Advertisement

ދިވެހިބަހުގައި މަދުވަމުންދާ ބައެއް އިސްތިޢުމާލުތައް

25 ނޮވެންބަރު 2022 - 08:32 3

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ދިވެހިބަހުގައި މަދުވަމުންދާ ބައެއް އިސްތިޢުމާލުތައް

25 ނޮވެންބަރު 2022 - 08:32 3

ފަށަމާ ހިނގާށެވެ. އެންމެ ފުރަތަމަވެސް އަހަރެމެން ލިޔުންތެރިންނާއި، ނޫސްވެރިންނާއި ވާހަކަ ދެއްކުންތެރިންގެ ފުށުން ފެންނަ ކަމެކެވެ. ކަންކަން ހުންނަނީ "ކުރެވިފައެވެ." ގޮތްތައް ހުންނަނީ "ނިންމިފައެވެ." ބަދަލުތައް ހުންނަނީ "ގެނެވިފައެވެ." ނުލާހިކު ބޮޑެތި ކަންތައްތައްވެސް ހުންނަނީ "ބަޔާންވެފަ އެވެ". ޖުމުލަތައް ނިންމުމުގައި ވަރަށް ޢާއްމުކޮށް ބޭނުންކުރާ ލަފުޒުތަކެކެވެ. މި ޒަމާނުގެ ލިޔެކިޔުންތަކަށް ފަރިތަ ބަޔަކަށް މި ބުނާ އެއްޗަކުން ގޯހެއް ފެނުން ނާދިރުވާ މިންވަރަށް ޢާއްމުވެފައިވާ އިސްތިޢުމާލެކެވެ. އިޚުތިޔާރީ ލަފުޒުތައް ބޭނުންކުރުން މަދުވަމުންވަމުން ގޮސް، ހުރިހާ ހާލަތެއްގައިވެސް ބޭ އިޚުތިޔާރީ ލަފުޒުތައް ބޭނުންކުރުން ޢާއްމުވެފައިވާ މިންވަރާ ހުރެއެވެ. އެހެންނަމަވެސް ދިވެހި ބަހަކީ އެ ބަހެއްގައި އިޚުތިޔާރީ އަދި ބޭ އިޚުތިޔާރީ ފުރޮޅުންތައް ގެނެވޭ ލަފުޒުތަކަކުން މުއްސަނދިވެފައިވާ ބަހަކަށް ވާ ހިނދު، އެ އިސްތިއުމާލު ދޫކޮށްނުލައި، އާލާކުރުން ވާނީ ހަމަގައިމުވެސް ބަހަށް ލިބޭ އިތުރު ފުރިހަމަކަމަކަށެވެ.

"އެކްޓިވް ވަރބް" ނުވަތަ އިޚުތިޔާރީ ކަމުގެ ލަފުޒުތަކަކީ، ކަންކުރާ އެކުރާ ކަމެއް ކުރަނީ އޭނާގެ އިޚުތިޔާރެއް އޮވެގެންކަން އެ ލަފުޒު ގެނެސްފައި އޮންނަ ގޮތުން ސާފުވާ ލަފުޒުތަކެވެ. މި މާނައިގައި އިޚުތިޔާރީ ލަފުޒު ބޭނުންކުރާ މިންވަރު މިހާރު މަދުވުމުގެ ނަތީޖާއަކަށް ވަނީ ލަފުޒުގެ ކުޑަ ފުރޮޅުމަކުން މާނައަށް އެ އަންނަ ބަދަލު ގެއްލި، އެ ލަފުޒުގެ އެއް "ފުރޮޅުން" ގެއްލި ދިއުމެވެ.

"އާދީއްތަ ދުވަހުން ފެށިގެން މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ" ބުނުމުން، "ހުޅުވާލެވިފައި" ވުމުން އެއީ ބޭ އިޚުތިޔާރީ ލަފުޒެއްކަން ހާމަވެއެވެ. އެހެންނަމަވެސް އެ ޢަމަލަކީ ގަސްދުގައި ހިންގާފައިވާ ޢަމަލަކަށް ވާ ހިނދު، އެ ޙާލަތުގައި ""އާދީއްތަ ދުވަހުން ފެށިގެން މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ" ބުނުމުން، އެ މާނަ މާ ސާދާކޮށް ދޭހަވެއެވެ. "ކުރަނީ- ކުރެވުން"؛ "ރޮނީ- ރޮވެނީ"؛ "ގެންނަނީ- ގެނެވެނީ"؛ "ނިންމަނީ- ނިންމެނީ"؛ ހިންގަނީ- ހިންގެނީ" ފަދަ އިޚުތިޔާރީ އަދި ބޭއިޚުތިޔާރީ ކަންކަމަށް ތަފާތު ފުރޮޅުންތައް ހުންނަ ލަފުޒުތައް، އެއާ މުނާސަބު ޙާލަތުގައި ބޭނުންކުރުމުގެ އިސްތިއުމާލު އަނެއްކާވެސް އާއްމުކުރަމާ ހިނގާށެވެ.

މި ފަދަ އެހެން އިސްތިޢުމާލެކެވެ. "ސާދާ ކަމަކުން" "ކުރުވާ ކަމަކަށް" ކަން ބަދަލުވާ ޙާލަތްތަކުގައި އެއާ ގުޅުންހުރި ލަފުޒު ބޭނުންކުރުމެވެ. މިސާލަކަށް؛

ޒީނަތު މުޙައްމަދާ އިންނަން ރަންކިޔައިފިއެވެ.

ޒީނަތު ލައްވާ މުޙައްމަދާ އިންނަން ރަންކިޔުއްވީ ގަދަކަމުންނެވެ.

މި ދެ ޖުމުލައިން ކުރެ ފުރަތަމަ ޖުމުލައިގައި ޒީނަތު "ރަންކިޔައިފި"އޭ ބުނުމުން އެއީ ޒީނަތު ކުރި ސާދާ ކަމެއްކަން ދޭހަވެއެވެ. އެހެންނަމަވެސް ދެ ވަނަ ޖުމުލައިގައި ޒީނަތު ލައްވާ "ރަންކިޔުއްވީ"އޭ އޮތުމުން އެއީ ކޮންމެވެސް މީހަކު އޭނާއަށް މަޖުބޫރުކޮށްގެން އޭނާ ލައްވާ ކުރުވިކަމެއްކަން އެބަ ދޭހަވެއެވެ. "ކިޔައިފި" އަދި "ކިޔުއްވައިފި" މި ދެ ލަފުޒުން ފެންނަނީ ނުވަތަ އިވެނީ ވަރަށް ކުޑަ ތަފާތަކެވެ. އެހެންނަމަވެސް ފުންކަނޑެއްހާ ބޮޑު ފަރަޤެއް، އޭގެ މާނައަށް އެބަ ގެނުވައެވެ. "ކިޔުއްވާފައި" މި ލަފުޒު ފެނުމާއެކު ނުވަތަ އިވުމާއެކު "ގަދަބާރުން" އަދި "ލައްވާ" މި ދެ ލަފުޒު ނުފެނުނަސް، އެ ކަމަކީ "ކުރުވާ ކަމެއްކަން އެބަ ސާބިތުކޮށްދެއެވެ.

ބައެއް ޙާލަތްތަކުގައި ބަހުގެ ދަރަޖަ ބަދަލުކުރަން ކުރާ މަސައްކަތުގެ ތެރެއިންވެސް ކަމުގެ ލަފުޒުތައް ނުރަނގަޅުގޮތުގައި ބޭނުންކުރެވެއެވެ. މިސާލަކަށް މި ނަގަނީ ދެ ނޫހަކުން ފެނުނު ދެ ސުރުޚީއެކެވެ.

މިނިސްޓަރު ޝިދާތާ އިންޑިޔާގެ އާ ޗައިލްޑް ޑިވެލޮޕްމެންޓް މިނިސްޓަރަށް ތަހުނިޔާ ކިޔުއްވައިފި

ރޮޒައިނާ އިންޑިޔާއަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވައިފި

ދެ ޖުމުލައިގައިވެސް "ކިޔުއްވައިފި" ބޭނުންކޮށްފައި މި އޮތީ "ވިދާޅުވެއްޖެ" މި މާނައިގައި ކަމަށް ބަލާނޭ ޖާގަ އެބައޮތެވެ. އެހެންނަމަވެސް "ކިޔުއްވައިފި" އޭ ލިޔެފައި އޮތުމުން، ޝިދާތާ އިންޑިޔާގެ މިނިސްޓަރަށް ތަހުނިޔާ ކިޔުއްވީ ކާކުލައްވާ ތޯ ސުވާލުކުރާނޭ ފުރުޞަތު ލިބެއެވެ. އަދި ރޮޒައިނާ އިންޑިޔާއަށް ޘަނާ ކިޔުއްވީ ކާކުލައްވާތޯ ސުވާލު އުފައްދާނޭ ފުރުޞަތު އެބަ ލިބެއެވެ. މި ފަދަ އޮޅުންބޮޅުން ފިލުވޭނީ ކަމުގެ ލަފުޒުތަކުގެ ތަނޑަށް ބަދަލުއަންނަނީ ކޮންކޮން ގޮތްތަކަކުންކަން އެނގިހުރެ، އޭގެ އިސްތިއުމާލުކުރެވެން ފެށުމުންނެވެ.

ދެންމެ މި ކިޔައިދިން މިސާލުންވެސް ސާފުވާނޭ ފަދައިން ދިވެހި ބަހަކީ ބައެއް ޙާލަތްތަކުގައި އެއް ލަފުޒެއްގެ ތެރެއަށް އެތައް މާނަތަކެއް ބޮނޑިކުރެވޭ ބަހެކެވެ. ބަހަވީ ދާރިސުން ބުނާ ގޮތުންނަމަ، "ސިންތެޓިކް" ބަހެކެވެ. ތިލަކޮށްލަމާ ބަހީއެވެ. ކުޑަކުދިން "އެލޯވަޅިން މިލޯވަޅިން" ކުޅޭއިރު ކިޔާ ޢިބާރާތެއްގައި އޮވެއެވެ.

