10 ޑިސެންބަރު 2022 - 08:27 3
ހަސަން ޒަރީރު (ލަގަން)
10 ޑިސެންބަރު 2022 - 08:27 3
އޮރެންޖު ކޮކާލާއި ފަންޏާއި ބިހުގެ ހަރަކާތްތައް ބެލުމަކީ އެހެން ކޮކާތަކަށްވުރެ ފަސޭހަ ކަމަކަށްވި އެވެ. އެއީ ގޯތިތެރޭގައި ވެސް ބަކަރިނުކައި ގަސްހުރުމާއި އެ ގަސްތަކުގައި ވެސް ކޮކާތަައް ބިސްއަޅާ އެކި އުމުރުގެ ފަނިތައް ވިހައިފައި ހުރުމުންނެވެ.
އެންމެ ފުރަތަމަ ފެނުނީ އިންޑިއާއިންނެވެ. އެއަށްފަހު ސުރީ ލަންކާއިންނެވެ. ދިރިއުޅެނީ ބިންތިރި ސާފު މާހައުލުތަކުގެ ފެހި ބިންތަކުގައްޔާއި ހިކި ހުސްބިންތަކުގަ އެވެ. އަދި މާބަގީއްޗާއާއި ގޮނޑުދޮށު ސަރަހައްދުތަކުގައި ވެސް ދިރިއުޅެ އެވެ. މިއީ ތިރި ބިންތަކަށް ހާއްސަ ކޮކާލެއް ނަމަވެސް އިންޑިއާގައި 7000 ފޫޓް މަތީގެ ސަރަހައްދުތަކުން ވެސް ފެނިފައިވެ އެވެ. ކޮކާ ދަތުރުކުރަމުން އިރުމަތިން ލަންކާއަށް އައިސް ހުޅަނގަށް ޖެހި އަދި ދެކުނަށް ޖެހެމުން އައިސް ދިވެހިރާއްޖެއަށް ވެސް ހިޖުރަކުރި އެވެ. ލަފާ ކުރެވިފައިވާ ގޮތުގައި މި ކޮކާތައް އަހަރަކު 200 ކިލޯ މީޓަރުގެ ހަލުވި މިނުގައި ދަތުރުކޮށް ފެތުރެއެވެ. އަދި އެންމެ ގިނައިން ފެންނަނީ މޭ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ހޫނު ދުވަސްވަރު އެވެ.
ރާއްޖެއިން ފުރަތަމަ އަހަރު ފެނުހާ ގިނައަދަދަކަށް އޭގެ ފަހުގެ އަހަރުތަކުގައި ފެނިފައެއް ނުވެ އެވެ. ނަމަވެސް މުޅި އަހަރު ވެސް މަދުމަދުން ފެންނަމުން ދިޔަ އެވެ. ރާއްޖޭގައި އެންމެ ގިނައިން އާލާވަނީ އޯގަސްޓް މަހުން ފެށިގެން އަންނަ ހޫނު ދުވަސްތަކުގެ ދުވަސްވަރުގަ އެވެ. މިހާރު މި ކޮކާތަކުން ފާހަގަ ކުރެވޭ އެއްކަމަކީ މިދުވަސްވަރު ރަށުގެ އިރުމަތީ ކޮޅުގައިވާ ގަސްތަކުގައި ކޮކާތައް ބިސްއަޅާ ވިހަމުން ދާއިރު ހުޅުނގު ކޮޅުގައިވާ ގަސްތަކުގައި ކޮކާތައް ބިސްއަޅާ ވިހަމުން ނުދާކަމެވެ.
ތިރީގައި މި ހިމަނާލަނީ އޮރެންޖު ކޮކާ ހިޖުރަ ކުރަމުން އައިގޮތާއި ބައެއް ޗާޓާއ ދުވަސްވަރެވެ.
