" އަހަރެމެން، އ.ދ.ގެ ރައްޔިތުން ޢަޒުމް ކަނޑައަޅަނީ ... އިންސާނީ އަސާސީ ހައްގުތަކާއި، އިންސާނާގެ ކަރާމާތާއި ގަދަރާއި، އަންހެނުންނާއި ފިރިހެނުންނާއި، ބޮޑެތި އަދި ކުދި ގައުމުތަކުގެ ހަމަހަމަ ހައްގުތަކުގެ މައްޗަށް އިއުތިޤާދު އިތުރަށް ކަށަވަރުކުރުމަށެވެ." - 1945 ވަނަ އަހަރު ސޮއިކުރި އ.ދ.ގެ ތައުސީސީ ލިޔުން، އެކުވެރި ދައުލަތްތަކުގެ ޗާޓަރުގެ ދީބާޖާއިން
އެކުވެރި ދައުލަތްތައް (އ.ދ.) އުފެދުނު ދުވަހުން ފެށިގެން، އިންސާނީ ހައްގުތަކަކީ އެޖަމާޢަތުގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ކަމެއްގެ ގޮތުގައި ވަނީ ބަލައިގަނެފަ އެވެ. އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގަރާރު - ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރު.) އ.ދ.ގެ އާންމު މަޖިލީހުން ތަސްދީގުކުރީ 10 ޑިސެމްބަރު 1948 ގަ އެވެ. މި ގަރާރު އެކުލަވާލާފައިވަނީ، އިންސާނީ ތާރީހުގައި ފުރަތަމަ ފަހަރަށް، ހުރިހާ އިންސާނުންނަށް ލިބެންޖެހޭ އަސާސީ މަދަނީ، ސިޔާސީ، އިގުތިސޯދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތައް ބަޔާންކޮށް، "އެންމެހާ ރައްޔިތުންނަށާއި ގައުމުތަކުން ހާސިލުކުރަން ބޭނުންވާ އާންމު މިންގަނޑެއް"ގެ ގޮތުގަ އެވެ. މި ގަރާރު މިއަދު ވެފައިވަނީ، ކޮންމެ މީހަކުވެސް އިހުތިރާމްކޮށް ހިމާޔަތްކުރަންޖެހޭ އަސާސީ އިންސާނީ ހައްގުތަކުގެ ގޮތުގައި އާންމުކޮށް ބަލައިގަނެފައިވާ އެއްޗަކަށެވެ.
އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގަރާރު (ޔޫ.ޑީ.އެޗް.އާރު.) ތަސްދީގުކުރުން ފާހަގަކުރުމުގެ ގޮތުން، ބައިނަލްއަގުވާމީ މުޖްތަމައުއިން، ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެ އެވެ. ޔޫ.ޑީ.އެޗް.އާރު. ތަސްދީގުކުރިތާ 75 ވަނަ އަހަރު 2023 ވަނަ އަހަރު ފުރޭއިރު، "އެންމެންނަށް ކަރާމާތްތެރިކަމާއި، މިނިވަންކަމާއި، އަދުލު އިންސާފު" މި ޝިއާރުގެ ދަށުން އަދި "އިންސާނީ ހައްގުތަކަށްޓަކައި ތެދުވާށޭ" މި ގޮވާލުމާއި އެކު، މި ގަރާރުގެ ތާރީހީ މުހިންމުކަމާއި، އަދާއި ހަމައަށް އައިއިރު އޭގެ މުހިންމުކަން ދައްކުވައިދިނުމާއި، އެކަން ފާހަގަކުރުމުގެ ގޮތުން އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ ކެމްޕެއިނެއް ކުރިއަށް ގެންދެވޭނެ އެވެ.
ޔޫ.ޑީ.އެޗް.އާރު. އަކީ، ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގެ ގާނޫނީ، ސަގާފީ އަދި ދީނީ ތަފާތު ފަސްމަންޒަރުތައް ރަމުޒުކޮށްދޭ މަންދޫބުން އެކުވެގެން ޑްރާފްޓްކޮށް އެކުލަވައިލާފައިވާ، ކޮންމެ މީހެއްގެ ވެސް ހަމަހަމަ ކަރާމާތާއި ގަދަރުވެރިކަން ބަލައިގަތުމާއެކު، އާލަމީ ސިފަ ލިބިގެންވާ، ބައިނުކުރެވޭނެ އަދި މަހުރޫމު ނުކުރެވޭނެ ހައްގުތަކެކެވެ. މިއީ، ބައިނަލްއަގުވާމީ މުޖުތަމައުން، އެއް ހަމަތަކެއްގެ މައްޗަށް އެއްބަސްވެ، ހައްގުތަކަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ އެއްޗެއްކަމާއި، އަދި ދައުލަތުން ފޯރުކޮށްދޭ އެއްޗެއް ނޫންކަން ގަބޫލުކުރި ފުރަތަމަ ފަހަރެވެ. އަދި އެންމެންނަށް ވެސް ފައިދާވާ، ހަމަހަމަ އަދި އެންމެން ބައިވެރިވާ ދުނިޔެއަކަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކަށް މި ގަރާރުން ހިތްވަރުދެމުންދެ އެވެ.
އިންސާނީ ހައްގުތައް ކަށަވަރުކޮށްދެނީ، މުޢާހަދާތަކާއި، އާދަކާދައިގެ ގޮތުން ބަލައިގަނެވޭ ބައިނަލްއަޤްވާމީ ގާނޫނީ އުސޫލްތައް (ކަސްޓަމަރީ އިންޓަރނޭޝަން ލޯ) އާއި، އެހެނިހެން ގާނޫނީ ވަސީލަތްތަކުގެ މައްޗަށް ބިނާކުރެވޭ އިންސާނީ ހައްގުތަކުގެ ގާނޫނުތަކުންނެވެ. މި ހުރިހާ ވަސީލަތްތަކުގެ ބިންގަލަކީ އަދި ބާރުލިއްބައިދޭ މަސްދަރަކީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަގުވާމީ ގަރާރެވެ. އަދި އ.ދ.ގެ މެންބަރު ގައުމުތަކުން، އެ ގައުމުތަކުގެ އިހުތިސޯސްތަކުގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކަށް އިހުތިރާމްކޮށް، ހިމާޔަތް ކުރުމުގެ އަޒުމުގައި، މި ވަސީލަތްތަކުގައި އަމިއްލަ އިހުތިޔާރުގައި ސޮއިކޮށް، ތަސްދީގުކޮށް، އެ ހައްގުތައް ވަނީ ބަލައިގަނެފަ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ، މަދަނީ، ސިޔާސީ، އިގުތިސޯދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކުގެ އިތުރުން، ވަކިން ހާއްސަ ގޮތެއްގައި، އަނިޔާވެރި އަމަލުތަކާއި، ނަސްލީ ތަފާތުކުރުމާއި، އަންހެނުންނާ މެދު ތަފާތުކުރުން ގެންގުޅުމާއި، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ދެމެހެއްޓުން ހިމެނޭގޮތަށް އެކުލަވާލާފައިވާ އިންސާނީ ހައްގުތަކާބެހޭ މައިގަނޑު ހަތް މުއާހަދާއެއްގައި ބައިވެރިވެފައިވާ ދައުލަތެކެވެ.
ދިވެހި ދައުލަތުގެ ގާނޫނީ މި ވާޖިބުތަކަށް ބަލާއިރު، އިންސާނީ ހައްގުތަކާބެހޭ މުޢާހަދާތަކުގައި ހިމެނޭ ގިނަ މާއްދާތަކެއް ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ވަނީ ހިމެނިފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި، ދިރިހުރުމުގެ ހައްގާއި ތިމާވެށި ހިމާޔަތްކުރުމާއި، އިގުތިސޯދީ އަދި އިޖްތިމާޢީ ހައްގުތަކާއި، ހިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، މަސައްކަތްކުރުމާއި މުދާ ހޯދުމުގެ ހައްގުއި، އަވަސް ތަހުގީގާއި ދައުވާކުރުމުގެ ހައްގު، އަދި ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުގައި ތިބޭ މީހުންނާ މެދު އިންސާނިއްޔަތުކަމާއެކު އަމަލުކުރުން ހިމެނޭނެހެން، ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމުގެ އުސޫލުން އަމަލުކުރުމުގެ މައްޗަށް ބިނާކުރެވިފައިވާ 50 އަށްވުރެ ގިނަ އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކޮށްފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު 2022 ވަނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ހިތޯބުގައި، އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން ކޮށްފައިވާ ގިނަ މަސައްކަތްތަކެއް ފާހަގަ ކުރެއްވުމުގެ އިތުރުން، މި ވަގުތަށް، ހާއްސަކޮށް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމާ ގުޅިގެން، ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި އެބަހުރިކަން ގަބޫލުކުރާ ހިނދު، ދިވެހިރާއްޖޭގެ ހުރިހާ އެންމެންނަށް އިންސާނީ ހައްގުތައް ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އަޅުގަނޑުމެން ހިތްވަރުދެމެވެ.
ދިވެހިރާއްޖެއިން އަޅާފައިވާ މުހިންމު އެއް ފިޔަވަޅަކީ، އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ އިންސާނީ ހައްގުތަކާބެހޭ މިނިވަން މާހިރުން - ވަކިވަކި ފަރުދުންނާއި، ސްޕެޝަލް ޕްރޮސީޖާސްގެ ނަމުގައި މަސައްކަތްކުރާ ވޯކިން ގްރޫޕްތަކުން - ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދެއްވި ދާއިމީ ދައުވަތެވެ.
މިއަހަރުގެ ތެރޭގައި، ދިވެހި ސަރުކާރުން ވަނީ ސްޕެޝަލް ޕްރޮސީޖާސްގެ 2 މެންޑޭޓް ހޯލްޑަރުންނަށް ދިވެހިރާއްޖެއަށް މަރުހަބާ ދަންނަވާފަ އެވެ. އެގޮތުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ކުރިއެރުވުމާއި ހިމާޔަތްކުރުމާ ބެހޭ ސްޕެޝަލް ރެޕަޓުއާ ފާއިތުވި މެއި މަހުގެ ތެރޭގައި، އަދި އަންހެނުންނާއި އަންހެންކުދިންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާ ބެހޭ ވޯކިން ގްރޫޕް ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާފަ އެވެ.
ދިވެހިރާއްޖޭގައި އެންމެންނަށް އިންސާނީ ޙައްޤުތައް ފުރިހަމައަށް ހާސިލްކުރުމަށް ކުރިމަތިވާ އެންމެ ބޮޑެތި ހުރަސްތަކުގެ ގޮތުގައި މި ތަފާތު ދެ މާހިރުން ވެސް ގަބޫލުކުރެއްވީ އެއްކަހަލަ އަސާސީ ދެ މައްސަލައެކެވެ.
މިއަހަރުގެ ކުރީކޮޅު، ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެސް ފާހަގަކުރެއްވި ފަދައިން، ފުރަތަމަ މައްސަލައަކީ، ދިވެހި މުޖުތަމަޢުގެ ތެރޭގައި މޫލައި އަށަގެންފައިވާ ހަރުކަށި ފިކުރެވެ. މިގޮތުން، ދީނުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ސަބަބުން "އަނިޔާވެރި ހަރުކަށި ފިކުރާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާއި އުނދަގޫކަން ހާމަވެ އެވެ." ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި އިންސާނީ ޙައްޤުތަކުގެ މާހިރުންގެ ރިކޮމެންޑޭޝަންތަކުން، މުޖުތަމަޢުގައި ހަރުކަށި ފިކުރު ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ނަމޫނާ އޮނިގަނޑުގެ ބައެއް ވެސް ލިބިގެންދާނެ އެވެ.
"ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ގޮންޖެހުންތަކަށް އިންސާނީ ހައްގުތަކަށް ފެތޭ ގޮތަށް ހައްލު ހޯދުމަށްޓަކައި، ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ޝަރުއީ މިނިވަންކަން ކަށަވަރުކޮށް، އެފަދަ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ދިފާއުގައި މަސައްކަތްކުރުމަށް ގާނޫނީ ވަކީލުންނަށް ހަރުދަނާ ގޮތެއްގައި ފުރުސަތު ލިބިފައި އޮންނަންޖެހޭނެ، އަދި ތަހުގީގުގެ މަރުހަލާގައި ކުރާ ހައްގެއް ގެއްލޭފަދަ ކޮންމެ އަމަލަކަށް ފުލުހުން ޖަވާބުދާރީވާން ޖެހޭނެ." - ސްޕެޝަލް ރެޕަޓުއާ، މިސް ފިޔޯންނުއާލާ ނީ އައޮލެއިން
ސްޕެޝަލް ރެޕަޓުއާ އާއި ވާރކިން ގްރޫޕުން ވެސް ފާހަގަކުރެއްވި ދެ ވަނަ މައްސަލައަކީ، މަދަނީ ޙަރަކާތުގެ ޖާގަ (ސިވިކް ސްޕޭސް) މުޖުތަމައުއަށް މުހިންމުވާކަމުގެ ވާހަކަ އެވެ. މަދަނީ ޖަމިއްޔާތަކާއި، މީޑިއާ ފަދަ ސަރުކާރަށް ނިސްބަތްނުވާ އަމިއްލަ ފަރާތްތަކުން، ދައުލަތުގެ މުވައްސަސާތަކުގެ ހެޔޮވެރިކަމާއި ޒިންމާދާރުކަން ކުރިއެރުވުމަށް މަސައްކަތްކުރެވޭ ފަދަ މާހައުލެއް އެފަރާތްތަކަށް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަދަނީ ޙަރަކާތްތަކުގައި ބައިވެރިވުމަށް ފަރުދީ ގޮތުން ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ފަރުދުންގެ ކުޅަދާނަކަމާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ގާއިމުކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ. އެހެންކަމުން، ސިވިކް ސްޕޭސް ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގައި، ދައުލަތާއި މަދަނީ މުޖްތަމަޢުގެ ޙަރަކާތްތެރިންގެ ދެމެދުގައި އެއްބާރުލުން ބޭނުންވެ އެވެ.
މި ދެ ހުރަހުގެ އިތުރުން، އަންހެނުންނާއި އަންހެންކުދިންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާ ބެހޭ ވޯކިން ގްރޫޕްގެ ތަޖުރިބާކާރުން "މިންތީގެ ހަމަހަމަކަމަށް އަމާޒުކޮށް އެކުލަވައިލާފައިވާ އާ ޤާނޫނުތަކާއި ދާދި ފަހުން މުއައްސަސާތަކުން އެކަށައަޅާފައިވާ ފިޔަވަޅުތައް" ފާހަގަކޮށް މަރުހަބާ ކިޔާފައިވެ އެވެ. ހަމަ އެއާއެކު، ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ ބައެއް އުޞޫލްތައް ތަފާތުކުރުމާއި ކުށްވެރިކޮށް އަދަބުދިނުމުގެ މައްޗަށް މިހާރުވެސް ބިނާވެފައިވުމުގެ ސަބަބުން، އަންހެނުންނާއި އަންހެންކުދިންނަށް އިންސާނީ ޙައްޤުތަކާއި މިނިވަންކަން ފުރިހަމައަށް ލިބުމަށް ހުރަސްއެޅެ އެވެ. މިގޮތުން، މިންތީގެ މައްޗަށް ބިނާކުރެވޭ އަނިޔާގެ އަމަލުތަކަކީ، ފުޅާ ދާއިރާއެއްގައި ހިނގަމުންދާ އެހެންނަމަވެސް ވަރިހަމަ ކުރެވިފައިވާ ކަމެކެވެ.
އަންހެނުންނާއި އަންހެންކުދިންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާ ބެހޭ އ.ދ.ގެ ވޯކިން ގްރޫޕްގެ ނޫސް ބަޔާނުގައި ވަނީ މިހެންނެވެ.
"އަނިޔާލިބޭ ފަރާތްތަކަށް އިންސާފާއި ގާނޫނީ ފަރުވާ ލިބުމުގައި އެތައް ހުރަސްތަކެއް ކުރިމަތިވެ، ކުށްކުރާ މީހުންނަށް އަދަބުގެ ބިރެއް ނެތި އުޅުމުގެ ފުރުސަތު ލިބިފައިވެ އެވެ."
ދެހާސްސައްބީސް ވަނަ އަހަރާ ހަމައަށް އ.ދ. އިން ދިވެހިރާއްޖޭގައި ކުރާނެ ހުރިހާ މަސައްކަތެއްގެ ބްލޫޕްރިންޓަކަށް ވެގެންދާނެ އ.ދ.ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވާރކް (ޔޫ.އެން.އެސް.ޑީ.ސީ.އެފް.)، ދިވެހިރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުން މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގައި ތަންފީޒުކުރަން ފެށިއެވެ. ކޯޕަރޭޝަން ފްރޭމްވޯކްގެ މައިގަނޑު އަސާސަކީ އިންސާނީ ހައްގުތަކާއި، މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ދެމެހެއްޓެނިވި ތަރައްގީ އާއި، ވިލުންވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންނަށް ކުރާ އިންވެސްޓްމަންޓެވެ. އެއީ، އެއްވެސް ފަރާތެއް ބާކީ ނުކޮށް، ގައުމީ ތަރައްގީއަށް އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީ.ތައް) ހާސިލްކުރުމަށް އ.ދ. އާއި ސަރުކާރު ގުޅިގެން ވެފައިވާ ވަޢުދެކެވެ.
