Advertisement

ނިޝާމާގެ މަރުގެ ވާހަކަ ކޮޓަރީގެ އެތެރެއިން ބޭރަށް!

11 ޑިސެންބަރު 2022 - 15:59 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނިޝާމާ ދިރިއުޅުނު ކޮޓަރީގެ ދޮރު ފުލުހުންގެ ޓޭޕް އަޅައި ބަންދުކޮށްފައި.


ނިޝާމާގެ މަރުގެ ވާހަކަ ކޮޓަރީގެ އެތެރެއިން ބޭރަށް!

11 ޑިސެންބަރު 2022 - 15:59 2

ލަކުޑި އެ ދޮރުފަތުގެ އެތެރެއިން އަޅުވާފައި ހުރި މަކުޑި ހަލާކުކޮށްލުމަށް ފަހު ނިޝާމާގެ އާއިލާ މީހުން ކޮޓަރިތެރެ އަށް ވަނެވެ. އޭނާ އޮތީ އެނދުމަތީގައި އެންމެ ހަގު ދަރިފުޅަށް ގާތުން ބުއް ދޭން އޮތް ގޮތަށް "ހުއްޓިފަ" އެވެ. ކައިރީގައި އޮތް މައުސޫމު ޅަ ފުރާނަ އޭރު ބާރަށް ރޮމުން ދިޔަ އެވެ.

މިއީ އިއްޔެ މެންދުރެއް ހާއިރު ނޮޅިވަރަމަށް ކުއްލި ސިހުމެއް ގެނުވި، އެރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28، ގެ ކުއްލި މަރުގެ ވާހަކަ، ނަން ނުޖެހުމަށް ޝަރުތުކޮށް ނިޝާމާގެ އާއިލާގެ މީހަކު މި ނޫހަށް ކިޔައިދިން ގޮތެވެ.

ނިޝާމާ އަކީ ތިން ކުދިންގެ މަންމަ އެކެވެ. އެންމެ ހަގަށް ހުރީ ދެ އަހަރަކަށްދާ ވަރުގެ ތުއްތު އަންހެން ކުއްޖެކެވެ. އެއާ ޖެހިގެން ދޮށްޓަށް ތިބީ އިތުރު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

ނިޝާމާ މަރުވިތާ 24 ގަޑިއިރު ފާއިތުވެގެން ދިޔައިރު ފުލުހުން މާގިނަ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ފުލުހުން މިހާތަނަށް ބުނެފައިވަނީ އިއްޔެ މެންދުރު 12:30 ހާއިރު ހދ. ނޮޅިވަރަމުގައި އަންހެނަކު މަރާލައިގެން އުޅޭކަމުގެ ރިޕޯޓެއް ލިބިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީންއަށް ފުލުހުން ހާޒިރުވި ކަމަށެވެ. އެ ސީންއަށް ދިޔައިރު ވެސް އަންހެން މީހާ (ނިޝާމާ) ގެ ހެޔެއް ނެތް ކަމަށާއި، ވަގުތުން ސިއްހީ މަރުކަޒަށް އޭނާ ގެންދިޔަ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާގެ ފުރާނަ ނެތް ކަމަށް އެ މަރުކަޒުން ބުނިކަން ފުލުހުން ކަށަވަރު ކޮށްދީފައިވެ އެވެ.

ނިޝާމާގެ މަރާ ގުޅުވައިގެން ވަކި މީހަކަށް ފުލުހުން ތުހުމަތު ނުކުރި ނަމަވެސް، އެ މައްސަލައިގައި ނިޝާމާގެ ފިރިމީހާ، އދ. ފެންފުށީ ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ވަނީ ހައްޔަރުކޮށްފަ އެވެ. ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސް، ޕޯސްޓްމޯޓެމް ހެދުމަށް އިންޑިއާއަށް ގެންދިއުމަށް ފުލުހުން ދަނީ ތައްޔާރު ވަމުންނެވެ.

