1 ޖޫން 2024 - 11:32 0
މުހައްމަދު ޝަހްޒާން
ފާނަ ނަގަން ބޭނި މީހުން ބޭނުން ކުރި ބާސްކެޓު އަދި ދިދަ އަދި ކައިރީގައި މަރުވި މީހާގެ ލޭ: އެ މައްސަލައިގައި ހައްޔަރު ކުރީ ލޯންޗުގެ ކެޕްޓަން -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް
1 ޖޫން 2024 - 11:32 0
އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަން ކުރަން ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުމުގެ ސަބަބުން މީހާ މަރުވި މައްސަލައިގައި ލޯންޗު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ލޯންޗުގެ ކެޕްޓަނެވެ. މަރުވި މީހާ ގައިގައި ޖެހުނު ލޯންޗަކީ އދ. މާމިގިއްޔާއި މާލެއާ ދެމެދު ދަތުރު ކުރާ ފެރީއެކެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ދަނގެއްޗާއި ރަންވެލި ރިސޯޓާ ދެމެދުގައި އޮންނަ ފަރެއް ކައިރީގަ އެވެ. އެކްސިޑެންޓުގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތް ކުރި ބަންގުލަދޭޝްގެ ރައްޔިތެކެވެ.
ދަނގެތި ކައުންސިލު މެންބަރު، ނައީމާ އަހުމަދު "އަދަދު" އަށް ވިދާޅުވީ އެ މީހާ ގައިގައި ޖެހުނު ލޯންޗު ވެސް ދަނގެތީގައި ހިފަހައްޓާފައިވާ ކަމަށެވެ. އެ ލޯންޗުން ދަތުރުކުރި މީހުން މާލެ ފޮނުވައިލީ އެހެން ލޯންޗެއް އެރަށަށް ގެންގޮސްގެން ކަމަށް ނައީމާ ވިދާޅުވި އެވެ.
"އެ [މަރުވި] މީހާގެ ކަރުމަތީ ޖެހިފައި ހުރީ، ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ކަމަށް ބުނަނީ ހުރީ،" ނައީމާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 7:55 ގައި ކަމަށެވެ.
މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
Comment