11 ޑިސެންބަރު 2022 - 22:14 0
އައިޝަތު ނުޒުހާ
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ؛ ރައީސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވާފައި--- ފޮޓޯ: ރައީސް އޮފީސް
11 ޑިސެންބަރު 2022 - 22:14 0
މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން، މަސްވެރިންގެ މެދުގައި ފައިސާ ބެހުމަށް ގެންގުޅޭ ބޭންކު ޓްރާންސްފާ ލިމިޓު އިތުރުކޮށްދީ، ކްރެޑިޓަކާއެކު ބޭނުންވާ މިންވަރަށް ތެޔޮ ލިބޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގދ. ފަރެސްމާތޮޑާގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތަކާއި ހުރަސްތައް ގިނަ ކަމަށާއި އަދި ވަކީން ހާއްސަކޮށް ހުވަދޫގެ މަސްވެރިންނަށް ވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.
ރައީސް ދެން އިޝާރާތް ކުރެއްވީ މިއަދު ހަވީރު ފަރެސްމާތޮޑާގެ މަސްވެރިންނާ ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި ބައެއް ކަންބޮޑުވުންތަކަށެވެ.
އެގޮތުން، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކުގެ ޓްރާންސްފާ ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގައި މަސްވެރިން މިއަދު ހަވީރު ވަނީ ފާހަގަކޮށްފަ އެވެ.
މިކަމާ ގުޅިގެން ރައީސް މިރޭ ވިދާޅުވީ އޮޑިވެރިން މަސްވެރިންނަށް މިހާރު ޓްރާންސްފާ ކުރެވެނީ ދެ ލައްކަ ރުފިޔާކަމަށް ވުމުން އެކަމުގެ ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެއީ އެކަން ވާން ޖެހޭނެ ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ވެސް އެހެން ވިޔަފާރިވެރިންނެކޭ އެއްވަރަށް ޓްރާންސްފާ ކުރެވޭނެ އުސޫލެއް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ޔަގީންކޮށް ތިބޭފުޅުންނަށް ކުރިމަތިވެފައިމިވާ ދަތި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހައްލު ކޮށްދޭނެ ކަމުގެ ޔަގީން ކަން" ރައީސް ވިދާޅުވި އެވެ.
މަސްވެރިން ފާޅުކުރި އަނެއް ކަންބޮޑުވުމަކަށް ރައީސް ފާހަގަކުރެއްވީ މަސްވެރިންނަށް ޑިސްކައުންޓު ޜޭޓުގައި ތެޔޮ ލިބުން ދަތިވުމެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ތިޔަބޭފުޅުން ބޭނުންވާ ގޮތަށް ޑިސްކައުންޓު ރޭޓުގައި އެސްޓީއޯއީން ތެޔޮ ހަމަޖައްސައިދިނުން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް ކްރެޑިޓު ލިބޭ ގޮތަށް ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް ތެޔޮ ލިބޭނެ ގޮތް އެސްޓީއޯއިން ލަސްނުކޮށް ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment