Advertisement

ފައިސަލް ދަންޖެހުނު މައްސަލައިގައި ހޯމް މިނިސްޓަރު ފުލުހުން ދިފާއުކޮށްފި

15 ޑިސެންބަރު 2022 - 12:55 0

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފައިސަލް ދަންޖެހުނު މައްސަލައިގައި ހޯމް މިނިސްޓަރު ފުލުހުން ދިފާއުކޮށްފި

15 ޑިސެންބަރު 2022 - 12:55 0

ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލިކަމުގެ ތުހުމަތު ކުރެވޭ އަބޫބަކުރު ފައިސަލް އޭނާ ބަންދުކޮށްފައި ހުރި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ޖަލު ގޮޅި ތެރޭގައި ދަންޖެހުނު މައްސަލައިގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ އިދާރާ ދިފާއު ކުރައްވައިފި އެވެ.

މި ނޫހަަށް އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ފައިސަލް ދަންޖެހުނީ ނިދަން ބޭނުން ކުރާ ބާލީހުގެ އުރައެއް ޖަލުގެ ތޭރިގަނޑުގައި އައްސައިގެނެވެ.

ފައިސަލްގެ ރައްކާތެރިކަން ފުލުހުންނަށް ކަށަވަރުނުކޮށްދެވުނު މައްސަލައިގައި ފާޑުކިޔުން އަމާޒުވެފައި އޮއްވާ "އަދަދު" އާ ވާހަކަ ދައްކަވަމުން އިމްރާމް ވިދާޅުވީ ފުލުހުން ދިޔައީ ގަވާއިދުން ކޮންމެ 10 މިނެޓަކުން ފައިސަލް މޮނީޓާ ކުރަމުން ކަމަށެވެ.

"ދަންޖެހިފައި ހުއްޓައި ފެނިގެން ގޮސް އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީ. އޭނާ މޮނިޓަ ކުރެވެމުން ދިޔައީމަ ފުރާނަ ސަލާމަތުން ހުއްޓައި ފަރުވާ ދޭން ގެންދެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އދ. ފެންފުއްޓަށް އުފަން ފައިސަލް، 32، ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވެހެވެ. އޭނާ ދަންޖެހުނީ އޭގެ ތިން ދުވަސް ފަހުންނެވެ. މިހާރު އޭނާއަށް ފަރުވާދެމުން ދަނީ އޭނާ ހައްޔަރުކުރި ރަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލަތު ވަރަށް ދެރަ ކަމަށް ހޮސްޕިޓަލުން ބުނާއިރު ނޭވާ ލައްވަނީ މެޝިނެއްގެ އެހީގަ އެވެ.

އެ ހާދިސާ ހިނގުމާއެކު ހިއުމަން ރައިޓްސް ކޮމިޝަން، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވީސް އަށް އަންގައިގެން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި "އެއްވެސް މީހެއްގެ އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ" ކަމަށް އިމްރާން ވިދާޅުވި އެވެ.

އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސްއަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރު އައްޔަނު ކުރާ މަގާމެކެވެ. މިހާރު އެ މަގާމުގައި ހުންނެވީ ނޫރާ މުހައްމަދެވެ. ހޯމް މިނިސްޓްރީން ބުނީ އެ މައްސަލަ ނޫރާ ބައްލަވަމުން ގެންދަވާ ކަމަށެވެ. އޭނާ ތައްޔާރުކުރާ ރިޕޯޓް ފޮނުވަން ޖެހޭނީ މިނިސްޓަރަށެވެ.

އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސްގެ ބައެއް ޒިންމާ


- ޖަލެއްގައި މީހުންނަށް އަނިޔާކުރެވޭ ކަމަށް ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން، - ޖަލެއްގައި މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއް ދީފިނަމަ، އެކަން ބަލައި ތަހުގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން. - ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ތިބޭ ތަންތަނާއި، އެމީހުންނާމެދު އަމަލުކުރެވޭ ގޮތް ބަލައި ރިޕޯޓުކުރުން.

ކަސްޓޯޑިއަލްތަކާއި ޕޮލިސް ސްޓޭޝަންގެ ހާލަތު

ހިއުމަން ރައިޓްސް ރިޕޯޓުގައި ޕޮލިސް ސްޓޭޝަންތަކުގެ ހާލަތު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އެ ތަންތަނުގައި މީހުން ބަންދުކުރުމަށް ބޭނުންކުރާ ގިނަ ގޮޅިތަކަކީ ގުދުރަތީ އަލިކަމާއި، ފިނި ހޫނުމިން އަދި ވައި ދައުރުވާނެ ގޮތަށް ފަރުމާކޮށްފައިވާ ގޮޅިތަކެއް ނޫނެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ފޮތް ކިޔާލެވޭ މިންވަރަށް ގޮޅިތަކަށް އާޓިފިޝަލް އަލި ނުލިބޭތީ އެކަންކަން ރަނގަޅުކުރަން ވަނީ އަންގައިފަ އެވެ.

"ނަމަވެސް އެދެވޭވަރަކަށް އިސްލާހީ ފިޔަވަޅުއަޅާފައި ނުވާ ކަންތައްތައްކަން ފާހަގަކުރެވިފައިވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރަށް މޮނިޓަ ކުރެވޭ ގޮތަށް ސީސީޓީވީ ހަރުކުރެވިފައި ނެތްކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ހިއުމަން ރައިޓްސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން


- ގިނަ ޕޮލިސް ސްޓޭޝަންތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި އަންހެނުން ބައިތިއްބަން ހާއްސަ ގޮޅިތަކެއް ނުހުރުން - ކަސްޓޯޑިއަލްތަކުގައި ބަންދު ކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ތަހުގީގަށް ބަންދުގައި ބައިތިއްބާ މީހުން ވަކިން ބޭތިއްބޭނެ އިންތިޒާމް ހަމަޖެހިފައި ނުވާކަން. - ކަސްޓޯޑިއަލްތަކުގައި ބަންދު ކުރާ މީހުންގެ ތެރެއިން ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ތަހުގީގަށް ބަންދުގައި ބައިތިއްބާ މީހުން ވަކިން ބޭތިއްބޭނެ އިންތިޒާމް ހަމަޖެހިފައި ނުވުން - ބަންދުކޮށްފައިވާ މީހުން ކަސްރަތަށް ނުނެރުން - އެންމެ ކަސްޓޯޑިއަލްއެއް ފިޔަވައި އެހެން ކަސްޓޯޑިއަލް ތަކުގައާއި، ޕޮލިސް ސްޓޭޝަންތަކުގައި ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެކަމަށް ހާއްސަ ފަންނީ މީހުން އެ ތަންތަނުގައި ނުތިބުން.

އިސްލާހީ ފިޔަވަޅު އަޅަންޖެހޭ އެހެން ކަންކަން ވެސް ހިއުމަން ރައިޓްސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.