Advertisement

ވޯލްޑް ކަޕުން ކެޓުމުން ގާނާ ކޯޗު އިސްތިއުފާދޭން ނިންމައިފި

3 ޑިސެންބަރު 2022 - 10:09 0


ވޯލްޑް ކަޕުން ކެޓުމުން ގާނާ ކޯޗު އިސްތިއުފާދޭން ނިންމައިފި

3 ޑިސެންބަރު 2022 - 10:09 0

ދޯހާ، ގަތަރު (ޑިސެމްބަރު 3) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓިތާ މާގިނައިރެއްނުވެ، ގާނާ ޓީމުގެ ކޯޗުގެ މަގާމުން އޮޓޯ އައްޑޯ އިސްތިއުފާދޭން ނިންމައިފި އެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ގާނާ ވަނީ އުރުގުއޭ އަތުން 2-0 އިން ބަލިވެފަ އެވެ. ގާނާ އިން ފުރަތަމަ މެޗުގައި 3-2 އިން ޕޯޗުގަލް އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ވަނީ ދެކުނު ކޮރެއާ އަތުން 3-2 އިން މޮޅުވެފަ އެވެ. ގާނާ ގްރޫޕް ސްޓޭޖު ނިންމާލީ، ތާވަލުގެ ފުލުގައި އޮވެގެންނެވެ.

ގްރޫޕްގެ ފަހު މެޗު ނިންމާލުމަށް ފަހު ދިން އިންޓަވިއުގައި އައްޑޯ ބުނެފައިވަނީ ވޯލްޑް ކަޕަށް ފަހު ގާނާ ޓީމު ދޫކޮށްލަން މާ ކުރިން ވެސް ނިންމާފައިވާ ކަމަށެވެ.

"އަހަރެން ކުރިން ވެސް ބުނިން ޓީމު ދޫކޮށްލާނެ ކަމަށް މި މުބާރާތަށް ފަހު، އެއީ އަހަންނާއި އަހަރެެންގެ އާއިލާގެ މުސްތަގުބަލު ގުޅިފައި އޮތީ ޖަރުމަނާއި، އަހަރެން އެ ތަނުގައި ފުޓްބޯޅައިގެ މަަސައްކަތްތައް ކުރަން ބޭނުން،" ގާނާ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ، އައްޑޯ، 47، ބުންޏެވެ.

ގާނާ އިން 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގައި ވާދަކުރިއިރު، އެ ޓީމަށް ކުޅުނު އައްޑޯ އަށް ގާނާގެ ކޯޗުކަން ދިނީ މި އަހަރު ކުރީކޮޅު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި އެ ގައުމުގެ ނަތީޖާތައް ދަށްވުމުންނެވެ. އައްޑޯގެ އިރުޝާދުގެ ދަށުން އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ގާނާ ވަނީ ނައިޖީރިއާ ބަލިކޮށް، މި ފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފަ އެވެ. އެކަމަކު، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފަހަނައަޅައިދާން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ.

އައްޑޯ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ނަތީޖާތަކާ ގުޅިގެން ޓީމު ދޫކޮށްލަން ނިންމި ތިން ވަނަ ކޯޗެވެ. މީގެ ކުރިން ބެލްޖިއަމްގެ ކޯޗަކަށް ހުރި ރޮބާޓޯ މާޓީނޭޒް އާއި މެކްސިކޯއާ ހަވާލުވެ ހުރި ޓަޓާ މާޓީނޯ ވަނީ ވޯލްޑް ކަޕުން ކެޓުމާ އެކު މަގާމުން އިސްތިއުފާދީފަ އެވެ.