1 ފެބުރުވަރީ 2024 - 07:34 0
1 ފެބުރުވަރީ 2024 - 07:34 0
ދޯހާ، ގަތަރު (ފެބްރުއަރީ 1) - މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ ޖަޕާނާއި އިރާނުން ހޯދައިފި އެވެ.
ގަދަ 16 ބުރުގެ ފަހު ދެ މެޗު ކުޅެފައިވަނީ އިއްޔެ އާއި ރެ އެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުން ޖަޕާނުން ވަނީ 3-1 އިން ބަހްރޭން ބަލިކޮށްފަ އެވެ. އިރާނާއި ސީރިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން އިރާން މޮޅުވީ 5-3 އިންނެވެ.
ބަހްރޭން ކޮޅަށް ޖަޕާނުން ލީޑުނެގީ 31 ވަނަ މިނިޓްގައި ރިޓްސޫ ޑޯއާން ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ޓަކެފޫސާ ކޫބޯ ވަނީ ގޯލެއް ޖަހައި، ޖަޕާންގެ ލީޑުފުޅާކޮށްދީފަ އެވެ. ބަހްރޭނުން ވަނީ 64 ވަނަ މިނިޓްގައި ޖަޕާންގެ ކީޕަރު ޒިއޯން ސުޒޫކީ އަތުން ބައިކޮޅަށް ވަން ގޯލުން އުންމީދެއް ހޯދައިފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖެހުމުގެ ކުރިން ޖަޕާނުން ތިން ވަނަ ގޯލު ޖަހައި މެޗުގެ މޮޅު ކަށަވަރުކުރި އެެވެ. ޖަޕާނަށް މި ލަނޑު ޖަހައިދިނީ، އަޔާސޭ އުއޭޑާ އެވެ.
ޖަޕާނާ ދެކޮޅަށް ކުއާޓާގައި ކުޅޭ އިރާނުން ގަދަ 16 ގައި ސީރިއާ އަތުން މޮޅުވި އުނދަގުލުންނެވެ.
އިރާނުން މެޗުގެ 34 ވަނަ މިނިޓްގައި މަހުދީ ތަރޭމީ ޖެހި ޕެނަލްޓީން ލީޑުނެގި އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ތަރޭމީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމާ އެކު އިރާނުން ބާކީބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މުޅިން އަލަށް އޭޝިއަން ކަޕްގެ ނޮކައުޓް ބުރުގައި ކުޅޭ ސީރިއާ އިން އެއްވަރުކުރީ ވެސް ޕެނަލްޓީ އަކުންނެވެ. މިއީ މެޗުގެ 64 ވަނަ މިނިޓްގައި އޮމާރް ހިރްބީން ޖެހި ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހާށެވެ. އިރާނުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ސީރިއާގެ ހަތަރު ޕެނަލްޓީ ތެރެއިން އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ނާކާމިޔާބުވީ، ސީރިއާ އިން ދެ ވަނަ އަށް ފޮނުވާލި ފަހުދު ޔޫސުފްގެ ޕެނަލްޓީ އެވެ.
އިރާނުން އެންމެ ފަހުން އޭޝިއަން ކަޕް ކާމިޔާބުކުރީ 1976 ވަނަ އަހަރު އެވެ. މި ފަހަރުގެ ކުއާޓާގައި އިރާނުން ޖަޕާނާ ކުޅެން ޖެހުނުއިރު، އެ ޓީމަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގުނާ ޓީމެކެވެ. ޖަޕާނުން އެންމެ ފަހުން އޭޝިއަން ކަޕް ކާމިޔާބުކުރީ 2011 ވަނަ އަހަރު އެވެ.
ތަޖިކިސްތާން - ޖޯޑަން (ފެބްރުއަރީ 2)
އޮސްޓްރޭލިއާ - ދެކުނު ކޮރެއާ (ފެބްރުއަރީ 2)
އިރާން - ޖަޕާން (ފެބްރުއަރީ 3)
ގަތަރު - އުޒްބެކިސްތާން (ފެބްރުއަރީ 3)
Comment