4 ޑިސެންބަރު 2022 - 12:03 12
އަބްދުﷲ ޝާއިރު
ސުޕްރީމް ކޯޓު: އެ ކޯޓުގެ ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ދަނީ ބަލަމުން. -- ފޮޓޯ: އަދަދު
4 ޑިސެންބަރު 2022 - 12:03 12
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހު އެ ކޯޓުގައި މެންދުރުގެ ފަރިއްކޮޅެއް ބޭއްވުނެވެ. އެ ދުވަހުގެ ހުކުމަށް ފަހު ބޭއްވި އެ ފަރިއްކޮޅު ގެނުވީ ޔާމީނާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ހިންގާ ރެސްޓޯރަންޓަކުން ކަމަށް ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި އޮންނަ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި އެ ފަރިއްކޮޅުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބައިވެރިވި ކަމަށް، އެ ފަރިއްކޮޅު ދެއްވި ފަނޑިޔާރު ޓުވިޓާގައި ވިދާޅުވެފައިވެ އެވެ.
މެންދުރަށް ގެނައި ފަރިއްކޮޅު އަރުން އެތެރެވިއިރުވެސް، އެއީ ކޮން ތަނަކުން ގެނައި އެއްޗެއްކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނޭ ކަމަށް ވެސް ސުލޫކީ މައްސަލަ ރައްދުވާ ފަނޑިޔާރުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި އެއްވެސް ފަނޑިޔާރަކީ ރިޝްވަތު ހިފާފާނޭ ބައެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެގޮތަށް ގަބޫލުކުރާ މީހަކާ ވެސް އަޅުގަނޑާ ބައްދަލުވެފައެއް ނެތެވެ. މި ލިޔުން ކުރިއަށް ގެންދާނީ އެ ގަބޫލުކުރުމުގެ މަތީގަ އެވެ.
މި މިސާލަށް ބައްލަވާށެވެ. އަޅުގަނޑު ކޯޓަށް ދާ މައްސަލައެއްގެ އަޑުއެހުމަށް ފަހު، މައްސަލަ ބެއްލެވި ފަނޑިޔާރު އަޅުގަނޑާއެކީ ވަންނަނީ ޖެހިގެން ހުރި ރެސްޓޯރަންޓަށެވެ. މައްސަލަ ބަލަން އިންނެވި ފަނޑިޔާރަކީ އަޅުގަނޑާ ދާދި އެއްކޮށް ކަހަލަ ގޮތަކަށް ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅެކެވެ. އެކުގައި ޕްރެކްޓިސް ކުރާތާ އެތައް އަހަރެކެވެ. އެހެންވީމާ ޒަމާންވީ މިތުރެކެވެ. އެ ރަހުމަތްތެރިކަމުގައި، އެންމެންނަށް ފެންނާނޭ އާންމު ތަނަކަށް ކޮފީއަކަށް މި ދިޔައީ ދެ މީހުންކުރެ މީހެއްގެ ހިތުގައި ނުނިޔަތެއް ނެތީމަ އެވެ. އަޅުގަނޑުމެން ދެއްކީ ރައްޓެހި ރަހުމަތްތެރިކަމުގެ ދުނިޔެވީ ވާހަކަތަކެވެ.
އެހެން ނަމަވެސް، އެ މަންޒަރު ފެންނަ އާންމު މީހާގެ ހިތުގައި ފަނޑިޔާރުގެ އިންސާފުވެރިކަމާމެދު ޝައްކު އުފެދޭނޭކަން ގައިމެވެ. އެއީ އަޅުގަނޑަކީ އެ މައްސަލައިގެ އެއް ހަސްމު ތަމްސީލުކުރާ ވަކީލަކަށް ވާއިރު، އަމުދުން މައްސަލައިގެ އަޑުއެހުމަށް ފަހު އެ ފަނޑިޔާރަކާއެކު ކޮފީއަށް ގޮސް އެނޫން ވާހަކައެއް ނުދައްކާނޭ ކަމަށް އެ މަންޒަރު ފެންނަ މީހާ ދެކޭނެ އެވެ.
