Advertisement

މާމެންދޫ އުތުރުކޮޅު ބޮޑު ބައެއް ގިރައިފި؛ ކައުންސިލް ޖަލްސާ ގިރަމުންދާ ގޮނޑުދޮށުގެ ހޭޅިފަށުގައި

13 ޑިސެންބަރު 2022 - 11:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރަށުގެ ގިރަމުންދާ ގޮނޑުދޮށުގެ ހޭޅިފަށުގައި ބާއްވަމުންދާ މާމެންދޫ ކައުންސިލް ޖަލްސާ - ފޮޓޯ: މާމެންދޫ ކައުންސިލް


މާމެންދޫ އުތުރުކޮޅު ބޮޑު ބައެއް ގިރައިފި؛ ކައުންސިލް ޖަލްސާ ގިރަމުންދާ ގޮނޑުދޮށުގެ ހޭޅިފަށުގައި

13 ޑިސެންބަރު 2022 - 11:23 0

ގއ. މާމެންދޫ އުތުރުކޮޅު ގޮނޑުދޮށް ގިރަމުންދާ މައްސަލަ ހައްލުކުރަން ސަރުކާރަށް މިދިޔަ ފަސް އަހަރު އެއްވެސް ކަމެއް ކުރެވިފައި ނެތުމުން އެ ކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ރަށު މޫދު ސަރަހައްދުގައި ރަށު ކައުންސިލްގެ ޖަލްސާ ބާއްވައިފި އެވެ.

އެ ސަރަހައްދު ގިރަމުންދާ މައްސަލަ ބޮޑުވެ 2018 ވަނަ އަހަރުން ފެށިގެން، އެކި ގޮތް ގޮތަށް ކައުންސިލުން ދިޔައީ ސަރުކާރާއެކު މަޝްވަރާ ކުރަމުންނެވެ.

ރަށުގެ އުތުރުކޮޅު މޫދު ސަރަހައްދުގައި މިއަދު ހެނދުނު 10:00 ޖަހާއިރު ފެށި ކައުންސިލް ޖަލްސާގެ އެޖެންޑާގައި އޮތީ ވެސް ރަށުގެ ގިރާ ސަރަހައްދާ ގުޅޭ ގޮތުން ކައުންސިލްގެ މެންބަރުން ވާހަކަ ދެއްކުމެވެ. ކައުންސިލްގެ ފަސް މެންބަރުން ވެސް އެ ޖަލްސާގައި ބައިވެރިވި އެވެ.

މާމެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އެ ޖަލްސާ ދަނީ ލައިވް ކުރަމުންނެވެ.

ކައުންސިލްގެ ނައިބު ރައީސް މިސްބާހް މުޖުތަބާ "އަދަދު" އަށް ވިދާޅުވީ މިއަދުގެ ޖަލްސާ މޫދުގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މި މަހުގެ 23 އަދި 24 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް އޮތުމުން، އޭގެ ކުރިން އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

"އުތުރުކޮޅު ސަރަހައްދު ބޮޑަށް ގިރަމުން ދަނީ، އެ ސަރަހައްދުން މިހާރު ވެސް 80 އަށް ވުރެ ގިނަ ރުށް ގިރައިގެން ގޮސްފައިވޭ، އަދި އެއީ މީހުން ދިރިއުޅޭ ސަރަހައްދެއް، އެހެންވެ ބޮޑަށް ކަންބޮޑުވުންތައް މި އޮތީ ވެސް،" މިސްބާހް ވިދާޅުވި އެވެ.

މިސްބާހް ވިދާޅުވި ގޮތުގައި، އެންވަޔަރަމަންޓް މިނިސްޓަރަކަށް ޑރ. ހުސައިން ރަޝީދު ހަސަން ހުންނެވި އިރު ރަށަށް ވަޑައިގެން އެ ސަރަހައްދު ބެއްލެވި އެވެ. އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއެކު، މާލޭގައި ކައުންސިލް މެންބަރުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ.

"މިނިސްޓްރީގެ ބަޖެޓްގެ ދަތިތަކެއް ހުރި ކަމަށް، އެ ދުވަހު ވަރަށް ތަފްސީލްކޮށް މިނިސްޓްރީގެ ބޭފުޅުން އެ ވާހަކަތައް އަޅުގަނޑުމެންނަށް ކިޔައިދެއްވި، އެކަމަކު އަދި އަދަށް އެއްވެސް ކަމެއް ކުރެވިފަ ނެތުމުން، އެ ކަން ސަމާލުކަމަށް ގެންނަން މިއަދު މޫދުގައި ޖަލްސާ މި ބާއްވަނީ،" މިސްބާހް ވިދާޅުވި އެވެ.


ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ޖަލީލް ވަނީ ކައުންސިލްގެ ފަރާތުން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކުރެވިފައިވާ މަސައްކަތްތައް ވެސް މި ނޫހާ ހިއްސާކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީއަށް އެ މައްސަލާގައި ސިޓީ ފޮނުވާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އެއިން ކޮންމެ މިނިސްޓްރީއަށް ވެސް އަހަރަކު އެތައް ސިޓީއެއް ފޮނުވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުތުރުކޮޅު ސަރަހައްދުން މިހާތަނަށް 300 ފޫޓާއި 400 ފުޓާ ދެމެދުގެ ސަރަހައްދެއް ގިރައިގެން ގޮސްފައިވާ ކަން އެ ސިޓީތަކުގައި ފާހަގަކޮށްފައި އޮންނާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އަދި މިހާރު މީހުން ދިރިއުޅޭ ސަރަހައްދާއި ގޮނޑުދޮށް ސަރަހައްދާ ދެމެދު އުޅޭނީ 30 އެއްހާ ފޫޓު ކަމަށެވެ.

"ރަށުގެ އާބާދުވެފައިވާ ސަރަހައްދު ކަމުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގިނަ ގެތަކުގެ ވަޅުފެން ވަނީ ލޮނުވެފަ، ދިރިއުޅޭ ބައެއް ފަރާތްތަކަށް ސިއްހީ މައްސަލަތައް ދިމާވެ ގޯތިތަކުގައި ހައްދާފައި ހުރި ބައެއް މޭވާ ގަސްތައް މަރުވެފަ އެބަ ހުރި،" އަބްދުލް ޖަލީލް ވިދާޅުވި އެވެ.