"ދިނަސް، ނުދިނަސް، ކަނޑާ ކަނޑާ ބަންގަޅިޔާ!"

ސަމާލުކަން ދޭންވީ މި ޢިބާރާތުގައި އެ ވާ "ދިނަސް" އަދި "ނުދިނަސް" މި ދެ ލަފުޒަށެވެ. ޢާއްމުކޮށް އެކަކު އަނެކަކާ މުއާމަލާތްކުރުމުގައި އަދިވެސް މި ދެ ލަފުޒު ބޭނުންކުރެއެވެ. އެ އިސްތިއުމާލު މަދެއްވެސް ނޫނެވެ. އެހެންނަމަވެސް، ލިޔެކިޔުމުގައި ރަސްމީ ސިފަ ގެނުވުމަށްކަމަށް ދެކި، "ދިނަސް"ގެ ބަދަލުގައި "ދިންކަމުގައިވިޔަސް" އޭ ލިޔުމުން، އަކުރުތަކެއް އިތުރުވުން ނޫން އެހެން ބާރެއް އެބަ ލިބޭ ހެއްޔެވެ؟

ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެހެންނަމަވެސް އަހަންނަށް ބަސް ދިވެހިވަންތަ ވަނީ އެ ފަދަ އިސްތިޢުމާލުތައްވެސް ފެނުނީމައެވެ. "ބޭނި ނަމަވެސް" ނުވަތަ "ބޭނިކަމުގައިވިޔަސް"ގެ ބަދަލުގައި "ބެޔަސް"އޭ ބުނުމުން އަހަންނަށް މާ ޗާލެވެ. "ހުރިކަމުގައިވިޔަސް"ގެ ބަދަލުގައި "ހުއްޓަސް" އަދި "ގަތްކަމުގައިވިޔަސް"ގެ ބަދަލުގައި "ގަތަސް" މިއީ ހަމަ ބޭނުންކުރެވޭނޭ "ބޮނޑިކުރެވުންތަކެވެ". އަމުދުން މީސްމީޑިޔާގެ އެކި މަންސަތަކުގައި ބައެއް ލިޔުންތަކަށް އަކުރު ބޭނުންކުރެވޭ ޢަދަދު ކަނޑައަޅާފައި އޮންނަ މި ޒަމާނުގައި، އެންމެ ތިން އަކުރުން ބުނެވެން އޮންނަ ވާހަކައެއް އަށެއްކަ އަކުރުން ބުނުން އެއީ އެންމެ ހިކުމަތްތެރި ގޮތްތޯ ސުވާލުކޮށްލުން ރަނގަޅެވެ.

ބަހުގެ އިސްތިއުމާލަކީ އެއަށް ޒަމާނާއި ވަގުތާއި ޙާލަތުގެ ނުފޫޒު ފޯރާނެކަމެކެވެ. އެއީ އެއިން ބައެއް އިސްތިއުމާލު ބަދަލުވާން ނޭދޭ ބަޔަކު އެ ބަސްމޮށޭ މީހުންގެ ތެރޭ ހިމެނުނަސްމެއެވެ. ކަން މިހެން އޮތްނަމަވެސް ބަހެއްގައި ކުރެވޭ އިސްތިޢުމާލެއް ދިރުވައި އާލާކުރުމަކީވެސް ކުރެވިދާނޭ ކަމެކެވެ. އެކަން ޚުދު އަހަރެމެންގެ ދިވެހި ބަސްވެސް ވަނީ އެކި ޙާލަތްތަކުގައި ސާބިތުކޮށްދީފައެވެ. އަހަރެންގެ މި ލިޔުމުގެ މަޤްޞަދަކީ އެއްގޮތަށްވުރެ އަނެއް ގޮތް ރަނގަޅޭ ބުނުމެއް ނޫނެވެ. އެހެންނަމަވެސް، މަތީގައި މި ކިޔައިދިން އިސްތިޢުމާލުތައް "ބޯދާ" ކަންކަމަށް ވުމުގެ ކުރިން އަހަރެމެންގެ ސަމާލުތަކަށް އެކަން ގެނައުމެވެ. ނިންމާލަމުން ހަނދާނަށް ގެންނަހިތް އޮތީ ޙުސައިން ޞަލާހުއްދީންގެ ބަސްފުޅެކެވެ.

"ބަސްބަހީ މީހުން ހަދާއެއްޗެއް ބަލަގަ ނޫނޭ ތެދޭ

އަސްތަ އަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ

އޭގެ މައްޗަށް މީހަކަށް ބާރެއް ނުދެއްކޭ ނެއެހިލާ

ހެއިހަށީގައި ބުއްދިވާނަމަ ށޭވެކަންދީ ވިސްނަވައި"