އޮރެންޖު ކޮކާ ހިޖަރަކުރުމާއި ގައުމުތަކުން ފެނިފައިވާ އަހަރުތައް
މިބާވަތުގެ ކޮކާ ފުރާ ފުރިހަމަވެ ޒުވާންވުމުން ބިސްއަޅާ ދުވަސްވަރު ކައިރިވެގެން އަންނައިރު, ފިރިހެން ކޮކާ އަންހެން ކޮކާލުގެ ސަމާލުކަން ހޯދުމުގެ މަސައްކަތް ފަށަ އެވެ. އަންހެން ކޮކާ މި ކޮކާތަކުގެ ތެރެއިން އެތައް ކޮކާލެއް ހޯދާ ބައްދަލުކުރެ އެވެ. އެ ކޮކާތަކުގެ ތެރެއިން ފުރިހަމަ ސިއްޙަތެއްގައިވާ ކޮކާ ދެނެގަނެ އަދި އެ ކޮކާތަކުގެ ތެރެއިންވެސް އެންމެ ފުރިހަމަ ކޮކާލެއް ދެނެގަނެ އެ ކޮކާލަށް ފުރުސަތުދެ އެވެ. ކޮކާތައް މިކަން ކުރަނީ ކޮކާތައް ފޮނުވާ ސިގުނަލެއް މެދުވެރިކޮށްގެންނެވެ. އަދި ކޮކާލެއް ހޮވުމުގައި އަޑާއި ބެލުމާއި ވަސްދެނެގަތުމުގެ ހިއްސު ބޭނުންކުރެއެވެ. ކޮކާތައް މިގޮތަށް މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮކާލުގެ ދަރިފަސްކޮޅުން ރަނގަޅު ދަރިފަސްކޮޅެއް ދެމެހެއްޓުމުގެ ބޭނުމުގަ އެވެ.
އަންހެން ކޮކާލުގައި އަންހެން ގުނަވަނުގެ ދެގުނަވަން ހުރެ އެވެ. ނަމަވެސް މިތަނުން އެއްފަހަރާ ބޭނުން ކުރަނީ އެއްގުނަވަނެވެ. އަދި “ބައްދަލުވުމަށް ފަހު” އަންހެން ކޮކާ ފިރިހެން ކޮކާލުން ސްޕާމް ޕެކެއް ނަގަ އެވެ. އަދި މިޕެކް ބޭނުންކުރުމުން ނުވަތަ ރައްކާކުރުމުން އޭގެ މަތިން ދުލިފަށަލައެއް ނުވަތަ ވެކްސް ފަށަލައެއް ލެވެ އެވެ. ދެން އެއަށްފަހު އެތަނަކުން ގުޅުމެއް ނުހިންގެއެވެ. އަދި އަނެއް ތަނުން ގުޅުން ހިންގި ކަމުގައި ވިޔަސް ދަރިފަންޏެއް ނުނެގެ އެވެ. މިކަންތައްތައް މި ގޮތަށް ހިނގަނީ ސީދާ ކޮކާލުގެ އިހުތިޔާރުގައިތޯ ނުވަތަ ނޫންތޯ އަދި ހޯދިފައެއް ނުވެ އެވެ.
ބިސްއަޅަން ވުމުން ކޮކާލުގެ ފަންޏަށް ކަމުދާ ނުވަތަ އެސޮރުމެންނަށް ގެއްލުމެއްނުވެ ކެވޭފަދަ ފަތްތަކެއް ހުންނަ ގަހެއް ހޯދަ އެވެ. މި ގޮތުން އެކި ބާވަތުގެ ކޮކާ ބިސްއަޅައި ވިހަނީ އެކި ބާވަތުގެ ގަސްގަހާގެއްސަށެވެ. މި ގޮތުން އޮރެންޖު ކޮކާ ބިސްއަޅާ ތިން ހަތަރު ބާވަތެއްގެ ގަސްހުރެ އެވެ. މި ޓޭބަލްގައި އެ ވަނީ އޮރެންޖު ކޮކާ ސިންގަޕޫރުގައި ބިސް އަޅާ ގަސްތަކެވެ.
މިލިސްޓުގައިވާ ގަސްތަކަކީ ރާއްޖޭގެ ބިމުގައިވެސް ފަސޭހައިން ހެދޭ ގަހާއި ވެޔޮތަކެވެ. ނަމަވެސް ރާއްޖޭގައި މި ސޮރުމެން ދިރިއުޅޭ ގަހަކީ މި ލިސްޓުގައިވާ އެވާ ބަކަރިނުކައި ގަހެވެ. އަދި ދާގަނޑު ކެކުރިއަކީ ސިންގަޕޫރުގެ ވެސްޓް ލޭންޑްސްތަކުގައި ވަަރަށް އާންމު ބާވަތެކެވެ. އަދި މަގުއަރިމަތީގައި ވިނައެއް ގޮތަށްވެސް ހެދޭ އެއްޗެކެވެ. ސިންގަޕޫރުން 2006 ވަނަ އަހަރު މިކޮކާ ފެނުނު ފަހުން އެންމެ ބޮޑަށް ފެތުރި އާލާވެގެން މިވެލުގެެ ޒަރީއާއިންނެވެ. މިއީ ރާއްޖޭގެ ވަލުތަކުގައި ވެސް ފަސޭހައިން ހެދޭ ވެލެކެވެ. ނަމަވެސް ރާއްޖޭގައި ,ދާގަނޑުކެކުރި ވެލާއި މޭވާ ވެލާއި އަދި ޖުމުހޫރީ މޭވާ ވެލަކު މިސޮރުމެން ބިހެއް ނާޅަ އެވެ.
