Advertisement

ކާވާ ވިމެންސް ލީގުގަައި ހުރާ އަށް ވަރުގަދަ ފެށުމެއް

about 2 hours 0

ހުރާ އާއި ހޫމޯ ރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ކާވާ ވިމެންސް ލީގުގަައި ހުރާ އަށް ވަރުގަދަ ފެށުމެއް

about 2 hours 0

މާލޭގައި އިއްޔެ ފެށި، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ލީގުގައި ރާއްޖެ ތަމްސީލުކުރާ އެއް ޓީމު ކަމަށްވާ ހުރާ ކޮމިއުނިޓީ ކްލަބުން ކުޅުނު ފުރަތަމަ މެޗުން ރަނގަޅު މޮޅަކާ އެކު ވަރުގަދަކޮށް ފަށައިފި އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމެއްގެ ކްލަބްތަކުން ވާދަކުރާނެ އެވެ. އެއީ، ސްރީ ލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް، ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް، އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ. ގްރޫޕް އޭގައި ހިމެނެނީ، ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާން އެވެ. ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރާ އެެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި، ކަޒަކްސްތާންގެ ޓުރާން އިން ވަނީ ސީދާ ތިން ސެޓުން ލަންކާގެ ހިރުދަަރަމާނީ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ، 25-11، 25-08 އަދި 25-20 އިންނެވެ. ގްރޫޕް ބީގައި ރޭ ހުރާ އިން ހޫމޯ އަތުން ވެސް ސީދާ ތިން ސެޓުން މޮޅުވި އެވެ. ސެޓުތައް ދިޔައީ، 26-24، 25-20 އަދި 25-20 އިންނެވެ.

ގައުމީ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ޓީމުގައި ހިމަނައިގެން ކުޅެމުން އަންނަ ހުރާ އިން ރޭ ހޫމޯ ކައިރީގައި ޕްރެޝަރު ވަގުތުތަކުގައި ވެސް މޮޅު ކުޅުމެއް ދައްކައި، ހިތްވަރުން މެޗު ކާމިޔާބުކުރި އެވެ. ގައުމީ ވޮލީ ޓީމުގެ މާޔާ ހުސެެއިން ސޮލާހު އާއި އައިމިނަތު ޝަހާ ޝާމިން ވެސް ހުރާ ޓީމަށް ކުޅެ އެވެ.

މިއީ، ބައިނަލްއަގުވާމީ މި ލެވަލްގެ ވޮލީ މުބާރާތެއްގައި ހުރާ އިން ކުޅޭ ފުރަތަމަ ފަަހަރެވެ. މިދިޔަ އަހަރުގެ ވޮލީ ސީޒަނެކޭ އެއްގޮތަށް ހުރާ އިން މި މުބާރާތުގައި ވެސް ކުޅެމުން އަންނަނީ ގައުމީ އަންހެން ޓީމަށް އެންމެ ފަހުން ބޭއްވި ކާވާ މުބާާރާތުގައި ރިހި މެޑަލް ހޯދައިދިން ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގަ އެެވެ.

ހުރާ އިން މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އީރާނުގެ ފޫލާދުއާ އެވެ.