މައްސަލަ އުފެދެނީ އެ ހިސާބުންނެވެ. ހަގީގަތުގައި އެއްވެސް ކަހަލަ ބޭއިންސާފެއް ނެތްއިރުވެސް، ފަނޑިޔާރުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދުނީ އެވެ.
ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ވަރަށް ފަރިތަ އިބާރާތެއް އޮވެ އެވެ. އެއީ 'ހަމައެކަނި އިންސާފު ގާއިމުވުމަކުން ނުފުދެ އެވެ. އިންސާފު ގާއިމުކުރެވޭތަން ފެނި، އެކަމުގެ ކަށަވަރުކަން ވެސް ލިބެންޖެހެ އެވެ.' މިއީ 1924 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޗީފް ޖަސްޓިސް ބެއްލެވި މައްސަލައެއްގައި ވިދާޅުވި އިބާރާތެކެވެ. އޭގެ ފަހުން މި އިބާރާތް ވެފައި އޮތީ ޖުޑީޝަރީ އެމައްޗަށް ބިނާވާ ތަނބުތަކުގެ ތެރެއިން އެއް ތަނބަށެވެ.
ފަނޑިޔާރުންގެ މަސައްކަތް ހުންނަ ގޮތުން އޮފީހަށް ފަރިއްކޮޅު ގެނައުމަކީ ވަގުތު ސަލާމަތްކުރެވޭނޭ ރަނގަޅު ގޮތެކެވެ. އަމުދުން އަޅުގަނޑުމެން މެންދުރުގެ ކެއުމަށް ދާހެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގުރޫޕު ހައްދަވާފައިވާ ކަންމަތީ ހޮޓަލަށް ވަޑައިގަތުމަކީ އެ ބޭފުޅުންގެ ހައިބަތާ އެކަށީގެންވާ ކަމެއްވެސް ނޫނެވެ. އާންމުންނާ މަސްހުނިވެ އުޅުއްވުން މަދުކުރެވޭނޭ ގޮތަކީވެސް އޮފީހަށް ފަރިއްކޮޅު ގެނައުމެވެ.
ކޮންމެ ކޯޓެއްގައިވެސް އެ ކޯޓެއްގެ ފަނޑިޔާރުންގެ މެދުގައި ގެންގުޅުއްވާ އާދަތަކެއް ހުރެ އެވެ. މިސާލަކަށް، 2012 ނުވަތަ 2013 ހިސާބަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތުރުކުރައްވާނީ ހުދު ގަމީހެވެ. މެރޫން ޓައީ އެވެ. އެއީ ފަނޑިޔާރުންގެ މެދުގައި އެއްބަސްވެގެން އަމަލުކުރަމުން އައި ގޮތެކެވެ. އެމެރިކާގައި ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ފޮނުވޭ ހަދިޔާ ގަބޫލުކުރުމުގެ ހުއްދަ އޮވެ އެވެ. ޖެހޭނީ ހަދިޔާ ލިބުނުކަން ރިޕޯޓު ކުރާށެވެ. އާންމު ގޮތެއްގައި މުނާސަބަތުތަކާ ގުޅިގެން ހަދިޔާ ފޮނުވާއިރު ހަދިޔާ ފޮނުވެނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށެވެ. މިސާލަކަށް ހަދިޔާގެ ގޮތުގައި ޓައި ފޮނުވާނަމަ، ކޮން ޓައި އެއް އެއީ ކޮން ފަނޑިޔާރަކަށް ކަމެއް ލިޔެވިފައެއް ނޯންނާނެވެ. އެ ފަނޑިޔާރުން އަމަލުކުރައްވާ ގޮތަކީ ޓައީ އިހްތިޔާރުކުރުމުގެ ފުރުސަތު ދިނުމުގައި ހިދުމަތުގެ މުއްދަތަށް އިސްކަން ދެއްވުމެވެ. އެމެރިކާ ނޫނަސް އެހެން ގައުމުތަކުގައިވެސް ފަނޑިޔާރުންގެ މެދުގައި މިފަދަ އާދަކާދަތައް ހުރެ އެވެ.
