Advertisement

ނޫމަޑިއަށް ދައްޕަރު ވިއްކާލި މުއާމަލާތުގެ މައްސަލަ އަލުން ބެލުމަށް އަންގައިފި

22 ނޮވެންބަރު 2022 - 12:25 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ނޫމަޑިއަށް ދައްޕަރު ވިއްކާލި މުއާމަލާތުގެ މައްސަލަ އަލުން ބެލުމަށް އަންގައިފި

22 ނޮވެންބަރު 2022 - 12:25 0

ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސީއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޫކުރި ހއ. ދައްޕަރުގެ ލީޒްހޯލްޑް ރައިޓްސް ވިއްކާލުމާ ގުޅިގެން އެމްޓެލް ވެންޗާސް ލިމިޓެޑްއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތް ކަމަށް ބުނާ މައްސަލަ އަލުން ސިވިލް ކޯޓުން ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެ މައްސަލާގައި ހުކުމްކޮށްފައިވަނީ ނމަޑިއާއި އެމްޓެލްއާއެކު އެންމެ ފަހުން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފައިސާ ނުދެއްކި ބާކީވާ އެއް މިލިއަން އެއް ލައްކަ އެމެރިކާ ޑޮލަރަކީ އެމްޓެލްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމުގަ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެމްޓެލްގެ ވިޔަފާރި ހިއްސާދާރެއް ކަމަށްވާ މުހައްމަދު އަނީގެވެ. ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނީގު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ، އޭނައަށް އެ ފައިސާ ލިބުމުގެ ބަދަލުގައި އެމްޓެލްއަށް ފައިސާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާތީ އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވެސް ވަނީ، ނޫމަޑިއާއި އެމްޓެލްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅިގެން އެމްޓެލްއަށް ލިބެން ޖެހޭ ފައިސާއާ ގުޅޭ ހައްގުތަކާއި ޒިންމާތައް އަނީގަށް ބަދަލުކޮށްފައިވާ ކަން އެ ކުންފުނީގެ ބޯޑު ރެޒޮލިއުޝަންގެ ނިންމުމަކުން އެނގެން އޮންނަ ކަމަށެވެ.

އެމްޓެލްއަކީ މައްސަލާގައި ދައުވާކުރި ފަރާތަށް ނުވާއިރު އަދި މައްސަލައަށް ތަދައްޚުލްވި ފަރާތަކަށް ވެސް ނުވާތީ، ދައުވާގައި ނެތް ކަމަކަށް ހުކުމް ނުކުރެވޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދިވެސް ދަށު ކޯޓުގެ މަރުހަލާގައި، މި މައްސަލާގައި ބަލަން ޖެހޭ އެތައް ކަމެއް ބަލާފައި ނެތް ކަމަށް އޭގައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ހުސައިން ޝާހިދާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިއްތިފާގުން ނެރުއްވި ހުކުމުގައި ވަނީ މި މައްސަލަ އަލުން ސިވިލް ކޯޓުން ބަލަން ޖެހޭ ކަމަށް ފެންނާތީ އަލުން ބެލުމަށް އަންގަވާ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް؛

ދައްޕަރުގެ ލީޒްހޯލްޑް ރައިޓް ވިއްކުމާ ގުޅޭ ގޮތުން ނޫމަޑިއާއި އެމްޓެލްއާއި ސަން އޯޝަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކުރީ ނޮވެމްބަރު 21، 2012 ގަ އެވެ.

އެ އެއްބަސްވުމުގައި ވަނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލަައިގެން ކޮންމެ އިންސްޓޯލްމަންޓަކަށް އެއް މިލިއަން އެމެރިކާގެ ޑޮލަރުގެ މަގުން ޖުމުލަ ތިން މިލިއަން އެމެރިކާ ޑޮލަރު އެމްޓެލްއަށް ވިއްކުމަށެވެ.

ފުރަތަމަ އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހެނީ ރަށާ ގުޅޭ ލީޒްހޯލްޑް ރައިޓްސް ވިއްކާލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގަ އެވެ.

ދެވަނަ އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހެނީ ފުރަތަމަ އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހޭ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގަ އެވެ. ނުވަތަ ރަށް ގަތް ކުންފުނިން ނޫމަޑިއަށް ފައިސާ ދައްކާތާ ހަތް ދުވަހުގެ ތެރޭގަ އެވެ.

ތިންވަނަ އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހެނީ ދެވަނަ އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ޖެހޭ ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގަ އެވެ. ނުވަތަ ރަށް ގަތް ކުންފުނިން ނޫމަޑިއަށް އެ ފައިސާ ދައްކާތާ ހަތް ދުވަހުގެ ތެރޭގަ އެވެ.

ނަމަވެސް އާ އެއްބަސްވުމެއްގައި އެމްޓެލްއާއި ނޫމަޑިން ޖެނުއަރީ 24، 2016 ގައި ސޮއިކުރި އެވެ. އެ އެއްބަސްވުމުގައި ވަނީ ޖޫރިމަނާއާއެކު އޭރު ފައިސާ ނުދެއްކި އޮތް އެއް މިލިއަން އަށް ލައްކަ އެމެރިކާ ޑޮލަރު ދެއްކެން އޮތް މުއްދަތަކުން ދައްކާ ޚަލާސް ކުރުމަށެވެ.

ޝަރީއަތަށް މައްސަލަ ދިޔައީ އެ އެއްބަސްވުމަށް ފަހު ވެސް އެއް މިލިއަން އެއް ލައްކަ ޑޮލަރު ނުދައްކާ އޮތުމުންނެވެ. އެއްބަސްވުމަށް ފަހު ހަތް ލައްކަ ޑޮލަރު ނޫމަޑިން އެމްޓެލްއަށް ދައްކާފައިވެ އެވެ.