮސްފައިވަނީ ކަންނެލި ދޯންޏަކަށް، ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ދިޔަ ކަމަށް ބެލެވޭ، އޭގެ ފަހުން އޭނާއަށް ކަލިމަ ލައިދީ ކަރުބުރިކޮށް މަރާލާފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވޭ،" ފަރީޝާ ވިދާޅުވި އެވެ.

ފަރީޝާ ވިދާޅުވީ މަރާލުމަށް ފަހު ރިލްވާންގެ ހަށިގަނޑު އެ މީހުން ކަނޑުފައްތާފައިވާ ކަމަށެވެ.

ރިލްވާން މަރާލުމުގައި ބައިވެރިވި ހަ މީހުން--


ދޯނީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަ މީހެއްގެ ވަނަވަރު ހާމަކުއިއިރު، އެ އެންމެން ވެސް ސީރިއާއަށް ހަނގުރާމައަށް ގޮސްފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ. އަދި އެ އެންމެން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބުނުނަމަވެސް އެކަން ރަސްމީ އިދާރާއަކުން ކަށަވަރުވެފައިނުވާ ކަމަށް ބުނެ އެވެ.

ރިލްވާނަށް މަރާލުމަށް ހިންގި ހާދިސާއަކީ ވަރަށް ދުރާލާ ރާވައިގެން ހިންގި އަމަލެއް ކަމަށް މަރު ކޮމިޝަނުން ބުނެ އެވެ. އަދި އެކަން ހިނގި އޮޅުވާލުމަށް ސަރުކާރުގެ އެކި ފަރާތްތަކުން އެއިރު މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މިހާތަނަށް މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. ލެގޫން، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލްގެ އިތުރުން އަހްމަދު މުއާޒްގެ މައްޗަށެވެ.