މިދެންނެވި ކަންކަމަށް ރިއާޔަތްކޮށް، 2027 ވަނަ އަހަރާ ހަމައަށް، ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް އެއްބާރުލުން ދިނުމުގައި އިސްކަންދޭނެ މައިގަނޑު ދާއިރާތަކަކީ، އިންސާނީ ހައްގުތަކާއި، ހެޔޮވެރިކަމާއި، މިންތީގެ ހަމަހަމަކަމާއި، ޝާމިލުކުރުމާއި، އަދި ވިލުންވެރިކަން ކުރިއެރުވުމެވެ.
އީ.ޔޫ.ގެ މި އެހީތެރިކަން ވެގެންދާނީ، އީޔޫ-ދިވެހިރާއްޖޭގެ ގުޅުމުގެ އެންމެ މުހިންމު ނާރެހަށް ކަމަށާއި، އެކަން ބަރޯސާވާނީ، އެހެނިހެން ކަންކަމުގެ އިތުރުން، 2023 - 2025 ގެ ދައުރުގައި ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި މެދުވެރިކޮށް ދިވެހިރާއްޖެއިން ކުރާ މަސައްކަތް ހިމެނޭނެހެން، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ޢަޒުމުގެ މައްޗަށެވެ.
އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގަރާރު ފާސްކުރިތާ 75 ވަނަ އަހަރާ އަޅުގަނޑުމެން ކުރިމަތިލާއިރު، ހިޔުމަން ރައިޓްސް ކައުންސިލާއި، ސްޕެޝަލް ޕްރޮސީޖާތަކާއި، ޓްރީޓީ ބޮޑީސް ހިމެނޭނެހެން ދިވެހިރާއްޖެއިން ބައިވެރިވާ އިންސާނީ ހައްގުތަކާބެހޭ އެކިއެކި ނިޒާމުތަކުގެ ރިކޮމެންޑޭޝަންތައް، އެންމެންގެ ކަރާމާތާއި، މިނިވަންކަމާއި، އަދުލު އިންސާފު ގާއިމުކުރުމުގެ މުހިންމު ލަނޑުދަނޑިއަށް އަމާޒުކުރުމާއެކު، ހަރުދަނާ އަދި މާނަހުރި ގޮތެއްގައި ތަންފީޛުކުރުމުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ. އާއި އީ.ޔޫ. އިން އުންމީދުކުރަމެވެ.
ކެތެރިން ހެސްވެލްއަކީ އދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރެވެ. ކެތެރިން މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ ފެބްރުއަރީ 16، 2020 ގަ އެވެ. ތަރައްގީގެ އެކި މަސައްކަތްތަކުގައި ޔޫރަޕް، މެދުއިރުމަތި، އެފްރިކާ އަދި އޭޝިޔާގައި 24 އަހަރު މީގެ ކުރިން ކެތެރިން ވަނީ މަސައްކަތް ކުރައްވައިފަ އެވެ. ކެތެރިން ވަނީ އޮސްޓްރޭލިއާގައި ހުންނަ ޔުނިވާސިޓީ އޮފް މެލްބާން އިން އިންޓަނޭޝަނަލް އެންޑް ޕަބްލިކް ލޯ އިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. ޑެނިސް ޗައިބީއަކީ ޔޫރަޕިއަން ޔޫނިއަނުން ސްރީ ލަންކާ އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސަޑެރެވެ. ބެލްޖިއަމްގެ ފޮރިން އެފެއާޒްއިން މަސައްކަތް ފެއްޓެވި ޗައިބީ ޔޫރަޕިއަން ކޮމިޝަނުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އިރާނާއެކު ހެދި ނިއުކްލާ ޑީލުގައި ވެސް އޭނާ ރޯލެއް އަދާ ކުރެއްވި އެވެ. އޭނާއަކީ ގާނޫނު އަދި ޕޮލިޓިކަލް ސައިންސުން ވަކި ދެ ފުރަތަމަ ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ޔޫރަޕިއަން ސްޓަޑީސް އިން މާސްޓާ ޑިގްރީއަކާއި ލޯ އިން މާސްޓާ ޑިގްރީއަކާއި އިންޓަނޭޝަނަލް ލޯ އިން ވެސް މާސްޓާސް ޑިގްރީއެއް ވަނީ ނަންގަވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment