Advertisement

ފައިސަލްގެ ސަލަމާތްތެރިކަން ޔަގީންނުކުރެވުނު ސަބަބު ބުނެނުދެވުނު

13 ޑިސެންބަރު 2022 - 12:26 3

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފައިސަލް: އޭނާގެ ހާލު އަދިވެސް ކްރިޓިކަލް


ފައިސަލްގެ ސަލަމާތްތެރިކަން ޔަގީންނުކުރެވުނު ސަބަބު ބުނެނުދެވުނު

13 ޑިސެންބަރު 2022 - 12:26 3

ހދ. ނޮޅިވަރަމް ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް, އޭނާ ބަންދުކޮށްފައި ހުރި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅިތެރޭގައި ދަންޖެހި ހާލުދެރަވެފައި ވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ ސަލާމަތްތެރިކަން ޔަގީންނުކޮށްދެވުނީ ކީއްވެގެންކަން ބުނަން ފުލުހުން އިންކާރުކޮށްފި އެވެ.

ނިޝާމާ، 28، މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގަ އެވެ. އެއިރު ފައިސަލް، 32، ހުރީ ފިލައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. އޭނާ ހައްޔަރު ކުރީ އެތަނުގެ ޕޮލިސް ސްޓޭޝަނަށް ދިޔުމުންނެވެ. ދަންޖެހުނީ ރޭގެ ވަގުތެއްގަ އެވެ.

އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން، ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވަނީ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހަދައިފަ އެވެ.

ފައިސަލް މިވަގުތު އޮތީ ކުޅުދުއްފުށި ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އޭނާގެ ހަށިގަނޑުން ނޭވާ ލެއްވުމަށް ޑޮކްޓަރުން އޮތީ މެޝިނު ގުޅައިފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ފައިސަލް އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ކްރިޓިކަލް ކަމަށެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ރޭ ފައިސަލް އަމިއްލަ އަށް މަރުވާން އުޅުނު މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އަންނަނީ ބަލަމުންނެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނީ އެ ކޮމިޝަންގެ ޓީމެއް މިއަދު ކުޅުދުއްފުއްޓަށް ގޮސް ތަހުގީގު ކުރަން ފަށާނެ ކަމަށެވެ.

ކަސްޓޯޑިއަލްތަކާއި ޕޮލިސް ސްޓޭޝަންތަކުގެ ހާލަތު ގޯސް

އެޗްއާރުސީއެމްއެޗުން ނެރެފައިވާ ހިއުމަން ރައިޓްސް ރިޕޯޓް 2021 ގައި ބުނެފައި އޮތީ ކަސްޓޯޑިއަލްތަކުގެ ހާލަތު ވަރަށް ގޯސް ކަމަށާއި ސިއްހީ ފަރުވާ ދެވޭނެ ނިޒާމެއް އެތަންތަނުގައި ގާއިމްވެފައި ނެތް ކަމަށެވެ. އަދި ޕޮލިިސް ސްޓޭޝަންތަކާއި ކަސްޓޯޑިއަލްތަކުގައި އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނުތިބޭ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އެންމެ ކަސްޓޯޑިއަލެއް ފިޔަވައި އެހެން ކަސްޓޯޑިއަލްތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ހާއްސަ ފަންނީ މީހަކު ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސްލާހުކުރަން އަންގާފައިވާ ކަންކަމުގެ ތެރެއިން ފުރިހަމަ އަށް އިސްލާހުކޮށްފައިވަނީ 30 ވަރަކަށް ޕަސެންޓެވެ. ބައެއް ކަންކަމުގައި އިސްލާހީ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކޮށްފައިވާއިރު އެއްގޮތަކަށް ވެސް ރަނގަޅުކޮށްފައި ނުވާ ކަންކަން އެބަ ހުއްޓެވެ.

ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ނިޝާމާގެ އާއިލާއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަ ހުރި ހަމައެކަނި ޒަހަމަކީ ކަރުގައި ހުރި ކުޑަ ޒަހަމެކެވެ.