Advertisement

"މިއީ އަނިޔާވެރިކަމުގެ އިންތިހާ"؛ ފައިސަލްގެ 'މަޅީގައި' ޖެހުމާއި ސަލާމަތްވީ ގޮތުގެ ވާހަކަ ކުރީގެ އަނބިމީހާގެ ދުލުން

12 ޑިސެންބަރު 2022 - 12:24 42

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


"މިއީ އަނިޔާވެރިކަމުގެ އިންތިހާ"؛ ފައިސަލްގެ 'މަޅީގައި' ޖެހުމާއި ސަލާމަތްވީ ގޮތުގެ ވާހަކަ ކުރީގެ އަނބިމީހާގެ ދުލުން

12 ޑިސެންބަރު 2022 - 12:24 42

"އުނަގަނޑާ ދިމާލަށް ދިއްކުރީ ވަޅި، ދިއްކޮށްފައި ބުނީ ވަޅި ހަރާލާނީ ހެއްޔޯ ނޫނީ ތިމަންނަ މި ބުނާ ގޮތަށް [ބައްޕައަށް ފޯނުން ގުޅާފައި] ބުނާނީ ހެއްޔޯ، ބުނާށޯ ބައްޕާއޭ ތިމަންނަ ބަނޑު ބޮޑޭ، ފައިސަލްއާ ކައިވެނި ކުރަންށޭ ބޭނުމީ،"

މިއީ މީގެ 14 އަހަރު ކުރިން، އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލްގެ އަލަތު ބައިވެރިޔާއާ ޒަވާޖީ ގޮށް ޖެހިގެން އައި ގޮތެވެ. އޭރު އޭނާގެ އުމުރުން އެންމެ 18 އަހަރެވެ. އޭރު ވެސް އޭނާގެ ހިތުގައި ޖަހަމުން ދިޔައީ އަގަލުކުޑަކަމުގެ ވިންދެވެ. ލަމުން ދިޔައީ ރަހުމުކުޑަކަމުގެ ނޭވާ އެވެ.

ނެތް ހިތްވަރު ލާފައި އެ ވާހަކަތައް މި ނޫހާ ހިއްސާ ކުރީ ފައިސަލްގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް އެންމެ ފުރަތަމަވި ޅ. ނައިފަރު، ސީނިއާގެ، އާމިނަތު މަޝީއާ އެވެ;

އެއީ ދެހާސް އަށްވަނަ އަހަރެވެ. މަޝީއާއަށް އެންމެ ފުރަތަމަ އައީ ފޯނު ކޯލެކެވެ. ގުޅީ ނުދަންނަ ނަންބަރަކުން ވީމާ އޭނާ އެ ކޯލަށް ޖަވާބެއް ނުދިނެވެ. ނަމަވެސް ތަކުރާރުކޮށް އޭނާގެ ފޯނަށް އެ ނަންބަރުން ގުޅަމުންދިޔަ އެވެ. ދެންވެސް ރިންގުވަމުންދިޔަ ފޯނަށް މަޝީއާ ދިނީ ބީރު ކަންފަތެކެވެ.

"ދެން ކުރީ މެސެޖެއް، މަޓީއޭ ކިޔާފައި، އެއީ ކާކުތޯ ބަލަން ބޭނުންވީ އެހެންވެ، މަޓީއަކީ ވަރަށް ގާތް މީހުން އެކަނި ކިޔާ ނަމެއް،" މަޝީއާ ކިޔައިދިނެވެ.

އެ ދެ މީހުންގެ ލޯބީގެ ފަސާނާ ފެށުނީ އެ ހިސާބުންނެވެ. ބައްތި ފޯނުން ފޮނުވަމުންދިޔަ މެސެޖުތައް ފޭސްބުކަށް ބަދަލުކޮށްލީ ފައިސަލް އަކީ ކޮންކަހަލަ ކާކު ކަމެއް ކުޑަކޮށް ވެސް އެނގިގެނެއް ނޫނެވެ. އޮންލައިންކޮށް ދެކެވެމުންދިޔަ ވާހަކަ އާއި ފޯނުން ކިޔައިދެމުންދިޔަ ތަރާނާއިން ސޯޅަ އަހަރުގެ މަޝީއާގެ ހިތް ދަމައިގަންނާކަށް ފައިސަލްއަށް އުނދަގޫ ކަމަކަށް ނުވި އެވެ.

"އެއީ ރޯދަ މަހެއް، ފައިސަލް އައީ މިރަށަށް ދަރިފުޅާ ބައްދަލު ކުރަން، އަހަންނަށް އޭނާ ފެނުނީ ވަރަށް ރަނގަޅު ކުއްޖެއްގެ ގޮތުގައި،" ނޭނގި ނަމަވެސް އަނިޔާވެރިއެއްގެ އަތްދަށަށް ދަރިފުޅު ދޫކޮށްލެވުނު ސަބަބު މަޝީއާގެ ބައްޕަ ކިޔައިދިނެވެ.

ނައިފަރު، ސީނިއާގެ، އަލީ މުހައްމަދު ބުނީ ފައިސަލްއާ ފުރަތަމަ ބައްދަލުވިއިރު ފައިސަލް އަކީ އޯގާތެރި ހެދުމެއްގައި ހުރި އަނިޔާވެރިއެއްކަން ނޭނގޭ ކަމަށެވެ.

