14 ޑިސެންބަރު 2022 - 18:03 3
މުހައްމަދު ޝަހްޒާން
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އެ ރަށު ކައުންސިލާއި ފިކްސް އިން މެރިން ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: މިރާޝް / އަދަދު
14 ޑިސެންބަރު 2022 - 18:03 3
މާލެ އަތޮޅު ހުރާގައި ޒަމާނީ ފެންވަރަށް ބޯޓު ޔާޑެއް ތަރައްގީކޮށް ހިންގުމަށް އެރަށުން ބިމެއް ކަނޑައަޅައި، އެ މަސައްކަތް ކުރުމަށް ފިކްސް އިން މެރިން ޕުރައިވެޓު ލިމިޓެޑާ ހަވާލުކޮށްފި އެވެ.
އެ ރަށު ހުޅަނގު ފަރާތުން ބޯޓު ޔާޑު އެޅުމަށް ކަނޑައަޅާފައިވާ، އެއްލައްކަ އަކަފޫޓުގެ ހުސް ބިން ރަސްމީކޮށް ފިކްސް އިން މެރިންއާ ހަވާލުކުރީ އެކަމަށް ހާއްސަކޮށް ކ. ހުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހިމް ނަސީމް ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ކ.އަތޮޅު ކައުންސިލްގެ ރައީސް، އަހުމަދު ނިމާލްއާއި ހުރާ ކައުންސިލްގެ ރައީސް އަދި އިސްވެރިންގެ އިތުރުން ފިކްސް އިން މެރިންގެ ވެރިންނާއި އެ ރަށުގައި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ފިކްސް އިން މެރިންގެ ބައެއް އިސްވެރިން -- ފޮޓޯ: މިރާޝް / އަދަދު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް، އީސާ އަހުމަދު ވިދާޅުވީ ހުރާގައި ބޯޓު ޔާޑެއް ތަރައްގީކޮށް ހިންގަން ފެށުމަކީ އެރަށުގެ ރައްޔިތުންނަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން ޒަމާނުއްސުރެ އޮޑިދޯނިފަހަރު އެހެލުމަށް ބޭނުން ކުރަމުން އައި ގޮތްތަކަކީ ނުރައްކާ ބޮޑު އަދި އެހާމެ ގިނަ ވަގުތު އެކަމަށް ހޭދަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޯޓު ޔާޑު އެޅުމުގެ ސަބަބުން، އޮޑިދޯނިފަހަރު އެހެލުމާއި މަރާމާތުގެ މަސައްކަތްތަކަށް ހޭދަވާ ވަގުތުގެ އެތައް ގުނައެއް ސަލާމަތްވާނެ، އަދި މި ފުރުސަތުގައި، މި ރަށުގެ އޮޑިދޯނިފަހަރު މި ޔާޑަށް އެހެލުމަށް އެއްވެސް ފީއެއް ނުނަގާނެކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ފިކްސް އިން މެރިންއާ އެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އާންމު އިޖުތިމާއީ ޒިންމާގެ ގޮތުގައި 30 އަހަރުގެ ތެރޭގައި ޖުމްލަ 204 މިލިއަން ރުފިޔާ ހުރާގެ ތަރައްގީއަށް އެ ކުންފުނިން ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ޕުރޮޖެކްޓުގެ ސަބަބުން އެރަށުގެ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުގެ ޒަމާނީ ޑޮކު ޔާޑެއް ހުރާގައި ތަރައްގީކުރުމަށް ފިކްސް އިން މެރިންއާ މިއަދު ހަވާލު ކުރި އިރު، ކާފު އަތޮޅުގައި އޮޑިދޯނިފަހަރު އެހެލުމަށް އެކަށީގެންވާ އަދަދަކަށް ޑޮކު ޔާޑު ނެތުމުގެ ސަބަބުން ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ގިނަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ.
ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހިދުމަތް ދޭން ފެށޭނެ ކަމަށް ފިކްސް އިން މެރިން އިން ލަފާކޮށްފައިވާ މި ޔާޑާ އެކު އެ ސަރަހައްދުގެ ގިނަ ރަށްރަށުގައި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފިކްސް އިން މެރިން އަކީ 2018، ވަނަ އަހަރުން ފެށިގެން އޮޑިދޯނިފަހަރާއި ސްޕީޑު ލޯންޗު ބަނުމުގެ ހިދުމަތާއި އެ އުޅަނދުތައް މަރާމާތު ކުރުމުގެ ހިދުމަތް ދެމުން އަންނަ ސައްތައިން ސައްތަ ދިވެހި ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ އަމިއްލަ ޑިޒައިންއަށް ލޯންޗުގެ ހަލްގަނޑު ތައްޔާރުކޮށް ވިއްކުމުގެ ވިޔަފާރި ވެސް ކުރަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ތުލުސްދޫ ދާއިރާގެ މެންބަރު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: މިރާޝް / އަދަދު
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ވިދާޅުވީ، މިއަދު މިފެންނަނީ ކައުންސިލްތަކުން އަމިއްލައަށް އިސްނަގައިގެން ރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރާތަން ކަމަށާއި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ފޮނިމީރުކަން ލިބޭނީ މި މަގުން މަސައްކަތް ކޮށްގެން ކަމަށެވެ.
އަދި މިއަދު މި ވެވުނު އެބަސްވުމާ އެކު ހުރާގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށާއި ރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ފައިދާތަކެއް ވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރާ ކައުންސިލާއި ފިކްސް އިން މެރިންއާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ރަށުގައި ތަރައްގީ ކުރާ ޔާޑުގައި އޮޑިދޯނިފަހަރާއި ލޯންޗުފަހަރު ބަނުމުގެ މަސައްކަތާއި އެ އުޅަނދުތައް މަރާމާތު ކުރުމުގެ ހިދުމަތް ވެސް ދެމުން ދާނެ ކަމަށް ފިކްސް އިން މެރިން އިން ބުނެ އެވެ.
Comment