Advertisement

ވަޒީފާގެ ބޭނުމަށް ޑިޒައިނަރަކު ފޮނުވި އާޓް ޕޯސްޓްކުރުމުން، ޓީމްއެމްއޭގެ މައްޗަށް ހުކުމެއް

11 ޑިސެންބަރު 2022 - 13:51 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޓީއެމްއޭއަށް ފުރަތަމަ ފޮނުވި ޕޯސްޓަރު އަދި ޓީއެމްއޭގެ އެންގުމަށް ފަހުން ފޮނުވި ޕޯސްޓަރު: ކޮޕީރައިޓްސްއާ ހިލާފުވި މައްސަލާގައި ޓީއެމްއޭގެ މައްޗަށް ހުކުމްކޮށްްފި


ވަޒީފާގެ ބޭނުމަށް ޑިޒައިނަރަކު ފޮނުވި އާޓް ޕޯސްޓްކުރުމުން، ޓީމްއެމްއޭގެ މައްޗަށް ހުކުމެއް

11 ޑިސެންބަރު 2022 - 13:51 2

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިއުލާންކުރި ވަޒީފާއަކަށް އެޕްލައިކޮށް އޭގެ ބޭނުމަށް ޑިޒައިނަރަކު ފޮނުވި އުފެއްދުމެއް އޭނަގެ ހުއްދަ ވެސް ނެތި ޓީއެމްއޭގެ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމުން، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ބަދަލު ދިނުމަށް އެ ކޯޓުން ހުކުމްކޮށްފި އެވެ.

ޓީއެމްއޭއިން އިއުލާންކުރި ކްރިއޭޓިވް ޑިޒައިނަރުގެ ވަޒީފާއަށް އެދި ވ. ފަރުވެލި، ކ. މާލެ، މުހައްމަދު ފަރުހާން ހުށަހެޅުމުން މެއި 5، 2021 ގައި އޭނާ އިންޓަވިއުކޮށްފައިވެ އެވެ.

އަދި ވަޒީފާއަށް މީހުން ހޮވުމުގައި ފެންވަރު ބެލުމަށް ޓަކައި އާޓްވޯކެއް ފޮނުވަން އަންގާފައި އޮތުމުން "އީދު މުބާރަކް" ޕޯސްޓަރެއް" ތައްޔާރުކޮށް މެއި 8، 2021 ގައި ޓީއެމްއޭއަށް އޭނާ ފޮނުވި އެވެ.

ޓީއެމްއޭގެ ބްރޭންޑިން ގައިޑްލައިންއާ އެއް ގޮތަށް ބަދަލުކޮށްފައި ފޮނުވަން އެދުމުން މެއި 10، 2021 ގައި، ޓީއެމްއޭއިން އެދިފައިވާ ގޮތަށް ޕޯސްޓަރު ބަދަލުކޮށް ފަރުހާން އަލުން އެ ޕޯސްޓަރު ފޮނުވި އެވެ.

ޓީއެމްއޭއިން ކޯޓުގައި ދިން ޖަވާބާއި ފަރުހާންގެ ރައްދު

ޓީއެމްއޭގެ މައްޗަށް ފަރުހާން ކޮށްފައިވާ ދައުވާއަށް އެ ކުންފުނިން ކޯޓުގައި އިންކާރުކޮށްފައިވީ ނަމަވެސް، އެއީ ފަރުހާންގެ އުފެއްދުމެއް ކަމާއި ފަރުހާން އެ ކުންފުންޏަށް ފޮނުވި ޕޯސްޓަރެއް ކަމަށް އެއްބަސްވެ އެވެ.

ޓީއެމްއޭގެ ފަރާތުން ވަކާލާތު ކުރި ކަމަކީ ފަރުހާން އެ ޕޯސްޓަރު ފޮނުވީ ޓީއެމްއޭގެ ބޭނުމަކަށް ކަމަށާއި އެ ކުންފުނިން ބޭނުންވާ ގޮތަކަށް އެ ޕޯސްޓަރު ބޭނުން ކުރެވޭނެ ކަމަށެވެ.

ޕޯސްޓަރުގައި ޓީއެމްއޭގެ ލޯގޯ ހިމެނުމާއި ޓީއެމްއޭގެ ބްރޭންޑިން ގައިޑްލައިނާ އެއް ގޮތަށް ޕޯސްޓަރު އޮތުމުން، އޭގެ އެކްސްކްލުއިސިވް ރައިޓްސް ވެސް ލިބެން ޖެހޭނީ ޓީއެމްއޭއަށް ކަމަށް ވަކީލުން ބުނެފައިވެ އެވެ.

އޭގެ އިތުރަށް ޕޯސްޓަރުގައި ބޭނުންކޮށްފައިވާ ވަކިވަކި ޑިޒައިންތަކާ ގުޅޭ ގޮތުން ވެސް ޓީއެމްއޭ އިން ވާހަކަ ދެއްކި އެވެ. އެ ގޮތުން އޭގައި ހިމެނޭ ޓީއެމްއޭ ސީޕްލޭނަކީ މީގެ 12 އަހަރު ކުރިން ވެސް އެ ކުންފުނިން ބޭނުން ކުރަމުން އައި ޑިޒައިނެއް ކަން ފާހަގަ ކުރި އެވެ.

ރައްދުގައި ފަރުހާން ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މުއާމަލާތްތަކުގެ ތެރޭގައި، ފެންވަރު ބެލުމަށް ފޮނުވާ ޑިޒައިން ޓީއެމްއޭގެ ބޭނުމަށް ޑިޒައިނަރުގެ ހުއްދަ ނެތި ބޭނުން ކުރެވޭނެ ކަމަށް އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.

އަދި ޑިޒައިނަރެއްގެ އުފެއްދުމެއް އެހެން ފަރާތަކަށް ދެވޭނެ ގޮތް ވެސް ކޮޕީރައިޓް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަން ފާހަގަ ކުރި އެވެ. އެ ގޮތުން ލިޔެކިއުމަކުން އެއްބަސްވެފައިވާ އެއްބަސްވުމެއް އޮންނަން ޖެހޭނެ ކަމަށެވެ.

ކޯޓުގެ ހުކުމް؛ ކޯޕީރައިޓާ ޚިލާފު، 40،000 ރ. ގެ ބަދަލެއް

ކޮޕީރައިޓްގެ މައްސަލައަކަށް ވުމުން، ކޯޓުން ހުކުމަކަށް ވާސިލުވުމުގައި އެ ގާނޫނުގެ އިތުރަށް ރާއްޖެ ކައިރި ޑިމޮކްރެޓިކް ގައުމުތަކުގައި އެފަދަ މައްސަލަތައް ބަލާފައިވާ ހަމަތައް ވެސް ސިވިލް ކޯޓުން ބަލާފައިވެ އެވެ.

އެ ގޮތުގެ މަތިން ފަރުހާން ފޮނުވި ޕޯސްޓަރާއި، ޓީއެމްއޭގެ ފޭސްބުކާއި އިންސްޓަގްރާމްގެ ޕޭޖުގައި ޕޯސްޓްކޮށްފައިވާ ޕޯސްޓަރުގެ ތަސްވީރު އަޅައިކިޔުމަށް ނިންމާފައިވެ އެވެ.

އަޅާ ކިޔާއިރު ތަފާތެއް ނެތުމުންނާއި، އެ ޕޯސްޓަރު ޓީއެމްއޭއަށް ބޭނުން ކުރުމުގެ ހުއްދައެއް ޑިޒައިނަރުގެ ފަރާތުން ވެސް ދެވިފައި ނެތުމުން ކޮޕީ ރައިޓްސްގެ ގާނޫނާ ހިލާފު ކަމަށް ކަނޑައެޅި އެވެ.

ގާޒީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ކުރެއްވި ހުކުމުގައި ވަނީ ބަދަލުގެ ގޮތުގައި 40،000 ރ. ދިނުމަށެވެ.

އެއީ އެ މަސައްކަތަށް ފަރުހާންގެ ފަރާތުން ދިޔަ އިދާރީ ޚަރަދުތައް ހިސާބު ކުރުމުން އައި 15،000 ރ. އާއި، ކޯޓަށް މައްސަލަ ވައްދައިގެން ކުރިއަށް ދާން ވަކީލު ފީއަށް ޚަރަދުވި 25،000 ރ. ހިމެނޭ ގޮތަށެވެ.