އެ ރަށަށް ފައިސަލް ދިޔަތާ މާގިނަ ދުވަހެއް ނުވެ ކައިރީގައި އޮތް ކުރެންދޫއަށް ފައިސަލްއާ އެކު ދެތިން ދުވަހަކަށް ޖައްސާލުމުގެ އިޒުނައަކަށް އަލީ ގާތުގައި މަޝީއާ އެދުނެވެ. މާބޮޑު ވިސްނުމަކާ ނުލައި އެރަށަށް ދިޔުމުގެ ހުއްދަ މަޝީއާއަށް އޭނާ ދިނީ އެއީ މަޝީއާގެ ބޮޑުދައިތައެއް އުޅޭ ރަށަކަށް ވުމުންނެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ފުރަތަމަ ދަމުގައި ނައިފަރުން ފުރައިގެން އަލީގެ ލޮލުގެ ކޮއި ފަދަ ދަރިފުޅު ފުރައިގެންދިޔައީ ފައިސަލްގެ ކެހިވެރި ރޭވުމެއްގެ ދަށުން އަނިޔާގެ ކިއްލާއަކަށް ކަމެއް ކުޑަކޮށް ވެސް އޭނާއަށް ރެޔަކާއެއް ނުލަ އެވެ.

އެ ދެމީހުން ކުރެންދޫއަށް ދިޔަތާ ހަތަރުވަރަކަށް ގަޑިއިރު ފަހުން އޭނާއަށް އައީ ކޯލެކެވެ. މިފަހަރު މަޝީއާ އެދުނީ ޑޮކްޓަރަށް ދައްކާލަން މާލެ ދިޔުމުގެ އިޒުނައަށެވެ. އަލީ ބުނީ އެ ދުވަސްކޮޅަކީ މަޝީއާ ވަރަށް ގަދައަށް ބޮލުގައި ރިއްސާތީ އުޅުނު ދުވަސްކޮޅެއް ކަމުން މާލެ ދިޔުމުގެ ހުއްދަ ދިނީ އަނބިމީހާއާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"ފައިސަލް ބުނީ ކައިވެނި ކުރާށޭ ބޭނުމީ، އެހެންވެ ތެލެސީމިއާ ޓެސްޓު ހަދަން ދިޔައީ،" ބައްޕަ ގާތުގައި ޑޮކްޓަރަށް ދައްކަން ކަމަށް ބުނެފައި މަޝީއާ މާލެ އައީ ހަތް ދުވަސް ތެރޭގައި އަނބުރާ ރަށަށް ގެންދާނެ ކަމަށް ފައިސަލްވީ ވައުދުގެ މައްޗަށް ބުރަވެ ކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް މާލޭ ފަސްގަނޑުގައި ފައި ޖެހުމާ އެކު ފައިސަލްގެ އަސްލު ކުލަވަރު ފާޅުވެ ހާމަވާން ފެށި އެވެ. މާލެއަށް އައިސް ތެލެސީމިއާ ޓެސްޓު ހެދުމަށްފަހު ރަށަށް ގެންދިޔުމުގެ ބަދަލުގައި މަޝީއާ ގޮވައިގެން ފައިސަލް ފުރީ އޭނާގެ އުފަން ރަށް، އދ. ފެންފުއްޓަށެވެ. ހަފްތާއެއް ފާއިތުވެގެންދިޔަ އިރު ވެސް މަޝީއާ އަނބުރާ ރަށަށް ފޮނުވުމުގެ ހިޔާލެއް ފައިސަލް ނުކުރި އެވެ. އެ ދެމީހުންގެ ލޯބީގެ ބަގީޗާގައި އެތައް މަލެއް ފޮޅުވި މަޝީއާގެ ފޯނު ވެސް ބިންމައްޗަށް ޖަހާ ފުނޑުފުނޑު ކޮށްލީ އާއިލާއަށް ގުޅައިގެން ދިރިއުޅޭ ތަނެއްގެ ހަބަރު މަޝީއާ ކޮށްފާނެތީ އެވެ.

އުފާވެރި ހަޔާތެއް ފެށުމުގެ ފޮނި އުއްމީދުގައި މަޝީއާ ފެށި ދަތުރު ނާމާންކަމާއި ބިރުވެރިކަމަށް ބަދަލުވެގެންދިޔައީ އެ ހިސާބުންނެވެ. އާއިލާގެ މީހަކާ އަނގައިން ނުބުނެވޭ ތަނުގައި މަޝީއާ ހުރީ ކޮންތާކު ކަމެއް ވެސް އެމީހުންނަކަށް ނޭނގެ އެވެ.

މަޝީއާ ގެއްލިގެން ހޯދަން އިއުލާނު ކުރުން

ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެފައި ލޯބިވާ ދަރިފުޅު ފުރައިގެންދިޔަތާ ހަފްތާއަކަށް ވުރެ ގިނަދުވަސްވީ އިރު ވެސް މަޝީއާގެ އާއިލާއަކަށް އޭނާގެ ހަބަރެއް ނުވެ އެވެ. އުޅެނީ ކޮންތާކު ކަމެއް ހުރީ ކޮން ހާލެއްގައި ކަމެއް ވެސް ނޭނގެ އެވެ. އެ އޮޅުންބޮޅުންގަނޑުގެ ތެރޭގައި މާގިނަ ދުވަސްތައް ގުނާކަށް އަލީ ބޭނުމެއް ނުވި އެވެ.

"އަޅުގަނޑު ފުލުސް އޮފީހަށް ގޮސް އެ ވާހަކަ ރިޕޯޓު ކުރީ، ދަރިފުޅު ގެއްލިގެންނޭ މިއުޅެނީ، މާލެއަށޭ ދިޔައީ ބުނިން،" ހިތުގައި ބިންވަޅުނެގިފައިވާ އެ ހަނދާންތައް އާކުރަމުން އަލީ ދިޔައީ ހިތާމަވެރި ރާގެއްގަ އެވެ.

މަޝީއާ ގެއްލިގެން އުޅޭކަމަށް ނައިފަރު ފުލުސް އޮފީހަށް ރިޕޯޓު ކުރުމާ އެކު ދައުލަތުގެ ޓީވީ މެދުވެރިކޮށް މަޝީއާ ހޯދަން އިއުލާނު ކުރެވުނެވެ. ނަމަވެސް އަލީ ބުނީ ކޮންމެ ރެއެއްގެ ހަބަރަށް ފަހު އެ އިއުލާނު ޓީވީން ގޮވީ އެންމެ ތިން ރޭ ވަންދެން ކަމަށެވެ.

ޓީވީއެމުން އިއުލާނު ކުރަން ފެށުމާ އެކު މާލޭގައި ހުރި ފައިސަލްގެ ދޮންތަގެ ފޯނުކޯލެއް ފައިސަލްއަށް ލިބުނެވެ. މަޝީއާގެ އާއިލާއިން އޭނާ ގެއްލިގެން ހޯދާ ކަމަށާއި މަޝީއާގެ ފޮޓޯއާއެކު ޓީވީގައި އިއުލާނު ވެސް ކުރާ ކަމަށާއި އިއުލާނުގައި އެވާ ނަންބަރަށް ގުޅައި ފެންފުށީގައި ހުރި ވާހަކަ ކިޔައިދިނުމަށް އެދި ފައިސަލްގެ ދޮންތަ ނަސޭހަތްތެރިވި ކަމަށްވެ އެވެ.

ނަމަވެސް މިހާރު 30 އަހަރުގެ މަޝީއާ ބުނީ ފައިސަލް ދެން ވެސް އަމަލު ކުރީ އޮޅުވާލައިގެން އޭނާގެ ބާރުގެ ދަށުގައި މަޝީއާ ބެހެއްޓުމަށް ކަމަށެވެ. ފައިސަލްގެ ފަރާތުން މަޝީއާއަށް ކުރިމަތިވި އަނިޔާވެރިކަމުގެ ކޮޅުމަތި ފުރަތަމަ ފެނުނީ އެ ދެމީހުން ކައިވެނި ވެސް ނުކުރަނީހެވެ. ތަކުރާރުކޮށް މަޝީއާ ހޯދަން ޓީވީއެމުން އިއުލާނު ކުރުން އެއީ ހަޖަމުކުރަން ފަސޭހަކަމަކަށް ފައިސަލްއަށް ވެސް ނުވީ އެވެ.

ފައިސަލް --


މަޝީއާ ގެއްލިގެން ހޯދުމަށް ކުރި އިއުލާނުގެ މައްސަލައަށް ފައިސަލް ހައްލު ހޯދީ ގަދަބާރުންނެވެ. އެކަމަށް އޭނާ ހިޔާރު ކުރީ ވަޅީގެ ބާރެވެ. މަޝީއާގެ ބައްޕައަށް ގުޅާފައި ފައިސަލް އަށް ބަލިވެ އިން ކަމަށާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނުމަށް މަޝީއާއަށް އޭނާ މަޖުބޫރު ކުރަމުންދިޔަ އެވެ. ނަމަވެސް ބައްޕައަށް ދޮގު ހަދަން ނުކެރޭނެ ކަމަށް ބުނެ މަޝީއާ ފުރަތަމަ ކުރީ އިންކާރެވެ. ވަޅީގެ ބޭނުން އޭނާ ހިފީ އެ ހިސާބުންނެވެ.

އެ ހިސާބުން މަންމަ އާއި ބައްޕަގެ ހިމާޔަތުގައި ލޯބި ފުށްގަނޑެއްހެން ގެންގުޅުނު މަޝީއާގެ އަރިކައްޓާ ދިމާލަށް ފައިސަލް ދިއްކުރީ ވަޅި ކަމަށް މަޝީއާ ބުންޏެވެ. ވަޅީގެ ތޫނުކަން އިހުސާސުކުރަން ބޭނުން ނުވާނަމަ އަމަލު ކުރަން ޖެހޭނީ އޭނާގެ އެންގުމާ އެއްގޮތަށް ކަމަށް ބުނެ އިންޒާރުދިން ކަމަށް މަޝީއާ ބުންޏެވެ. ހަދާނެ ގޮތް ހުސްވެ ބައްޕައަށް ދޮގު ހަދަން ޖެހުނީ އެހެންވެ އެވެ. ފުރާނަ ދުއްވާލަފާނެ ކަމުގެ ބިރަށެވެ.

"އެދުވަހު ބުނިން [ފައިސަލްއާ ދިމާލަށް] އަހަންނަށް ބިރުދައްކައިގެން ތިކުރާ ކަންކަމުގެ ނަތީޖާ އަދި ކޮންމެވެސް ދުވަހަކުން ދައްކަވާނެޔޭ، ވަގަކަށް ހާސްދުވަހޭ ވެރިޔަކަށް އެއްދުވަހޭ ބުނާ އުސޫލުން ތި ކުރާ ނުބައި ކަންކަން ވެސް ފަޅާ އަރާނެ ދުވަހެއް އަދި އަންނާނެޔޭ،" މަޝީއާ ކިޔައިދިނެވެ.

އަނިޔާވެރިކަމުގެ ކަސްތޮޅުއަޅައި ބަންދު ކުރުން

މަޝީއާގެ އެދުމާ އެއްގޮތަށް ކައިވެނި ކުރަން އޭނާގެ ބައްޕަ ވަލީ ދިނީ ހިތްހަމަ ޖެހިގެން ހުރެ އެއް ނޫނެވެ. އެ ނޫން ގޮތެއް އޭނާއަށް ނެތީ އެވެ. އެހެންނަމަވެސް އެކަން އޭނާ ކުރީ ދަރިފުޅު ތަހައްމަލު ކުރަމުންދިޔަ ބިރުވެރިކަމާއި ނާމާންކަން އެނގި ހުރެއެއް ނޫނެވެ.

މަޝީއާ އާއި ފައިސަލްގެ އަލަތު ކައިވެންޏަށް ފަހު އެ ދެމަފިރިންގެ ދިރިއުޅުމުގެ ސަފުހާތައް ލިޔާން ފެށީ ފައިސަލްގެ އުފަން ރަށް، ފެންފުށި، ރޯޒީ ވިލާގަ އެވެ. ފައިސަލްއާ އެއްބަނޑު އެއްބަފާ އިތުރު ދެބެއިން ފިޔަވާ އެހެން މީހަކު ދިރިނޫޅޭ އެ ގެއަކީ މަޝީއާގެ ކުޑަ ގޮޅި އެވެ.

"ދޫންޏެއް ވެސް ނުގެންގުޅޭނެ އެގޮތަކަށް، ދޮރުމައްޗަށް ނުކުމެލިޔަސް ބުރަކަށީގައި އަޅައި ކޮއްޕާލައި ވައްޓާލައި ހަދާނެ، ހުއްދައެއް ނޯވޭ ގެއިން ބޭރަށް ނުކުންނާކަށް،" ޒަވާޖީ ހަޔާތުގެ އެންމެ ފުރަތަމަ ދުވަސްތައް ވެސް ގުނަމުން އައި ހިތާމަވެރި ގޮތް މަޝީއާ ކެތްތެރިކަމާ އެކު މި ނޫހަށް ފޯނުން ކިޔައިދެމުން ދިޔަ އެވެ.

އޭނާ ބުނީ ފައިސަލް ގިނަ ވަގުތު އުޅޭނީ ބޭރުގައި ކަމަށާއި އެހެން އުޅޭ އުޅުމުގައި ވެސް މީހަކު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެފިނަމަ ގެއަށް އައިސް ހަޅޭއްލަވައި އަޑުގަދަ ކުރާ ކަމަށެވެ. ކައިވެންޏަށް ފަހު އެ ރަށަށް ބަދުލުވުމާ ހަމައިން މަޝީއާއާ މާބޮޑު ގުޅުމެއް ވެސް ފައިސަލް ނުބާއްވާ ކަމަށް އޭނާ ބުންޏެވެ.

މަޝީއާ ބުނީ އެ ގޭގައި ދެން އުޅޭ މީހުންނަކީ ވެސް ގޭގައި ގިނަ ވަގުތު އުޅޭ ބައެއް ނޫންކަމުން ފައިސަލް ގެއަށް އައިސް އުޅޭ ވަގުތުތަކުގައި ވެސް ގޭގައި ގިނަ ފަހަރު ތިބޭނީ އެ ދެމަފިރިން އެކަނި ކަމަށެވެ.

"އެއްދުވަހު ގޭތެރެ ސާފު ކުރަނިކޮށް ފެނުނީ ޑަންލޮޕު ދަޅާއި ހުސްކޮށްފައި ހުރި އޮޑިކްލޯނު ފުޅިފުޅިއާއި ކޮރެކްސް ޑީ ފުޅިތައް، ފެނިގެން ސުވާލު ކުރީމާ އޭނަ ކުރީ އިންކާރު، ބުނީ މަސްތުވާއެއްޗެއް ބޭނުމެއް ނުކުރަމޭ،" އެކަމާ ދެކޮޅު ހެދި ނަމަވެސް ފައިސަލްއަކީ އޭރު (މިހާރުގެ ގޮތެއް ނޭނގޭ) ބަރާބަރަށް މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަން މި ނޫހަށް މަޝީއާ ކަށަވަރު ކޮށްދިނެވެ.

ދިގު އިސްތަށިގަނޑު ބުރިކޮށްލުމާއި ގަދަކަމުން ބޮލުގެ އެއްފަޅި ބޭލުން

މަޝީއާ ބުނީ ފައިސަލްއަކީ ކިރިޔާ ކަމަކާ ރުޅި އަޔަސް ވަރަށް އަވަހަށް އަތް އިސްކޮށް ތަޅާ އަނިޔާ ކުރާ މީހެއް ކަމަށެވެ. ރުޅި އައިސްފައި ހުންނަ ވަގުތެއްގައި ނަމަ އޭނާގެ އަތުގައި (އޭރު) އަބަދު ވެސް ވަޅިއެއް އޮންނާނެ ކަމަށް މަޝީއާ ބުންޏެވެ.

"ދޮރާއި ފާރާ ދޭތެރެއަށް ލާފައި ފިއްތާވެސް ލާނެ، ކަރުގައި ހިފާ ނަގައި ބިންމައްޗަށް ވެސް ޖަހާނެ،" ހިމަތޮޅިކޮށް ހުންނަ މަޝީއާ ބުންޏެވެ.

ތަކުރާރުކޮށް ފައިސަލްގެ ފަރާތުން ލިބެމުންދިޔަ އަނިޔާ އާއި ދެމީހުންގެ ދެމެދުގައި މާބޮޑު ގުޅުމެއް ވެސް ނެތުމުން ފައިސަލްގެ ކައިރިން މިނިވަންވުމުގެ ވާހަކަ ކޮންމެވެސް ސިފައެއްގައި އެއް ދަވަހަކު ދެކެވުނެވެ. އެދުވަހު ދެފަރާތުން ވެސް އަނގައިންވީ އަރައިރުމެއްވެފައި ގެއިން ނުުމެގެން ފައިސަލް ދިޔައީ މަޝީއާ އަމިއްލައަށް ވަރިވާން އެދި ފޯމު ލައިފިއްޔާ ވަރިކޮށްދޭނެ ކަމަށް ބުނެފަ އެވެ. ފައިސަލް އެހެން ބުނުމުން އެ ރަށު އެކުވެރިއެއްގެ އެހީއާއެކު ވަރިވުމަށް އެދި ފޯމު ފުރައި މަޝީއާ ކައުންސިލަށް ހުށަހެޅި އެވެ. އޭރު އެރަށުގައި ކޯޓެއް ނެތުމާ އެކު އެބާވަތުގެ މައްސަލަތައް ހިންގަނީ ކައުންސިލް އިދާރާގައި ކަމަށް މަޝީއާ ބުންޏެވެ.

ވަރިވުމަށް އެދޭ ފޯމު ކައުންސިލަށް ހުށަހަޅާފައި ގެއަށް ވަދެ މަޝީއާއަށް ހަމަ ނޭވާވެސް ނުލެވެ އެވެ. ފުންމައިގެން އައިސް ފައިސަލް ގޭތެރެއަށް ވަދެގަތީ އެސްލޯނު ހޮޅިބުރިއެއް ހިފައިގެންނެވެ. ރުޅިވެރިކަމުގެ އަލިފާނުން އަނދައަނދައި ހުރި ފައިސަލްގެ އަތުގައި އޮތް ހޮޅިބުރި އަމާޒުވީ މަޝީއާގެ ބުރަކައްޓަށެވެ.

"އެއީ ދުވަހަކު ވެސް ފިލައިގެން ނުދާނެ ހަނދާނެއް، ލާން ގެންގުޅުނު ހުރިހާ އަންނައުނެއް މަގޭ ކުރިމަތީގައި އަންދާލި، [ފޫކޮޅާހަމައަށް އޮންނަ ދިގު] އިސްތަށިގަނޑު ބުޑުދޮށުން ބުރިކޮށްލައި [އޭނަ ގެންގުޅޭ ޓުރިމަރަކުން] ބޮލުގެ އެއްފަޅި ބޭލި. ވަރަށް ކުޑަކުޑަ އިސްތަށިކޮޅެއް ބޮލުގައި އިނީ،" މުޅި ހަޔާތުގައި ވެސް ކުރިމަތިލާން ޖެހުނު އެންމެ ހިތްދަތި ކަމުގެ ހަނދާން އޭނާ ހިއްސާ ކުރީ ފުން އަސަރާ އެކު އެވެ.

"[ފައިސަލް] ބުނީ ތިމަންނަ ބަލައިލާނަމޯ ތިމާގެ ތިޔަ ރީތި އިސްތަށިގަނޑު ހިފައިގެން ތިޔަ ރީތިކަން ދެއްކޭތޯ، ތި ތިއްތި ދެއްކޭތޯ،" މެދުކެނޑެމުން އައި އަޑުން ހާމަވީ ފައިސަލްގެ ރަހުމުކުޑަ ކަމެވެ.

ފައިސަލްގެ ފަރާތުން ހަމައެކަނި މަޝީއާއަށް ލިބެމުން ދިޔައީ ޖިސްމާނީ އަނިޔާއެއް ނޫނެވެ. ނަފްސާނީ ގޮތުން ވެސް ބޮޑެތި އަނިޔާތަކެއް އޭނާއަށް ތަހަންމަލު ކުރަން ޖެހުނެވެ. އެގޮތުން އަންހެނަކު އެންމެ ދެކެން ބޭނުން ނުވާނެ އެއް މަންޒަރު ވެސް އޭނާގެ ދެލޮލުން ދެކެން ޖެހުނެވެ. ހިލޭ އަންހެނުންނާ އެކު ފައިސަލް ބަދުއަހުލާގީ އަމަލު ހިންގަމުންދިޔައީ އޭނާގެ ކުރިމަތީގަ އެވެ.

މަޝީއާ ބުނީ އެ ހުރިހާ އަނިޔާއެއް ކޮށްފައި ވެސް ފައިސަލް އެކަމަށް ފަހުން ވެސް މައާފަށް ނޭދޭ ކަމަށާއި އިންތިހާއަށް އަނިޔާކޮށްފައި ވެސް ދަނީ "ހީނލާފައި” ކަމަށެވެ.

ބަނޑަށް ދެމަހުގައި ފާރުމަތިން ފުންމާލައިގެން ފިލުން

އެކަނިވެރިކަމާއި ހިތްދަތިކަމުގައި ހަޔާތުގެ ދުވަސްތައް ގުނަމުންދިޔަ މަޝީއާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ހަދިޔާ ކުރި ފޯނުގެ ސަބަބުންނެވެ. ފައިސަލްއަށް ފެނިދާނެތީ ފޮރުވައިގެން ގެންގުޅުނު އެ ފޯނު ވެގެންދިޔައީ އަނިޔާވެރިކަމުގެ އެ ހާލިން ސަލާމަތްވުމުގެ އުއްމީދީ ހުޅުކޮޅު މަޝީއާގެ ހިތުގައި ރޯކޮށްލަދިން ދަންމަރަކަށެވެ.

ނައިފަރުގައި ހުރެގެން މަޝީއާގެ އެންމެ ގާތް އެކުވެރިޔާއާ ދޭތެރެއަކުން ގުޅައިގެން ދެކެވެމުންދިޔަ ވާހަކައިގައި "ތިޔަހައި ބޮޑެތި އަނިޔާތަކަށް ކެތް ކުރާނެ ކަމެއް ނެތޭ، ތިޔަ އަނިޔާތަކުން ސަލާމަތްވެގެން އައުން މާ ރަނގަޅުވާނެޔޭ،" ބުނެ އެތައް ހިތްވަރެއް މަޝީއާއަށް އޭނާ ދެމުން ދިޔަ އެވެ. އޭނާގެ ފަރާތުން ލިބެމުންދިޔަ ހިތްވަރުގެ އިތުރުން އެ އަނިޔާއިން ސަލާމަތްވުމުގެ އަޒުމު މަޝީއާގެ ހިތުގައި ވަރުގަދަވީ ބަނޑުގައި ވިންދު ޖަހަމުންދިޔަ ޅަ ފުރާނައައިގެ ސަބަބުންނެވެ.

ފައިސަލްގެ ފަހުގެ އަނބިމީހާ އަދި ނިޔާވި ނިޝާމާ


އޭރު އޭނާގެ ބަނޑަށް ދެމަހެވެ. އެހެންނަމަވެސް ފައިސަލްގެ އަނިޔާވެރިކަމަށް ކުޑަވެސް ލުޔެއް ނާދެ އެވެ. ބޮލުގެ އެއްފަޅި ބާލައި އެސްލޯނު ހޮޅީގައި ހުރި ވަރު ބުރަކައްޓަށް ބާލާލުންވީ ހިތްވަރުގަދަ މަޝީއާގެ ކެތްތެރިކަން ކޮޅުންލާން މެދުވެރިވި ސަބަބަށެވެ. އެ ހިސާބުން އެނާގެ ދިރިއުޅުމުގެ ބާކީ އޮތްބައި ފައިސަލްގެ އަނިޔާވެރި ވަކިތަކުން ވީދައި ހަލާކުކޮށްލުމުގެ ފުރުސަތު ދީގެން ނުހުންނާނެ ކަމަށް އޭނާ ނިންމި އެވެ.

"ހެދި ގޮތަކީ ފައިސަލްއަށް ނޭނގި ފާރުމަތިން ފުންމާލައިގެން ދިޔައީ އެގެއާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ، ހައްވައްތަމެން ގެއަށް، އެގެއަށް ދިޔައީ ފައިސަލްގެ އެކުވެރިއެއްގެ އެހީތެރިކަމާ ވެސް އެކު،" އަނިޔާގެ ކަސްތޮޅުން ވީއްލުމުގެ މަސައްކަތް ފެށި ގޮތް އޭނާ ކިޔައިދިނެވެ.

މަޝީއާ ސިފަ ކުރި ގޮތުގައި ހައްވައްތައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އެގެއަށް ގޮސް އެންމެ ފުރަތަމަ ވެސް މަޝިއާ ގުޅީ އޭނާގެ "ބޮޑުމަންމަ" އަށެވެ. އެއީ ހަމަ އެ އަތޮޅު ދަނގެތީގައި އުޅޭ މަޝީއާ މަންމަގެ އެއްބަނޑުއެއްބަފާ މީހެކެވެ. މަޝީއާގެ ކުރިމަގާ ގުޅިފައިވި އެ ފޯނު ކޯލުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ.

ދަނގެތީ މީހަކާ އިނގެދެން އެ ރަށުގައި ދިރިއުޅެމުން އައި މަޝީއާ މަންމަގެ ބޮޑުބޭބެ، އަލީ އަބްދުއްރަހުމާނުއަށް އެ ހަބަރު ލިބުމާ އެކު އޭގެ ކުޑަ އިރުކޮޅަކަށްފަހު ފެންފުއްޓަށް އައެވެ. އެއާ އެކު ފައިސަލް ވެސް ހަތިޔާރު ބަހައްޓައި ސަފީރަކު މެދުވެރިކޮށް ސުލްހައިގެ މަޝްވަރާއަށް މަޝީއާއަށް ދައުވަތު ފޮނުވި އެވެ. ނަމަވެސް "ދެން އިތުރަށް ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ" ކަމަށާއި މިހާރު ވަގުތު ފާއިތުވެއްޖެ ކަމަށް ބުނެ އެ ދައުވަތު މަޝިއާ ގަބޫލެއް ނުކުރި އެވެ.

އޭނާގެ ހިމާޔަތަށް އެ ރަށަށް އައި އަލިބެގެ ރައްކާތެރިކަމާއި ބެލުމުގެ ދަށުން ކުޑަކޮށް ހަމަޖެހިލައި ފެންވަރާލައި ހަދާލުމަށް ރޯޒީ ވިލާއާ ޖެހިގެން އެއްގެ ދޫކޮށްފައި ހުރި އިބުރާހިމްބެ މެން ގެއަށް މަޝީއާ ދިޔަ އެވެ. ހެނދުން ބަދަލުކޮށްލައި ތާޒާވެލައިގެން ގޮސް އެގޭ އެތެރެ ޖޯލީގައި މަޝީއާ ހަމަޖެހިލީ ފައިސަލްގެ އަނިޔާވެރިކަމުން ސަލާމަތްވީ ކަމަށް ހީކޮށް ފުން ނޭވައެއް ދޫކޮށްލަމުންނެވެ.

