Advertisement

ބަޖެޓު ރިޕޯޓަށް ބަހުސް ކުރާނެ މެންބަރެއް ތަޅުމުގައި ނެތް!

23 ނޮވެންބަރު 2022 - 10:40 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަންޒަރެއް؛ ގިނަ މެންބަރުން މަޖިލީހަށް ހާޒިރުނުވޭ---


ބަޖެޓު ރިޕޯޓަށް ބަހުސް ކުރާނެ މެންބަރެއް ތަޅުމުގައި ނެތް!

23 ނޮވެންބަރު 2022 - 10:40 1

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓު ބަޖެޓަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރާނެ މެންބަރެއް ނެތިގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

ބަޖެޓު ކޮމިޓީން ބަޖެޓު ރިޕޯޓު ފާސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް މާ ގިނަ މެންބަރުން ބަހުސް ކުރުމަށް އެދިފައިނުވެ އެވެ. އިއްޔެގެ ޖަލްސާގައި ހުޅުވާލި ފަހު ފުރުސަތުގައި 37 މެންބަރުން ބަހުސް ކުރަން ބޭނުންވެ ނަން ނޯޓު ކުރި އެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ ރިޕޯޓަށް ބަހުސް ކުރުމަށެވެ. އެހެންނަމަވެސް 10:30 ވުމުގެ ކުރިން ބަހުސް ކުރާނެ މެންބަރެއް ނެތިގެން ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ.

"ފުރުސަތަށް އެދިވަޑައިގެންފައިވާ އިއްޒަތްތެރި މެންބަރަކު މިވަގުތަކު ތަޅުމަކު ނެތް، އަޅުގަނޑު ގަސްދުކުރަނީ އެހެންވީމާ މެދުކަނޑާލަން،" ނަޝީދު ވިދާޅުވި އެވެ.

ނަން ނޯޓު ކޮށްފައިވާ މެންބަރުންގެ ތެރެއިން މިއަދުގެ ފުރަތަމަ ދަންފަޅިއަށް ހާޒިރުވެވަޑައިގެން، ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އެންމެ 10 މެންބަރުންނެވެ.

ބަޖެޓު ރިޕޯޓަށް މިއަދު ބަހުސް ކުރެއްވި މެންބަރުން:

  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
  • މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
  • ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް
  • ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
  • ހެންވެއިރު ދެކުނު ދާއިރާ މެންބަރު ހުސައިން ޝަހީމް
  • ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
  • ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
  • ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު
  • ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް

ރިޔާސަތުން ލަފާކޮށްފައިވާ ގޮތުގައި ބަޖެޓު ރިޕޯޓަށް ބަހުސް ކުރުން މިއަދާއި ހޯމަ ދުވަހު ކުރިއަށް ދާނެ އެވެ. އެއަށްފަހު ހޯމަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ އެވެ. ބަޖެޓު ފާސްކުރުމަށް ފަހު މަޖިލީހުގެ މި ދައުރު ނިންމާލުމަށް ފަހު ރިސެސް އަށް ދާނެ އެވެ.

ބަހުސް ކުރާނެ މެންބަރެއް ނެތިގެން ޖަލްސާ މެދުކަނޑާލިއިރު، ޖަލްސާގެ ހާޒިރީ ދަށްވުމުގެ ކަންބޮޑުވުން ވެސް ނަޝީދު މިއަދު ވެސް ފާޅުކުރައްވާފައިވެ އެވެ. ޖަލްސާ ފެށުނު އިރު ހާޒިރުވެ ތިއްބެވީ އެންމެ 22 މެންބަރުންނެވެ.