Advertisement

ހުއްދަ ނޫން ކެމިކަލް ހަތިޔާރު ގެންގުޅޭނަމަ އެއް މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭ ބިލު ފާސްކޮށްފި

28 ނޮވެންބަރު 2022 - 13:57 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ--- ފޮޓޯ: މުހައްމަދު ވިޝާމް/ އަދަދު


ހުއްދަ ނޫން ކެމިކަލް ހަތިޔާރު ގެންގުޅޭނަމަ އެއް މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭ ބިލު ފާސްކޮށްފި

28 ނޮވެންބަރު 2022 - 13:57 0

ގާނޫނުގައި މަނާ ކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ލައިސަންސަކާ ނުލައި ލިބިގަތުމާއި ގެންގުޅުމާއި ބެހެއްޓުން އަދި އުފައްދާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލު ދިރާސާކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީއަކުންނެވެ.

ކޮމިޓީން ވަނީ ކެމިކަލް ހަތިޔާރު މަނާކުރުމާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ކަމުގައިވާ 'ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން ސްޓޮކްޕައިލިންގް އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއާ ޑިސްޓްރަކްޝަން 1993' ގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ އެއް ހަމަ ކުރުމުގެ ގޮތުން ބައެއް ކުދި ކުދި އިސްލާހު ގެނެސްފަ އެވެ.

މި މުއާހަދާގެ ދަށުން ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާ، އުފެއްދުމާ، ރައްކާކުރުމާ، ބޭނުންކުރުން މަނާކުރުމާ އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މި ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

އަދި، ކެމިކަލް ގެންގުޅުން ހުއްދަވާ ހާލަތްތަކާއި، ލައިސަންސަކާ ނުލާ ގެންގުޅޭނަމަ އަދަބުގެ ކުޑަ ބޮޑު މިނަށް ބަލައި އެމީހަކު ޖޫރިމަނާ ކުރުން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ދީފައިވެ އެވެ.

ބިލުގައި ވަނީ އެ ކުށްތަކަށް ވަނީ ފަސް ލައްކަ ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ނުވަތަ ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ދީފަ އެވެ.

ބިލު ގާނޫނަކަށް ވުމުން ގާނޫނު ތަންފީޒު ކުރުމަށްޓަކައި 'ކެމިކަލް ވެޕަންސް ޔުނިޓް' ގެ ނަމުގައި ހާއްސަ ޔުނިޓެއް އުފައްދަން ޖެހޭނެ އެވެ. ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ލައިސަންސާއި ރެޖިސްޓްރޭޝަންތައް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ މި ޔުނިޓުގެ ދަށުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.