އެ ހިޔާލުގައި މަޝީއާ އޮއްވައި ކުއްލި ސިހުމެއް ލިބުނީ ފައިސަލް އައިސް ކައިރީގައި ހުއްޓާ ފެނުމުންނެވެ. އެގެއަށް އޭނާ ވަނީ ކިހިނެއް ކަމެއްވެސް ނޭނގޭ ކަމަށް މަޝީއާ ބުންޏެވެ. އަލަތު އަނބިމީހާ އޭނާ ދޫކޮށްފައި ދާން ނިންމުމުން ވެސް އޭނާއަށް ކުރެވުނު ކަންކަމާ ދެރަވެ މައާފަށް އެދުމުގެ ބަދަލުގައި އެވަގުތު ވެސް ފައިސަލް އިސްކުރީ ރުޅިވެރިކަމާއި ނުލަފާ ކަމެވެ.

މަޝީއާއާ އޭނާ ސުވާލު ކުރީ ލަވަޖަހަން ގެންގުޅޭ އެމްޕީތުރީ ޕްލޭޔަރާ ބެހޭގޮތުންނެވެ. ޖަވާބުގައި އެ ވީތަނެއް ނޭނގޭ ކަމަށާއި އެހޯދައިދޭން ދާންޖެހޭ ސަބަބެއް މިހާރު ނޯންނާނެ ކަމަށް މަޝީއާ ބުންޏެވެ.

"ދެން ކުއްލިއަކަށް ނެގީ ވަޅި، ނަގާފައި އަހަރެންގެ ނިތްކުރީގައި ޖެއްސީ، ބޮލަށް މި ވަޅި ހަރާލާނީހޭ ނޫނީ ސުލްހައިގަ އެ ހޯދަން ދާނީ ހެއްޔޭ އޭނާ ބުނީ،" އެ އަނިޔާވެރިކަމުން ސަލާމަތްވީ ކަމުގައި ދެކިގެން ހުރި މަޝީއާއަށް އަނެއްކާވެސް ޖެހުނީ ފައިސަލްގެ ގޮށްމުށަށް ކިޔަމަންވާށެވެ.

"އަހަރެން ބުނީ އޯކޭއޭ ދާނީޔޭ، ކިޔާފައި ދާންވެގެން ތެދުވީ، ހަމަ ތެދުވި ތަނާ އެއް އަތުން އަހަރެންގެ ގައިގައި ހިފާފައި ކަރުގައި ވަޅި ޖެއްސީ، އެވަގުތު އެހީއަށް އެދި ވަރަށް ބާރަށް ހަޅޭއް ލެވިން،" އެ ބިރުވެރި ވަގުތުކޮޅު އޭނާ ސިފަކޮށްދިނެވެ.

މަޝީއާގެ ހަޅޭކުގެ އަޑަށް އެ ތަނަށް އައީ "އަލިބެއާއި މުއާވިއަތުބެއާ" ކަމަށް މަޝީއާ ބުންޏެވެ. މުއާވިތަކީ ފައިސަލްއާ ކޮންމެވެސް ވަރަކަށް އައިލީ ގުޅުން ވެސް އޮންނަ މީހެކެވެ. އެ މަންޒަރު ފެނުމާ އެކު މުއާވިއަތު ގޮސް ފައިސަލްގެ އަތުން ވަޅި އަތުލަން މަސައްކަތް ކުރި އެވެ.

"މުއާވިއަތުބެއަށް ގޮސް ހިފުނީ ވަޅީގެ ތިލައިގައި، ވަރަށް ބޮޑަށް [މުއާވިއަތުގެ] އަތްވެސް ކަފައިގެން ދިޔަ، ވަޅީގައި ހިފި އިރަށް ފައިސަލް މުށްކަވާފައި ޖެހީ މުއާވިޔަތުބެގެ މޫނުމަތީގައި،" ފައިސަލްގެ އަނިޔާވެރިކަމާ އެންމެ ފަހުން ކުރިމަތިލާން ޖެހުނު ބިރުވެރިކަމުގެ ވާހަކަ މަޝީއާ ކިޔައިދިނެވެ.

މަރުގެ އެތިފަހަރަކުން އޭނާ ސަލާމަތްވީ ފެންފުށީ ރައްޔިތުންނާއި އަލިބެގެ އެހީއާ އެކު އެވެ. ނަފްސާނީ ގޮތުން ލިބުނު ގެއްލުމާ ގުޅިގެން އެރޭ ދެން ވީގޮތެއް ކިޔައިދޭކަށް މަޝީއާއަކަށް ނޭނގުނެވެ. ޖެހިގެން އައި ދުވަހު ފުލުހުންގެ އެހީތެރިކަމާ އެކު ފެންފުށިން ފުރައިގެން މަޝީއާ ދިޔައީ ވެސް ނުތަނަވަސް ކަމެއްގެ ތެރޭގައި ހުރެގެން ކަމަށް އޭނާ ބުންޏެވެ. އެހައި ޅަ އުމުރެއްގައި އެވަރުގެ އަނިޔާވެރިކަމެއް ތަހަންމަލު ކުރަން ޖެހުމުން އޭނާއަށް ކޮށްފައި ހުރި އަސަރެއްގެ ބޮޑު ކަމުންނެވެ.

"ތި މައްސަލަ ކުރިއަށް ގެންދެވޭކަށް ނެތް"

ފެންފުށިން ފުރައިގެން މަޝީއާ ދިޔައީ ދަނގެއްޗަށެވެ. އޭގެ ކުރީ ރޭގައި އިބްރާހިމްބެމެން ގޭތެރޭގައި ހިނގައި ދިޔަ ކަންތަކުގެ މައްސަލަ ފުލުހުން ދިޔައީ ތަހުގީގު ކުރަމުންނެވެ. މަޝީއާ ބުނީ އެ މައްސަލައިގައި އޭނާގެ ބަޔާނެއް ނަގަން ފުލުހުން އެ ރަށަށް ދިޔައީ އެންމެ ފަހަރަކު ކަމަށެވެ. ދަނގެތީ ކައުންސިލް އިދާރާއަށް ގެންގޮސް ފުލުހުން ކުރި ހުރިހާ ސުވާލަކަށް ޖަވާބުވެސް ދިން ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ފައިސަލްގެ މައްސަލަ "ކުރިއަށް ގެންދެވޭކަށް ނެތް" ކަމަށް ފުލުހުން ބުނި ކަމަށް މަޝީއާ ބުންޏެވެ. މައްސަލައަކަށްވީ އެ ހާދިސާ ހިނގި ވަގުތު ފުލުހުންނަށް ގުޅި ވަގުތާއި ބަޔާން ނެގި އިރު މަޝީއާ ބުނި ވަގުތާ ދިމާ ނުވުމެވެ.

"އަޅުގަނޑު ހުރީ ވާނުވާ މާބޮޑަށް އެނގޭ ކަހަލަ ހާލަތެއްގައެއް ނޫން، އެހެންވެ ސީދާ ގަޑި ބުނަން އަޅުގަނޑަށް ނޭނގުނީ،" މަޝީއާ ބުންޏެވެ.

އޭނާ ބުނީ އެ މައްސަލައިގައި ކުރިއެރުމެއް ލިބޭތޯ ދަނގެތީގައި މަސް ދުވަސް ވަންދެން މަޑުކުރި ކަމަށާއި ނައިފަރަށް ދާން ފުރީ ދެހާސް ނުވަވަނަ އަހަރުގެ ޖުލައި، ފަހުކޮޅު ކަމަށެވެ.

އިންސާނަކަށް ދުނިޔެ މަތީގައި ކުރިމަތިވާނެ އެންމެ ނިކަމެތި ހާލުގައި، އާއިލާއާއި ގާތްތިމާގެ މީހުންނާ ދުރުގައި އެއްވެސް ގުޅުމެއް ނެތި، ގެއެއްގައި ބަންދުކޮށް، އެތައް އަނިޔާއެއް ކުރި ފައިސަލްގެ މައްސަލަ އެދުވަހު ފުލުހުން ކުރިއަށް ނުގެންދިޔައީ ދެފަހަރު މަތީން ދީފައި ހުރި ވަގުތުގެ ތަފާތާ ހެދި އެވެ. މުއާވިއަތުގެ އަތުން ފެންނަން ހުރި ޒަހަމާއި މަންޒަރު ދުށް މީހުންގެ ހެކިބަސް އެއީ އެ މައްސަލަ ކުރިއަށް ގެންގޮސް ފައިސަލްއާ މެދު ފިޔަވަޅެއް އެޅޭވަރުގެ ބުރަދަނެއް ހުރި ކަންތައްތަކަށް ނުވި އެވެ.

އެދުވަހު ފައިސަލްގެ އަތްދަށުން މަޝީއާ ސަލާމަތްވީ އޭނާގެ ނަސީބު ރަނގަޅު ކަމުންނެވެ. އެހެންނަމަވެސް މިއަދު މިވަނީ ހަމަ އެ، އަބޫބަކުރު ފައިސަލް އަށް އަނެއްކާވެސް އެފަދަ ތުހުމަތުތަކެއް ކުރެވި ހައްޔަރު ކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ހދ. ނޮޅިވަރަމުގައި ހިނގާ ދިޔަ މަރުގެ ހާދިސާއާ ގުޅިގެން އެ ރަށު ރައްޔިތުންނާއި މަރުވި، ނިޝާމާ މުހައްމަދުގެ އާއިލާއިން ވެސް ދައްކާ ވާހަކަތައް މަޝީއާގެ ތަޖުރިބާތަކާ މާބޮޑު ތަފާތެއް ނެތެވެ.

އަމިއްލަ ހިތްވަރުން، ދަރިފުޅުގެ ހައްގުގައި، ލާއިންސާނީ އެ އަނިޔާވެރިކަމުން ސަލާމަތްވި އާމިނަތު މަޝީއާގެ ވާހަކައިން އެފަދަ އަނިޔާތައް ތަހަންމަލު ކުރަމުންދާ ހުރިހާ އަންހެނުންނަށް ވެސް ލިބޭ އިބުރަތެއް އެބަ އޮތެވެ. އަނިޔާވެރިއެއްގެ އަނިޔާއަށް ކެތްކޮށްގެން އެކަންކަން ސިއްރުކޮށްގެން ހުރުމަކީ އެއިން އެއްވެސް ފައިދާއެއް ވާނެ ކަމެއް ނޫން ކަމެވެ. އެ އަނިޔާތަކުން ސަލާމަތްވުމަށް މަސައްކަތް ކުރުން އެއީ ދަރިންގެ މުސްތަގުބަލު ވެސް މާ އުޖާލާ ވާނެ ކަމެއް ކަމެވެ. އެ އަނިޔާވެރި ކިއްލާގެ ތެރެއިން މަޝީއާއަށް ހަމައެކަނި ލިބުނީ ހިތްދަތިކަން އެކަންޏެއް ވެސް ނޫނެވެ. މިހާރު އުމުރުން 13 އަހަރުގެ ދަރިފުޅަކީ އޭނާގެ ދިރިހުރުމުގެ އަސްލެވެ.

ނޯޓް: މި އާޓިކަލްގައި މަޝީއާގެ ފޮޓޯ ބޭނުންކޮށްފައިމިވަނީ, އޭނާގެ ރުހުމާ އެކު, އެކަން އޭނާ ވެސް ބޭނުންވެގެންނެވެ.