ނިޝާމާގެ ފިރިމީހާއަށް ތުހުމަތުގެ އިނގިލި އަމާޒުވީ ކީއްވެ؟

"ގާތްގަނޑަކަށް އެގާރަ ޖަހާކަށް ހާއިރު އޭނާ [އެ ކޮޓަރި ދޮރު ކައިރީގައި ހުރެގެން] ދޮންތައާ ވާހަކަ ވެސް ދެއްކި، ކައްކައިގެންނޭ މޫދަށް ދާނީ ބުނީމަ އާނއެކޭ ދާނަމޭ ވެސް ބުނި ކަމަށްވޭ،" ކޮށްފައި ހުރި އަސަރު އެ ވާހަކަ ކިޔައިދެމުން ދިޔައިރު އޭނާގެ އަޑުން ފާޅުވަމުން ދިޔަ އެވެ.

ނިޝާމާއަކީ އާންމުކޮށް ކޮޓަރިން ނުކުމެ އުޅޭ މީހެއް ނޫނެވެ. އެހެންވެ، ކުޑަދަރިފުޅު ގޮވައިގެން ކޮޓަރީގައި އޮވެ ވާހަކަ ދެއްކުން އެއީ އެ ގޭމީހުންނަށް އާ ކަމެއް ނޫނެވެ.

އޭރު ނިޝާމާގެ ފިރިމީހާ، އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ވެސް ގޭގައި އުޅެ އެވެ. އާއިލާގެ އެންމެންނާ އެކު ފައިސަލް ވެސް މޫދަށް ދާން އޮތީ އެއްބަސްވެފަ އެވެ. އެހެން ނަމަވެސް އިރު މެދު ޖެހުމާ ގާތްވި އިރު ގޭތެރެއިން ފައިސަލްގެ ހިލަމެއް ނުވެ އެވެ.

ނިޝާމާ ހުއްޓިފައި އޮއްވައި އާއިލާއަށް ފެނުމާ އެކު އެންމެ ފުރަތަމަ ވެސް އެމީހުންގެ ހިތު ތެރޭގައި އުފެދުނު ސުވާލަކީ ވެސް އެއީ އެވެ. ފައިސަލް ކޮބާ ހެއްޔެވެ؟

އާއިލާއިން މި ނޫހަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އެ ދެމަފިރިންގެ މެދުގައި ވަރަށް ގިނައިން މައްސަލަ ޖެހި އަރައިރުންވެ އެވެ. ހުކުރު ދުވަހުގެ ރޭ ވެސް ޒުވާބުކޮށް އަރައިރުންވި ކަމުގެ މައުލޫމާތު ލިބުނު ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން ވެސް އެބަހުރި އަނިޔާ ކޮށްފައި، [ނިޝާމާގެ] ބޯވެސް ފަޅާލާފައި،" އޭނާ ކިޔައިދިނެވެ.

ނިޝާމާގެ ހަށިގަނޑު މަރުކަޒަށް ގެންދިޔަ އިރުވެސް ފައިސަލްގެ ހަބަރެއް ނުވެ އެވެ. އަނެއް ކޮޅުން ނިޝާމާގެ މަރު ސާބިތު ކުރުމަށް ފުލުހުން ގޮސް ބެލި ބެލުމުން ނިޝާމާގެ ކަރުގައި ނިޔަފަތި އެޅިފައި ހުރިކަން ފާހަގަ ކުރެވިގެން އާއިލާއާ އެކަން ހިއްސާ ކުރި އެވެ. ދެބަސްވެ އަރައިރުންވުމުގެ ތާރީހެއް އެ ދެމީހުންގެ މެދުގައި އޮތުމާއި ތުއްތު ތިން ކުދީން މައިމުޅަވީ ހަބަރު ރަށު ތެރޭގައި ފެތުރިގެން ދިޔައިރު ވެސް ފައިސަލްގެ ހަބަރެއް ނުވުންވީ ތުހުމަތުގެ އިނގިލި އޭނާއަށް އަމާޒުވީ ސަބަބުތަކަށެވެ.

ފައިސަލް ކުއްލި ދަތުރެއްގައި ކުޅުދުއްފުއްޓަށް

އިއްޔެގެ މެންދުރު އެގާރަ ޖަހާކަށް ހާއިރެވެ. ނޮޅިވަރަމުގައި 12 މީހުންގެ ޖާގައިގެ އަމިއްލަ ލޯންޗެއް ގެންގުޅޭ ރަމީޒުއަށް އައީ ފޯނު ކޯލެކެވެ. އެކޮޅުން ވާހަކަ ދެއްކީ އެރަށުގައި ލޯންޗުގެ ހިދުމަތްދޭ އޭނާގެ އެކުވެރި އެކެވެ.

"ދަތެއްގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް ދާން މީހަކު އެބަ ބޭނުންވެޔޭ، 11:30 ގައި [އެޕޮއިންޓުމަންޓު] ގަޑި ޖެހެޔޭ، މިވަގުތު ދަތުރެއް އެޅޭކަށް ނެތޭ، މި ދަތުރު ކޮށްދީބަލާށޭ ބުނީ،" އެހެން ލޯންޗަކަށް ލިބުނު ދަތުރު ރަމީޒު ކުރަން ޖެހުނު ސަބަބު މި ނޫހަށް އޭނާ ހިއްސާ ކުރިއެވެ.

އޭކުޅުދުއްފުއްޓަށް ދާން ނީސްތަށްޓަށް އަރައިގެން އުޅުނީ ފައިސަލް ކަމަށެވެ. "ނިކަން އަވަހަށް ދާން ޖެހޭ" ކަމަށް ބުނުމުން ރަމީޒު ވެސް އަވަހަށް ފައިސަލް ގޮވައިގެން އޭނާގެ ލޯންޗު، "ސޭފް ސްޕީޑު"ގައި ކުޅުދުއްފުއްޓަށް ދާން ދަތުރަށް ފުރީ އެވެ.

ފައިސަލް ކުޅުދުއްފުއްޓަށް ދަތުރުކުރި ސޭފް ސްޕީޑް ލޯންޗު


"އޭނާ ހުރީ ވަރަށް ހަމަޖެހިފައި، އެއްވެސް އެއްޗެއް ވެސް ނުގެންދޭ، އެއްވެސް ކަހަލަ ހާސްކަމެއް އޭނާގެ ފަރާތަކުން ނުދެކެން،" ފައިސަލްގެ ފަރާތުން ޝައްކުވާ ކަހަލަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ރަމީޒު ބުންޏެވެ.

ކުޅުދުއްފުއްޓަށް ގޮސް ލޯންޗު ގާތްކޮށްލުމާއެކު ވަރަށް އަވަސް އަރުވާލާފައި ފައިސަލް އެރަށަށް ފޭބި އެވެ. ރަމީޒު ބުނި ގޮތުގައި ލޯންޗު ދަތުރަށް ދޭންޖެހޭ 600ރ. ވެސް އޭނާ ނުދެ އެވެ.

"އޭނާ ބުނީ އޭޓީއެމްއަށް ގޮސް ލާރި ނަގައިގެންނޭ ފައިސާ ދެއްކޭނީ، ޓެކްސީއަށް ވެސް ދައްކާނެ ރުފިޔާއެއް އަތުގައި ނެތޭ. އެހެންވެ އެ ފައިސާ ވެސް ދައްކައި ދިނީ އަހަރެންގެ ޖީބުން،" އެ ލާރިވެސް ލައިގެން ރުފިޔާ ޓްރާސްފާ ކޮށްލަ ދިނުމަށް އެދުނު ކަމަށް ރަމީޒު ބުންޏެވެ.

ރަމީޒު އެހެން ބުނީ މާގިނަ އިރު ކުޅުދުއްފުށީގައި އޭނާއަށް މަޑު ކުރެވެން ނެތުމުންނެވެ. ފައިސަލް ގާތުގައި ވެސް ރަމީޒު އެ ވާހަކަ ބުންޏެވެ. އާންމުކޮށް އެގޮތަށް ކުރާ ދަތުރުތަކުގައި އެނބުރި ރަށަށް އަންނަނީ ލޯންޗު ހިފާ މީހާ އެ ރަށަކަށް އެދާ ބޭނުމެއް ފުއްދައި، އަވަދިވުމުން އެ މީހާ ގޮވައިގެންނެވެ. ނަމަވެސް މިދަތުރުގައި ގޮވައިގެން ދާން މަޑު ނުކުރެވޭނެ ކަމަށް ފައިސަލް ގާތުގައި ބުނުމުން ވެސް އެކަމަކަށް މާބޮޑު ފަރުވާލެއް އޭނާ ނުބެހެއްޓި އެވެ. "އެހެން ލޯންޗުތައް ވެސް އޮންނާނެ،" ކަމަށް ބުނެފައި ކާރުގައި އޭނާ ދިޔައީ އެވެ.

