Advertisement

އަލަށް އުފަންވާ ކުދިން ރަޖިސްޓްރީކުރުން ލަސްވާނަމަ ޖޫރިމަނާ ކުރެވޭ ބިލު ފާސްކޮށްފި

28 ނޮވެންބަރު 2022 - 13:59 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ ނުކޮށްފިނަމަ، ނުކުރެވުނު ސަބަބުތަކަށް ރިއާޔަތްކުރުމަށް ފަހު ޖޫރިމަނާ ކުރާނެ--


އަލަށް އުފަންވާ ކުދިން ރަޖިސްޓްރީކުރުން ލަސްވާނަމަ ޖޫރިމަނާ ކުރެވޭ ބިލު ފާސްކޮށްފި

28 ނޮވެންބަރު 2022 - 13:59 0

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ހިމަނައި، ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާފައިވަނީ "އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނު" އެވެ.

މި ބިލު ދިރާސާކޮށްފައިވަނީ ގައުމީ ތަރިކައާއި ތަރައްގީގެ ކޮމިޓީއާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް-ސަބް ކޮމިޓީއަކުންނެވެ.

ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނޫނީ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމުގައި އެ ބިލުގައި ބުނެފައިވެ އެވެ.

އާއްމު ގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރުގައި ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމަކާއެކު، ރާއްޖެއަށް އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް ބުނެފައިވެ އެވެ.

ބިލު ހުށަހެޅިއިރު އޮތީ އެ މުއްދަތުގައި ރެޖިސްޓްރީ ނުކޮށްފިނަމަ އަދި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރުމާއެކު، ކޮމިޓީ މަރުހަލާގައި ވަނީ ލުއެއް ދީފަ އެވެ. އެގޮތުން މިފަދަ ހާލަތެއްގައި ޖޫރިމަނާކުރުމުގައި އެ ކަން ނުކުރި ސަބަބަކަށް ރިއާޔަތް ކުރެވޭ ގޮތަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފަ އެވެ.

ކޮމިޓީ މަރުހަލާގައި މި ބިލަށް ދެން ގެނެސްފައިވާ އަނެއް މައިގަނޑު ބަދަލަކީ ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިކުރެވެން ނެތް ހާލަތުގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށް ވެސް ސޮއިކުރެވޭނެ ހާލަތެއް ނެތްނަމަ ބެލެނިވެރިޔާއަށް ސޮއިކުރެވޭނެ ގޮތަށް ހެދުމެވެ.

މީގެ އިތުރުން، ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުފަންވާ ކުދިން، އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަންޖެހެ އެވެ.

އެ ބިލުގައިވާ ގޮތުން، އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފްތަރެއް ވެސް ރަށް ނޫނީ ސިޓީ ކައުންސިލުން ބަލަހައްޓަންޖެހެ އެވެ.

އެގޮތުން، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން މަރު ސާބިތުކުރުމަށްފަހު، މެރުވި މީހާގެ ވާރިސުން އެކަން ލަސްނުކޮށް ކައުންސިލަށް އަންގަންޖެހެ އެވެ.

މީގެ އިތުރުން، އާއްމު ގަވައިދުތަކާބެހޭ ގާނޫނުގައި އޮތް ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑު ހެދުމާބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަން ވެސް އެ ބިލުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ފޫޅުމާ ފޯމަކަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް، މަރު ފޯމަކަށް ނުވަތަ އައިޑީކާޑަކަށް ސައްހަ ނޫން ބަދަލު ގެނައުމާއި، ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ އިތުރުން ގަސްދުގައި ގެއްލުން ދިނުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބެއްގެ ގޮތުގައި 10،000ރ. އާއި 15،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އެކަން ކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އަދަބު ވަނީ ބޮޑުކޮށްފަ އެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.