އަޑުއިވިފައިވާ ގޮތުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި މިގޮތުން އޮންނަ އެއް އާދައަކީ ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ފަނޑިޔާރަކު ދެންތިބި ފަނޑިޔާރުންނަށް މެންދުރުގެ ފަރިއްކޮޅު އެރުވުމެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެފައި އޮތްގޮތުން، އެ އާދަ އެއޮތީ ޔާމީން މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ މެދުގަ އެވެ. އެއީ އެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު އަޑުއެހުންތައް ދިގުލައިގެން ދާތީ އެވެ.
އެކަމުގައި މައްސަލައެއް ނެތެވެ. ވަރަށް ދިގު އަޑުއެހުންތައް ބާއްވައި، ހުރިހާ ފަނޑިޔާރުން ވަރަށް ގިނަ ދުވަހު ފަރީއްކުޅުވި ފަހުން މައްސަލަ ނިންމާ ދުވަސް އައިސް ޖެހިއްޖެ އެވެ. އެނބުރެމުން ސެނބުރެމުންއައި ތަރުތީބުން އިއްތިފާގުން މިއަދު ފަރިއްކޮޅު ދެއްވަން ޖެހިވަޑައިގެންފައި އޮތީ އެ ބެންޗުގެ ރިޔާސަތު ފަނޑިޔާރަށެވެ. މައްސަލަ ނިމުނީ ޔާމީނާ އެއްކޮޅަށެވެ. އެ ހުކުމް ކުރުމަށް ފަހު ފަނޑިޔާރުން ވަޑައިގަތީ ފަރިއްކޮޅަށެވެ. އިއްތިފާގުން ފަރިއްކޮޅު ގެނެވުނީ އެ މައްސަލައިގެ ދައުވާ ލިބުނު ޔާމީން އަބްދުﷲއަށް މަރުދޭ، އޭނާގެ ބޮޑު ސަޕޯޓަރަކު ހިންގަވާ ރެސްޓޯރަކުންނެވެ. އެ ސަޕޯޓަރަކީ ރިޔާސަތު ފަނޑިޔާރާ އާއިލީ ގުޅުން އޮތް ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި އެ ދުވަހު ތިބީ ދެ ބާވަތެއްގެ ބައެކެވެ. އެއް ބާވަތަކީ ޔާމީން މިނިވަންވޭތޯ ދުއާ ކޮށްލަކޮށްލައި ތިބި އޭނާގެ ސަޕޯޓަރުންނެވެ. ދެންތިބީ ޔާމީންގެ މައްޗަށް އޮތް ހުކުމް ދެމެހެއްޓުން އެދިގެންތިބި މީހުންނެވެ. މި އެންމެން ސުޕްރީމް ކޯޓުގެ ބޭރުގައި ތިއްބައި، ސުޕްރީމް ކޯޓުން ޔާމީން ނުކުމެވަޑައިގަތީ އޭނާގެ ކޮޅަށް ތިލަފަތް ބަރުކޮށްގެންނެވެ. މިނިވަނެއްގެ ގޮތުގަ އެވެ. ޔާމީނާ އެއްކޮޅު މީހުން އުފާފާޅުކުރިއިރު ދެކޮޅު މީހުން ތިބީ ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި މި ވީގޮތެއް ނޭނގި ހިތްހަމަނުޖެހިފަ އެވެ.