އަވަހަށް އެނބުރި ރަށަށް ދާން ބޭނުންވެފައި ހުރި ރަމީޒު އޭނާގެ ލޯންޗު ނޮޅިވަރަމާ ދިމާލަށް އަނބުރާލި އެވެ. ނަމަވެސް ކުޅުދުއްފުށީ ފަޅުން ނުކުމެގެން މާދުރަކަށް އޭނާއަކަށް ނުދެވުނެވެ. އަނެއްކާވެސް އައީ ފޯނު ކޯލެކެވެ.

"ރަށުން ގުޅާފައި ބުނީ ފައިސަލް ގެއްލިގެންނޭ މިއުޅެނީ، އޭނާ ދުށިންހޭ، މިކަހަލަ ކަންތައްގަނޑެއް [ރަށުގައި] ހިނގައިގެންނޭ މިއުޅެނީ، އޭނާގެ އަންހެނުން ހޭނެތިފަޔޭ (އޭރު މަރުވެފައިވާކަން ކަށަވަރެއް ނުވޭ) އޮތީ، އަހަރެން ބުނިން އާނއެކޭ، އޭނާ ހިނގައްޖެޔޭ ކުޅުދުއްފުއްޓަށް، އަހަރެންގެ ލޯންޗުގައޭ އޭނަ ގެންދިޔައީ،" ކުޅުދުއްފުއްޓާ ދިމާލަށް އަލުން މިސްރާބު ބަދަލު ކުރަން ޖެހުނު ސަބަބު ރަމީޒު ކިޔައިދިނެވެ.

"[ކުޅުދުއްފުއްޓަށް ގޮސް] އޭނަ ފެނޭތޯ ވަރަށް ހޯދިން، އެކަމަކު އޭނާއެއް ނުފެނުނު،"

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ހާޒިރުވީ އޭނާ އަމިއްލަ އަށް. ކުޅުދުއްފުއްޓަށް ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދައްކަން ކަމަށް ބުނޭ.


ފައިސަލް ފުލުހުންގެ ބެލުމުގެ ދަށަށް؛ އޭނާގެ ފޯނަށް ނިޝާމާގެ އާއިލާއިން ދެ ކޯލު

ފައިސަލްގެ ހަބަރެއް ނުވެ އިރުގަނޑެއް ފާއިތުވެގެން ދިޔަ އެވެ. ރާއްޖޭގެ ހުރިހާ ނޫސްތަކެއްގެ ފަލަ ސުރުހީގައި ވެސް އެވާހަކަ ރިޕޯޓު ކުރި އެވެ. އޭނާ ވީތަނެއް ވެސް ވީގޮތެއް ވެސް ނޭނގިގެން އުޅެނިކޮށް ނިޝާމާގެ ކޮއްކޮއަކާ އޭނާއާ ފޯނުން ގުޅުނެވެ.

"[ފައިސަލް] ފޯނު ނެގީމާ ކޮއްކޮ އެހީ ކޮންތާކުހެއްޔޭ ތިޔަ އުޅެނީ، ސުވާލު ކުރީމަ އޭނަ ބުނީ މިހުރީ [ނޮޅިވަރަމް] އިންޖީނުގޭ ކައިރީގަ އޭ،" ކުޅުދުއްފުށީގައި ހުރެ ނިޝާމާގެ އާއިލާއަށް ދޮގު ހެދިކަމަށް ތުހުމަތު ކުރަމުން އާއިލާގެ މެންބަރު ކިޔައިދިނެވެ.

އެ ފޯނު ކޯލަށް ފަހު އަނެއްކާވެސް ފައިސަލްގެ ހަބަރެއް ނުވެ ދިގު މިނެޓުތަކެއް ފާއިތުވަމުން ދިޔަ އެވެ. ފައިސަލްގެ ފަރާތުން ސައްހަ މައުލޫމާތު ނުލިބުނު ނަމަވެސް ރަމީޒުގެ ލޯންޗުގައި އޭނާ ކުޅުދުއްފުއްޓަށް ދިޔަ ހަބަރު މުޅި ބޮޑު ތިލަދުންމައްޗަށް އޮތީ ފެތުރިފަ އެވެ.

އެހެންކަމުން، ނޮޅިވަރަމު މީހުންގެ ބަހުން ނަމަ، "ފިލައިގެން" އުޅުނު ފައިސަލްއަށް ކުޅުދުއްފުށީ ފުލުހުންނާ ހަވާލުވުން ނޫން އެހެން ހުރިހާ ދޮރެއް ބަންދުވި އެވެ. އެންމެފަހުން ކުޅުދުއްފުށީ ފުލުސް އޮފީހަށް އޭނާ ދިޔައީ ވެސް އަމިއްލަ އިހުތިޔާރުގަ އެވެ.

ކުޅުދުއްފުށީ ފުލުސް އޮފީހަށް އޭނާ ދިޔަ ނަމަވެސް ފުލުހުން ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެ އެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ އެ އޮފީހުގައި ހައްޔަރު ނުކޮށް ބައިންދާފައި އިނީ ހައްޔަރު ކުރުމުގެ ގާނޫނީ ހައިސިއްޔަތު އެވަގުތާ ހަމައަށް ފުލުހުންނަށް ލިބިފައި ނުވާތީ އެވެ.

ފުލުސް އޮފީހުގައި ފައިސަލް އިންދާ އަނެއްކާވެސް އޭނާގެ ފޯނު ރިންގުވާން ފެށި އެވެ. މިފަހަރު ގުޅީ "އަދަދު" ނޫހަށް މައުލޫމާތު ހިއްސާ ކުރި، ނިޝާނާގެ އާއިލާ މީހާ އެވެ.

"ކަލޭ މިތަނަށް [ނޮޅިވަރަމް ސިއްހީ މަރުކަޒަށް] ނައިސް ކުޅުދުއްފުށީގައި ކީއްކުރަނީ؟، މިއީ ކަލޭ ނުކުރާ ކަމެއް ނަމަ ކީއްވެ ގުޅާފައި ހަބަރު ބަލާނުލެވުނީ؟" ހިތްހަމަ ނުޖެހިފައި ހުރެ އޭނާ ފައިސަލް އާ ކުރިމަތި ކުރީ ސުވާލުތަކެކެވެ.

އެ ސުވާލުތަކަށް ފައިސަލްގެ ފަރާތުން ލިބުނީ ފިނި ޖަވާބެކެވެ. ކުޅުދުއްފުށީގައި ކުރަނީ ކީއްކަމެއް "ކަލޭމެން ކައިރީ ބުނާކަށް ނުޖެހޭނެ" ކަމަށް ބުނެ އޭނާއަށް ކުރެވެމުންދިޔަ ތުހުމަތުތައް އޭނާ ދޮގު ކުރި އެވެ. ނިޝާމާގެ ކަރުގައި ނިޔަފަތި އެޅިފައި ހުރި ކަމަށް ފުލުހުން ބުނި ކަމަށާއި އެއީ ކީއްވެތޯ ފައިސަލްއާ ސުވާލު ކުރުމުން އޭނާ ބުނީ އެއީ އޭގެ ކުރީ ރޭގެ އަރައިރުންވުމުގެ ތެރެއިން ހިނގާފައިވާ ކަމަކަށް ވެދާނެ ކަމަށާއި "މިހާރު އަތުގައި ނިޔަފައްޗެއް ނުވެސް ހުންނާނެ،" ކަމަށެވެ.

ފައިސަލްގެ ފަސްފަހަތް، ދެ ރަށުގެ މީހުންގެ ދުލުން

ނިޝާމާ އާއި ފައިސަލް ލޯބީގެ ގޮތުން ގުޅިގެން އެންމެ ފުރަތަމަ ދިރިއުޅުނީ އދ. ފެންފުށީގަ އެވެ. އެއީ ފައިސަލްގެ އުފަން ރަށް ކަމަށްވެފައި އޭނާގެ އާއިލާގެ މީހުން ވެސް ދިރިއުޅެނީ އެ ރަށުގައި ކަމަށް ވާތީ އެވެ.

