21 ނޮވެންބަރު 2022 - 08:55 0
21 ނޮވެންބަރު 2022 - 08:55 0
ގަތަރުގައި ރޭ ފެށި ފީފާ ވޯލްޑް ކަޕްގައި މި ފަހަރު ދަނޑުމަތިންނާއި ދަނޑުބޭރުން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އެއް ގްރޫޕަކީ ގްރޫޕް ބީ އެވެ. އެމެރިކާ، އިންގްލެންޑް، ވޭލްސް އަދި އިރާން ހިމެނޭ މި ގްރޫޕްގެ ވާހަަަކަ ތަފާތު ގޮތްގޮތަށް ދެއްކޭނެތީ އެވެ. އަދި މި ގްރޫޕްގައި ހިމެނޭ ގައުމުތަކުގެ ވާދަވެރިކަމާއި މެޗުކުރިން އެއް ޓީމު އަނެއް ޓީމަށް ފޮނުވާލާ ބަހުގެ ހަމަލާތަކުގެ ވެސް ފޯރިހިފާނެތީ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައި އޮއްވައި، އިރާންގައި އަންހެނުންގެ ހައްގުގައި ކުރާ މުޒާހަރާތައް ހޫނުވެ، ގިނަ ބަޔަކު މަރުވުމާއި ހައްޔަރުކުރާ އަދަދުތައް ވެސް އިތުުރުވަމުންދާތީ، އިރާން ވޯލްޑް ކަޕުން ބޭރުކުރަން ގޮވާލާ އަޑުތައް އިތުރުވި އެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ އާއި ޔޫކްރެއިންގެ ފުޓްބޯޅަ ފެޑެރޭޝަން އިން އިރާން ވޯލްޑް ކަޕުން ބޭރުކުރަން ޖެހޭ ކަމަށް ބުނެ، ވާހަކަ ދެއްކީ ފުޓްބޯޅަ އަކީ އެންމެނަށް އޮތް ކުޅިވަރެއް ކަމަށްވާއިރު، އިރާންގައި ފެންނަނީ އަންހެނުންނަށް އިންސާނީ ހައްގު ވެސް ޔަގީންނުވާ މަންޒަރު ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އިރާންގައި 22 އަހަރުގެ އަންހެން ކުއްޖަކު، ފުލުހުންގެ ހައްޔަރުގައި ހުއްޓައި، މަރުވި މައްސަލައިގައި އުފެދިފައިވާ ހަލަބޮލިކަމާ ހެދި މި ފަހަރު ވޯލްޑް ކަޕްގައި ކުޅޭ އިރާން ފުޓްބޯޅަ ޓީމު ވެސް އޮތީ "ބައިބައިވެފައި" ކަމަށް ޔޫރަޕްގެ މީޑިއާތަކުން ތުހުމަތުކުރެ އެވެ.
ގަތަރުގައި އިރާނުން ބޭއްވި ޓްރެއިނިންއެއްގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އެއްވެ ވާހަކަ ދައްކަނީ.
އެކަން އެންމެ ބޮޑަށް ރިޕޯޓްކުރަމުން އަންނަ އެއް ބަޔަކީ އިނގިރޭސި މީޑިއާތަކެވެ. އެ ގޮތުން އިނގިރޭސި މީޑިއާ އިން ވަނީ އިރާނުން، ގަތަރުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، އިރާންގެ ކޯޗު ކާލޮސް ކުއެރޯޒް ޕްރެޝަރަށް ލާން މަސައްކަތް ކޮށްފަ އެވެ.
އެކަމަކު، ކުއެރޯޒް ފެނުނީ މާ ހުށިޔާރުކޮށެވެ.
ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގައި ކޯޗިން މަސައްކަތް ކުރި ކުއެރޯޒާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި އެއް ސުވާލަކީ، އަންހެނުންގެ ހައްގު ކަށަވަރުނުވާ ގައުމެއްގެ ކޯޗުކަން ވޯލްޑް ކަޕެއްގައި ކުރަން ޖެހޭތީ ދެކޭ ގޮތެއް ބުނެދިނުމަށެވެ.
ޖަވާބުގައި ކުއެރޯޒް އެހީ އެ ސުވާލުކުރި ނޫސްވެރިޔާ އަކީ ކޮން ނޫހެއް ތަމްސީލްކުރާ ފަރާތެއްތޯ އެވެ. ނޫސްވެރިޔާ ބުނީ އޭނާ އަކީ އިނގިރޭސި މަޝްހޫރު ނޫސް، ސްކައިގެ ރިޕޯޓަރެއް ކަމަށެވެ.
