Advertisement

ފާނަ މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

1 ޖޫން 2024 - 10:50 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ފާނަ މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

1 ޖޫން 2024 - 10:50 0

ލޯންޗަކުން ޖެހި އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަން ފައިބާ އުޅުނު ބަންގުލަދޭޝް މީހަކު މަރުވެއްޖެ އެވެ.

އެ މީހާ މަރުވެފައި ވަނީ ދަނގެއްޗާއި ރަންވެލި ރިސޯޓާ ދޭތެރޭ އޮންނަ ފަރެއްގެ މަތިން އދ. މާމިގިލިން މާލެއަށް ދަތުރު ކުރި ލޯންޗު ފެރީއަކުން ޖެހި ކަމަށް ދަނގެތި ކައުންސިލު މެންބަރު، ނައީމާ އަހުމަދު "އަދަދު" އާ ވާހަކަ ދައްކަމުން ވިދާޅުވި އެވެ.

"މަރުވީ ބަންގުލަދޭޝް ރައްޔިތެއް، އެއީ މި ރަށާ ވަރަށް ކައިރި، ރަންވެއްޔާ މިރަށާ ދޭތެރޭގައި ހުންނާނެ ފަރުތައް، އެއިން ފަރެއްގެ މަތިން އެކްސިޑެންޓުވީ،" ނައީމާ ވިދާޅުވި އެވެ.

މަރުވި ބަންގުލަދޭޝް މީހާ މަސައްކަތް ކުރަމުންދިޔައީ ފ. ފީއަލި ދޯންޏެއްގަ އެވެ. އެ ދޯނީގައި މަރުވި މީހާ ހިމެނޭހެން ހަތް ބަންގުލަދޭޝް ރައްޔިތުންނާއި ދިވެއްސަކު ތިއްބެވެ.

ނައީމާ ވިދާޅުވީ މަރުވި ބަންގުލަދޭޝް މީހާ މޫދުގައި އުޅުނީ ދިދައެއް ވެސް ނަގައިގެން ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި ލޯންޗު ދުއްވަން އިން މީހާއަށް ބާސްކެޓު ވެސް ފެނުން ކަމަށް ރަށު ތެރޭ ދެކެވޭ ވާހަކަތަކަށް ހަވާލާދީ ނައީމާ ވިދާޅުވި އެވެ.

"އެ [މަރުވި] މީހާގެ ކަރުމަތީ ޖެހިފައި ހުރީ، ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ކަމަށް ބުނަނީ ހުރީ،" ނައީމާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ދަނގެތި ކައިރިން ފާނަ މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ވާހަކަ މިއަދު ހެނދުނު 7:55 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަނިޔާވި މީހާ ދަނގެތި ސިއްހީ މަރުކަޒަށްް ގެންދިޔައިރު، ވެސް މަރުވެފައިވާ ކަމަށް ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ފުލުުހުން ގެންދާއިރު، އެމީހާ ގައިގައި ޖެހުނު ލޯންޗު ދުއްވަން އިން މީހާ އާއި އެ ލޯންޗު ވެސް މިވަގުތު އޮތީ ދަނގެތީގައި ހިފަހައްޓައިފަ އެވެ.