އެ ރަށުން މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ ފައިސަލް އަކީ އެ ރަށުގައި އުޅުނު އިރު ވެސް ވަރަށް "ވިޔާނުދާކޮށް" އުޅޭ މީހެއް ކަމަށާއި އޭނާގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާންމު އުނދަގުލަކަށް ވެފައި އޮންނަ ކަމަށެވެ.

ނިޝާމާގެ ފިރިމީހާ، ފައިސަލް


"ވަރަށް ގިނައިން ގެންދާނެ އެކި މައްސަލަތަކުގައި ފުލުސް އޮފީހަށް، އެތަނަށް ވެއްދީމާ ފުލުހުންނާ ދިމާލަށް ވެސް ހުތުރު އެއްޗެހި ގޮވައި އިންޒާރުދީ ހަދާ އަޑު ބޭރަށް ވެސް އިވޭނެ،" ފައިސަލްގެ ފަސްފަހަތް ކިޔައިދެމުން މި ނޫހާ ވާހަކަ ދެއްކި ފެންފުށީގައި ހުންނަ ސަރުކާރުގެ އިދާރާއެއްގެ އިސް މީހަކު ބުންޏެވެ.

ފައިސަލް، ނިޝާމާއާ ކައިވެނި ކުރުމުގެ ކުރިން، ޅ. ނައިފަރު ކުއްޖަކާ ވެސް ކައިވެނިކުރި އެވެ. ނަމަވެސް އެ ދިރިއުޅުން ރޫޅިގެން ދިޔައިރު ވެސް އަނިޔާގެ ތުހުމަތުތައް ހުރީ ހަތަރުފާރުގެ ތެރޭގައި ހިފެހެއްޓިފަ އެވެ.

އެއަށް ފަހު ޒަވާޖީ ގޮތުން ގުޅުނު ނިޝާމާގެ ހަޔާތް ފައިސަލާއެކު ފެންފުށީގައި އަހަރުތަކެއް ވަންދެން ހޭދަކުރުމަށް ފަހު، ނިޝާމާގެ އުފަން ރަށް، ހދ. ނޮޅިވަރަމަށް ބަދަލުކުރީ މި އަހަރު ކުރީކޮޅު، އެ ކައިވެންޏަށް ތިންވަނަ ދަރިއަކު ލިބުނު ހިސާބުންނެވެ.

ފެންފުށީ ރައްޔިތުން ފައިސަލާ ގުޅޭ ގޮތުން ކުރަހަން ފެށި ތަސްވީރު، ނޮޅިވަރަމުން ނިންމާލިއިރު ސިފަވަމުން ދިޔައީ ތުހުމަތާއި އަނިޔާގެ އިންތިހާ އެވެ. ނަމަވެސް އެ ތަސްވީރު މި ލިޔުމުގައި ކުލަކޮށް ނުދިނީ، ތުހުމަތުތަކުގެ ސީރިއަސް ކަމާއި، ބޮޑުކަމާއި، އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް މި ނޫހަށް ލިބިފައި ނެތުމުންނެވެ.

ނަމަވެސް އެ ދެ ރަށުގެ ދުލުން ނިޝާމާ ސިފަ ކޮށްދިނީ އެންމެ ތިން ލަފުޒުންނެވެ. އެންމެން ވެސް ތަކުރާރުކޮށް ބުނީ އެއީ "ވަރަށް މަޑުމައިތިރި ކުއްޖެއް" ކަމަށެވެ.

އެ މަޑުމައިތިރިކަން މި ދުނިޔެ ދޫކޮށްފައި އެ ދިޔައީ "ކޮޓަރީގެ އެތެރެ އާއި ބޭރުން" ކުރެވޭ އެތައް ތުހުމަތާއި ސުވާލެއް އުފައްދާފަ އެވެ. އަދި ހައްލުކުރަން ޖެހިފައިވާ ކަންބޮޑުވުންތަކެއްގެ ރަނގަބީލު އެންމެންގެ ހިނދުރީގައި ޖައްސުވާފަ އެވެ.