"އަހަރެން ތި ސުވާލަށް ޖަވާބު ދީފިއްޔާ ކިހާ ފައިސާއެއް އަހަންނަށް ދޭނަން؟ ތިއީ ޕްރައިވެޓް ކުންފުންޏަކުން ހިންގާ ނޫހެއް. ކިހާވަރެއް އަހަންނަށް ދޭނީ؟" ނޫސްވެރިޔާ ކުރި ސުވާލަށް ކުއެރޯޒް ޖަވާބު ދިނެވެ.
"ތި މީހުންގެ ވެރިންނާ ވާހަކަ ދައްކާފައި އަހަންނަށް އަންގާލަދީ، ވޯލްޑް ކަޕް ފަހުން ތި ސުވާލަށް ޖަވާބު ދޭނަން. އެއީ، އެކަމަކު، އަހަންނަށް ރަނގަޅު އޮފާއެއް ކޮށްފިނަމަ، ޝުކުރިއްޔާ."
ކުއެރޯޒް، އެ ޖަވާބަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ނިންމާލަން ގޮނޑިން ތެދުވި ވަގުތު، ނޫސްވެރިޔާ އަމާޒުކުރި އިތުރު ސުވާލެއްގެ ގޮތުގައި އަހާފައިވަނީ، ހަމަނުޖެހުންތަކެއް ހިނގާ އިރާން ފަދަ ގައުމެއް ތަމްސީލްކުރުން އެއީ "ޝަރަފެއް"ގެ ގޮތުގައި ގަބޫލުކުރާނެތޯ އެވެ.
"ނޫން، އަހަރެން މި ބުނަނީ އަހަރެން ނުބުނާނެ އެއްޗެހިތަކެއް އަހަރެން ލައްވައި ބުނުވަން ނޫޅޭށޭ. އަހަރެން އަނެއްކާ ވެސް މި އަހަނީ ތި ބުނާ ސުވާލަށް ޖަވާބު ދީފިއްޔާ ތި ނޫހުގެ ކުންފުނިން އަހަންނަށް ކިހާ ފައިސާއެއް ދޭނެތޯ؟ އޯކޭ،" ކުރިން ޕޯޗުގަލް ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ކުއެރޯޒް ބުންޏެވެ.
"އަހަރެން ދެކޭ ގޮތުގައި ތި މީހުން (އިނގިރޭސިން) ވެސް އެބަޖެހޭ ވިސްނާލަން ތި ގައުމަށް ހިޖުރަކުރި މީހުންނަށް ދިމާވި ކަންތައްތައް. އެ ކަންކަމަށް ވިސްނާލުން ވެސް ވަރަށް ރަނގަޅުވާނެ،"
ކުއެރޯޒްގެ އެ ޖަވާބުތަކުން އިނގިރޭސި މީޑިއާ އަށް ކުރިއަށްދެވޭ ގޮތްނުވެ، އިތުރު ސުވާލުތަކެއް އަމާޒުވީ އިރާން މެޗުގެ ޕްރެކްޓިހުގެ ކުރިން، ނޫސްވެރިންނަށް ހާއްސަކޮށް، ދޭ ވަގުތުގަ އެވެ.
އިރާން ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ ކޯޗު ކުއެރޯޒް މީޑިއާ އަށް އިންޓަވިއުދެނީ.
އިރާން މެޗުގެ ކުރިން ނޫސްތަކަށް ހާއްސަކުރި ވަގުތުގައި އިނގިރޭސި ނޫހަކުން ސުވާލުކޮށްފައިވަނީ އިރާންގައި މިހާރު ހިނގާ ކަންކަމުގެ ސަބަބުން އިރާން ޓީމުު ތެރޭގައި މައްސަލަތަކެއް އުޅޭ ވާހަކަތައް ދެކެވޭ ކަމަށާއި އޭގެ ސަބަބުން ޓީމުގެ ކުޅުމަށް ކިހާ އަސަރެއް ކުރާނެތޯ އެވެ.
"އަހަންނަށް އެނގޭ ތި ފަދަ ސުވާލެއް ކުރާނެ ތިބީ އެންމެ ބައެއް ކަން. އެެހެންވީމަ އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް. އިރާން ޓީމަކީ އެއް ބައެއް. މީގެ ދެން އަހަރެން އިތުރު ވާހަކައެއް ދައްކަން ޖެހޭ ކަމަށް ނުދެކެން،" ކުއެރޯޒް ބުންޏެވެ.
މީގެ ކުރިން ކުއެރޯޒް ވަނީ ކޮންމެ ކުޅުންތެރިއަކަށް ވެސް އަމިއްލަ ހިޔާލުގައި ބޭނުން ކަމެއް ކުރެވޭނެ ކަމަށާއި އެކަމަކު، އެއީ ޓީމުގެ "މަސްލަހަތު އިސްކޮށްފައި" ކުރެވޭނެ ކަމެއް ކަމަށެވެ.