މީގެ އިތުރުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ފާގަވެލާއި ބަރަބޯ ޒާތުގެ ވެލާއި ކިއުކަންބާ ވެލުގައިވެސް ބިސްއަޅަ އެވެ. ދިވެހިރާއްޖޭގައި އަދި ބަކަރިނުކައި ގަސް ފިޔަވާ އެހެން ގަހަކަށް ފެތުރިގެން ނުދާކަމީ އަހަރުމެން އިންތިހާއަށް އުފާކުރާކަމެކެވެ.
ކޮކާ ބިސްއަޅަނީ ގަހުގެ ފަތްތަކުގެ ދަށުގައި ވަރަށް ތަރުތީބުންނެވެ. ބިސްތަކުގެ ކުލައަކީ ޕޭލް ކުލައެވެ. ބިސްއަޅާ ފަހަރުތަކުގައި 30-100 އާ ދެމެދުގެ އަދަދަކަށް ބިސްއަޅަ އެވެ. ބިސްތައްދަރިވެ ވިހެއުމަށްޓަކައި ދެ ދުވަހާއި ތިން ދުވަހާ ދެމެދުގެ މުއްދަތަކަށް ދުވަސް ހޭދަވެ އެވެ.
އޮރެންޖުކޮކާ ފަތުގެ ދަށުގައި ބިސްއަޅާ ތަރުތީބުން އަަތުރާލައިފައި
އޮރެންޖު ކޮކާލުގެ ފަންޏަކީ މިރާއްޖޭގެ މީގެ ކުރިން އުޅެންމުން އައި ކޮކާލާއި މޮތުގެ ފަންޏަށް ބަލާއިރު ތަފާތު ފަންޏެކެވެ. މި ފަނީގެ ކުލައަކީ މުށިކުލަ ނުވަތަ ކުރީމް ކުަލައެވެ. ހަށިގަނޑުގައި ވަރުގަދަ ނަރަވަތަކެއް ގޮފިގޮތްޕަށް ހުރެ އެވެ. ބޮލުގއި ދެ ދަޅަށް ވާގޮތަށް ދެ ނަރުވަ ހުރެ އެވެ. އަދި ފަނީގެ ދެފަރާތުގައި ވެސް ދިގަށް އުންތަކެއް ހުރެއެވެ. ފަނި ބޮޑުވަމުން އަންނަ ހަރުފަތްތަކުގައި އެކިކުލައަށް ބަދަލުވެ އެވެ. މި ފަނި އާންމުގޮތެއްގައި ބޮޑުވަނީ 2ސމ އާއި 3 ސމ އަށެވެ. ފަނި ޕިޔުޕާއަށް ބަދަލުވާން ގާތްގަނޑަކަށް ހަ ދުވަހާއި ހަތް ދުވަސް ނަގަ އެވެ. ފަނިތައް ޕިއުޕާއަށް ބަދަލުވުމަށްޓަކައި ގިނަ އެހެން ކޮކާފަނިތަކެކޭ އެެއްގޮތަށް ބޯވަތައް ވާގޮތަށް, އޮފިގަނޑެއްގައި ފަނިދޫކުރާ ސިލްކު ފަށްތަކަކުން ތަތްކޮށްލައި އެލިގަނެއެވެ. މި ފަންޏަކީ އިންސާނުންނަށް ގެއްލުން ދޭފަންޏެއް ނޫނެވެ. ކޮކާފަނި ޕިޔުޕާއަށް ބަދަލުމަށްފަހު ޕިޔުޕާއިން ކޮކާލަށް ބަދަލުވުމަށް ހަފުތާއެއްހާ ދުވަސް ވެއެވެ. އަދި ހަތަރު ފަސް ދުވަހުގެ ތެރޭގައި ކޮކާލުގެ ފިޔަގަނޑުގައި ހުންނަ ހުޅުނބުތަކާއި ކުލަގޮސް އަލިވެ އެވެ.
އޮރެންޖު ކޮކާލުގެ އަންހެން ކޮކާލާއި ފިރިހެން ކޮކާލުގައި ތަފާތުތަކެއް ހުރެއެވެ. މިގޮތުން ކުލައާއި ހަށިގަނޑު އުފެދިފައިވާ ގޮތާއި ސައިޒުގައިވެސް ތަފާތު ހުރެއެވެ.
