Advertisement

ޔޯގާ ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތް: އީސީ

11 ޑިސެންބަރު 2022 - 12:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލަން ޕީޕީއެމުން ބޭއްވި އެއްވުމެއް ތެރެއިން؛ އެ ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތް ކަމަށް އީސީން ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޔޯގާ ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތް: އީސީ

11 ޑިސެންބަރު 2022 - 12:15 0

ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ދަނިކޮށް އެ ތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވަން ހަމަނުޖެހުން ހިންގި މީހުންގެ ހަރަކާތުގައި ބޭނުންކުރި ދިދަތައް ފޯރުކޮށްދިން ކަމަށް ތުހުމަތު ކުރަނީ ޕީޕީއެމްގެ ހަރަކާތު ޑިޕާޓްމަންޓްގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ މައްޗަށެވެ.

ދިދަތައް ޕީޕީއެމްގެ އޮފީހުން މުހައްމަދު އިސްމާއީލް ނެރުނު މަންޒަރާއި، އެ ތަކެތި ބެހުމުގައި އުޅުނު މަންޒަރުތައް ހިމެނޭ ވީޑިއޯއާއި ފޮޓޯތައް ވެސް ސޯޝަލް މީިޑިއާގައި ދައުރުވި އެވެ.

އެ މައްސަލާގައި މުހައްމަދު އިސްމާއީލްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. އޭނާ ދޫކޮށްލުމަށާއި ދައުވާތައް ގެންދިއުމަށް ގޮވާލައި ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް އޮތް ކަން ނުވަތަ ނެތް ކަން ބަލާނެ ކަމަށާއި، ބައިވެރިވުން އޮތް ކަން ސާބިތުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އީސީން ކުރިން ބުނެފައިވެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އީސީގެ ރައީސް ފުއާދު ތައުފީގު "އަދަދު" ނޫހަށް ވިދާޅުވީ، ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އޭގައި ހަރަކާތްތެރިވެފައި އޮތަސް އެ ކަމެއް ހިންގީ ޕީޕީއެމްގެ ހުއްދައާއި ތާއީދު ލިބިގެން ނޫން ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ބައިވެރިވުން އޮތް ކަމަކަށް ނިންމެން ނެތް ކަމަށެވެ.

"ޕާޓީއަކަށް (ޕީޕިއެމަށް) ނިސްބަތްވާ [އިސް] މީހުން އޭގަ ހަރަކާތްތެރިވެފައި އެބަ ހުރި، އެކަމަކު އެއީކީ އެއް ގޮތަކަށް ވެސް ޕާޓީ ތަމްސީލްކުރާ ގޮތަކަށެއް ނޫން، ޕާޓީގެ ހުއްދަ ނަގައިގެނެއް ވެސް ނޫން، ސަޕޯޓް ލިބިގެނެއް ވެސް ނޫން،" ފުއާދު ވިދާޅުވި އެވެ.

އީސީގެ ރައީސް ފުއާދު "އަދަދު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޖޫން 21، ވީ އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ޔޯގާ ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ.

އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. ބޭރުގެ ޑިޕްލޮމެޓުން ވެސް ތިއްބައި އެ ބަޔަކު ވަދެގަތީ ފުލުުހުންގެ ސަފުތައް ވެސް ރޫޅާލައިފަ އެވެ. ފުލުހުންގެ ސެކިއުރިޓީ އެހާ ފަސޭހައިން ރޫޅުމުން، އެ ކަމަށް ވެސް ފާޑުކިޔުންތައް އަމާޒުވި އެވެ.

އެ މައްސަލާގައި 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މިހާތަނަށް 18 މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ފަށާފައިވެ އެވެ.