އެ ހިތްހަމަނުޖެހުމުގައި ތިއްބައި އެމީހުންނަށް ފެނުނީ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅަކު ހިންގަވާ ރެސްޓޯރަންޓުން ސުޕްރީމް ކޯޓަށް ކެއުން ގެނެސް ހަވާލުކުރި ތަނެވެ. އެވަގުތު އެމީހުންގެ ހިތުގައި ސުޕްރީމް ކޯޓާމެދު އުފެދޭނީކީ މާރަނގަޅު ތަސައްވުރެއް ނޫނެވެ. ރަނގަޅު ޝުއޫރުތަކެއް ވެސް ނޫނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅު ގެންނެވުމުގައި ފަނޑިޔާރުގެ ނުބައި ނިޔަތެއް އޮވެދާނެޔޭ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ. އަދި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ވަރަށް މީރުކަމަށް ވިދާޅުވި އެއްވެސް ފަނޑިޔާރެއްގެވެސް ނުބައި ނިޔަތެއް ނެތެވެ. އެހެން ނަމަވެސް މަންޒަރު ބަލާން ތިބި މީހުން ދެކޭނީ ކިހިނެއްތޯ ވިސްނަވާލެއްވުނުނަމަ ނަތީޖާ ނިއުޅިގެން އައިގޮތް ތަފާތުވީސްކަން ގައިމެވެ.
މަތީގައި ބުނެވުނު މަންޒަރު ދެކި، އެކަމާ ހިތްހަމަނުޖެހުނު މީހަކު އެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. އެ ކޮމިޝަނުން އެ މައްސަލަ ނުބަލަން ނިންމައިފިނަމަ، ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރު އެކީއެކަށް އިހުމާލުކޮށްލެވުނީ އެވެ. އެ އަކުރުގައި އޮންނަނީ، ފަނޑިޔާރު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، ފަނޑިޔާރުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުން އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން އެއީ ފަނޑިޔާރު ހިފަހައްޓެއް ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މި މައްސަލައިގެ ހާލަތުގައި އަދުލު އިންސާފުގެ މެޝިން ހިނގާތަން ދެކޭންތިބި މީހުންގެ ހިތްތަކުގައި އެ ނިޒާމުގެ އިންސާފުވެރިކަމާމެދު ކުޑަ ނަމަވެސް ސުވާލެއް އުފެދޭނޭ ފަދަ ކަމެއް ހިނގައިފި އެވެ. އެކަން އަސްލުގައި ހިނގައިދިޔަ ގޮތް އެނގޭނީ މައްސަލަ ބެލީމަ އެވެ.
ދެބަސް ނުވެވޭނޭ ހަގީގަތަކީ ސުޕްރީމް ކޯޓަށް އަލަށް އައްޔަނުކުރެވުނު ފަނޑިޔާރުންނާއެކު ޖުޑީޝަރީގެ މޫނުމަތި ބަދަލުވެއްޖެ ކަމެވެ. ނިދިން ހޭލައި ކޯޓުތައް ހިނގަން ފަށައިފި އެވެ. މުޅި ނިޒާމަށް މަޑުމަޑުން ނަމަވެސް މުރާލިކަން އަންނަމުން އެބަ ދެ އެވެ. މިކަން ދެމި އޮންނާނީ އަދުލުއިންސާފުގެ ނިޒާމާމެދު ޝައްކު އުފެދޭނޭ ކަންކަމުން އަޅުގަނޑުމެން އެންމެ ދުރުވެގެންނެވެ. އިހަށްވެސް އަދި މިހާރުވެސް އެންމެ އުނދަގޫ އަދި ނުވެފައި އޮތް ކަމަކީ ޝަރުއީ ދާއިރާގެ އިންސާފުވެރިކަމާމެދު އިތުބާރު ހޯދުމެވެ. އެ މަސައްކަތް ފެއިލްވިޔަ ނުދީ ކުރިއަށް ގެންދިއުމުގައި މުޅި ޖުޑީޝަރީގެ ހުރިހާ ގުނަންތަކުން މަސައްކަތްކުރަންޖެހެ އެވެ.
Comment