އިރާން ކޯޗުކަމާ ކުއެރޯޒް މި ފަހަރު ހަވާލު މިވީ ދެ ވަނަ ފަހަރެވެ. މިއީ އިރާން ގޮވައިގެން ކުއެރޯޒް ވާދަކުރާނެ ތިން ވަނަ ވޯލްޑް ކަޕް އެވެ. ކުއެރޯޒް އެންމެ ފުރަތަމަ 2011 ވަނަ އަހަރުން ފެށިގެން އިރާނަށް ކޯޗުކޮށްދިނީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ނިޔަލަށެވެ. ކުއެރޯޒް، ވަނީ އެ މުއްދަތުގައި އިރާނަށް 100 މެޗުގައި އިރުޝާދުދީފަ އެވެ. ކުއެރޯޒް ޓީމުން ވަކިވީ އޭޝިއަން ކަޕްގެ ސެމީ ފައިނަލުގައި ޖަޕާން އަތުން ބަލިވުމުންނެވެ.
ކުއެރޯޒް ވަނީ އިރާން އިން ވަކިވުމަށް ފަހު، ކޮލަމްބިއާ އާއި މިސްރަށް ކޯޗުކޮށްދީފަ އެވެ.
ކޮލަމްބިއާގެ ކޯޗުކަމާ ކުއެރޯޒް ހަވާލުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ އިރާން ކޯޗުކަމުން ވަކިވިތާ މާގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު، އެ ޓީމުގެ ކޯޗުކަން ކުރެވުނީ ފަސް މަހެއްހާ ދުވަހު އެވެ. އެ ޓީމުން ކުއެރޯޒް ވަކިކުރުމުން، ދެން އޭނާ ނެގީ ފުޓްބޯޅަ އިން ބްރޭކެކެވެ.
އޭގެ ފަހުން، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިސްރާ ހަވާލުވެ، އެ ޓީމު ގޮވައިގެން މި އަހަރު މާޗް މަހު، އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފާ ހަމައަށް މަސައްކަތްކުރި އެވެ. މިސްރުން ކުއެރޯޒް ވަކިކުރީ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި މިސްރު ކުޅުނު މެޗުން ސެނެގާލް އަތުން ބަލިވުމުންނެވެ.
ވޯލްޑް ކަޕްގައި ކުއެރޯޒް އިރާން ގޮވައިގެން ވަނީ ކުރިއެރުން ހޯދައިފަ އެވެ. އެ ގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިރާނަށް ހޯދުނީ އެއް ޕޮއިންޓެވެ. ނައިޖީރިއާ އަތުން ޕޮއިންޓެއް ހޯދިއިރު، އާޖެންޓީނާ އާއި ބޮސްނިއާ އަތުން ބަލިވީ އެވެ. މީގެ ތެރެއިން އާޖެންޓީނާ އަތުން ބަލިވީ އިތުރު ވަގުތުގައި ލިއޮނަލް މެސީ ޖެހި ގޯލަކުންނެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އިރާން ހިމެނުނީ ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯއާ އެއް ގްރޫޕެއްގަ އެވެ. އެ ފަަހަރު އިރާނުން ވަނީ ފުރަތަމަ މެޗުގައި މޮރޮކޯ އަތުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ސްޕެއިން އަތުން ހަނި ފަރަަގަކުން ބަލިވިއިރު، ތިން ވަނަ މެޗުގައި ޕޯޗުގަލްއާ ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. އެ ފަހަރު އިރާނަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދާން މަދުވީ އެއް ޕޮއިންޓެވެ.
އިރާން ގޮވައިގެން ތިން ވަނަ ވޯލްޑް ކަޕަށް ނުކުންނައިރު، ކުއެރޯޒް ހުރީ އިތުބާރުގަ އެވެ. ވޯލްޑް ކަޕްގައި އިރާން މި ފަހަރު ކުޅޭ ފުރަތަމަ މެޗުގައި އިންގްލެންޑާ ކުޅޭއިރު، އޭނާ ހުރީ ވަރުގަދަ އަޒުމެއްގަ އެވެ. އެއީ ކުރިން ފަހަރުތަކަށް ވުރެ ރަނގަޅު ނަތީޖާއެއް އިރާނަށް މި ފަހަރުގެ މުބާރާތުގައި ނެރެދިނުމަށެވެ. އަދި އިނގިރޭސި މީޑިއާގެ ޕްރެޝަރުން އަރައިގަނެ، ފުރަތަމަ މެޗުގައި ތަފާތު ދެއްކުމަށެވެ.
އިރާނާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ.
Comment