ކޮކާލާއި މޮތުގައިވާ ކުލަތަކުން އެސޮރުމެންގެ ދުސްމަނުންނަށް އެސޮރުމެންގެ ނުރައްކާތެރިކަމުގެ މެސެޖު ފޮނުވަ އެވެ. އެކުލަތަކާއި ކުރެހުންތަކުން އެއީ ވިހަ އެއްޗެއްކަން އަނގައިދެ އެވެ. އަދި އެ ކުލަތަކުން ދުސްމަނުގެ ލޮލަށް ފަސޭހައިން ފެނެ އެވެ. އެގޮތުން މި ކޮކާލުގައިވާ ކުލަތަކަކީ ސިކާރަކުރަން އަންނަ ތަކެތި ޖެހިލުންވާ ކުލަތަކެކެވެ. އަދި މިކަމުގެ ސަބަބުން މިކުލައިގެ އެހެން ކޮކާތަކާއި ކައިރިވާންވެސް ޖެހިލުން ވެއެވެ.
ދިރޭތަކެތީގެ ތެރޭގައި ސިކާރަކޮށް އުޅުމުގައި ކުލަތަކަށް ބަލައިގެން ހަމަލާދޭން ދަސްކޮށްފައިވެ އެވެ. މިގޮތުން ނުރައްކާ އަދި ކައިރިވެގެން ނުވާނެ ކުލަތައްކަމުގައި ކަޅާއި ރީނދުލާއި ރަތާއި އޮރެންޖު ފަދަ ކުލަތައް ހިމެނެއެވެ. މިއާއިލާގެ ގިނަ ކޮކާލުގައި މިކުލަތައް އެކުލެވިފައިވެ އެވެ. އަދި ކޮކާފަނިތައް ވެސް ދިރިއުޅޭ ގަހަކީ އެހެން ޖަނަވާރުންނަށް ވިހަޔަކަށް ވާގަސްގަހެވެ. އެހެންކަމުން ރައްކާތެރިކަމާއިއެކު އެސޮރުމެންގެ އުމުރު ހޭދަކޮށްލަ އެވެ. މިގަސްގަހާއި އެއްޗެއް ކާއިރިވެ ނުރައްކާވުމުން މިސޮރުމެން, ރީނދޫކުލައިގެ ވިހަ ވަސްދުވާ ސްޕްރޭއެއް ފައިގެ ހުޅުތަކުން ފޮނުވާލައި ހަމަލާދެއެވެ. މިގޮތުން ދޫނި ފަދަ ތަކެތި ފައްސާ ދުރަށްލަ އެވެ.
އޮރެންޖު ކޮކާލުގެ ފަންޏާއި ބިސްތަކުގެ ދުސްމަނުގެ ގޮތުގައި ތަފާތު ފަނިފަކުސާތަކާއި ދޫނީގެ ވައްތަރުތަކާއި ހަންޑިއައްސާއި ބޮނޑާއި ހޯނުފަދަ ތަކެތި ހިމެނެއެވެ.
އޮރޮންޖެ ކޮކާލަކީ އުދުހުމުގައި ނިކަމެތި ކޮކާލެއްކަމުގައި ވިޔަސް މިކޮކާ ފެތުރެމުންދާ ހަލުވިކަމުގެ ސަބަބުން ވަރަށް ގިނަބައެއްގެ ސަމާލުކަން މި ކޮކާވަނީ ހޯދާފަ އެވެ. ވުމާއިއެކު އެތައްސަތޭކަ ބަޔަކު ވަނީ މިކޮކާލާއި ބެހޭ ގޮތުން ދިރާސާތައް ހަދާފަ އެވެ. އަދި މިހާރުވެސް އަންނަނީ ދިރާސާ ކުރަމުންނެވެ. އޮރެންޖު ކޮކާލަކީ މިއަދު ރާއްޖޭގެ ދިރުންތަކުގެ ބައިވެރިއެއްކަމުގައި ވުމީ އަހަރުމެން އުފާކޮށް މަރުހަބާ ކިޔާކަމެކެވެ. އަހަރުމެންގެ އެދުމަކީ ބައެއް އެހެން ޤައުމުތަކުގެ ދަނޑުވެރި ވެޔޮތަކުގައި އާލާވި ފަދައިން ރާއްޖޭގައި ހައްދާ އެފަދަ ވެޔޮތަކާއި ގާތްނުވެ މިހާރުވެސް އެއުޅޭ މިނިވަންކަން މަތީ އޮރުންޖު ކޮކާ ރާއްޖޭގައި އުޅުމެވެ.
Comment