ތެހެރާން، އިރާން (މާޗް 26) - ފީފާ ވޯލްޑް ކަޕް ކޮލިފައިން އޭޝިއާ ބުރުގައި ރޭ އުޒްބެކިސްތާނާ 2-2 އިން އެއްވަރުކޮށް، އިރާނުން އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ.
މިއީ، އިރާނުން ޖެހިޖެހިގެން ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. ޖުމްލަ އެކު، މިހާތަނަށް ހަ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ އިރާނަކީ، އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ޔަގީންކުރި ހަ ވަނަ ޓީމެވެ. އޭޝިއާ އިން ވޯލްޑް ކަޕްގެ ޖާގައެއް ފުރަތަމަ ހޯދީ ޖަޕާން އެވެ.
އޭޝިއާ ކޮލިފައިން ފަހު ބުރުގެ ކޮންމެ ގްރޫޕަކުން ދެ ޓީމަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބޭއިރު، ގްރޫޕް އޭގެ އެއް ވަނައިގައި އިރާން އޮތީ އަށް މެޗުން 20 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އުޒްބެކިސްތާނަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.
އިރާނުގެ މަޝްހޫރު އާޒާދީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި އުޒްބެކިސްތާނުން ލީޑުނެގީ، ހޮޖިމާތު އެރްހީނޯފް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފެށިގެން އަށް މިނިޓް ތެރޭ، މަހުދީ ތަރޭމީ ވަނީ އިރާނަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން، އުޒްބެކިސްތާނުން އަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، ސައިދޯން ފައިޒުލައޭފް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އިރާނަށް ދެ ވަނަ ފަަހަރަށް ވެސް އެއްވަރުކޮށްދިނީ، ތަރޭމީ އެވެ.
އެމެރިކާ އާއި އިރާނުގެ މެދުގައި އުފެދިފައިވާ، ސިޔާސީ ހިތްހަމަނުޖެހުމުގެ ތެރެއިން، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން އަންނަ ވޯލްޑް ކަޕްގެ ތެރޭގައި އިރާން ފަދަ މުސްލިމް ގައުމުތަކަށް ދަތިކުރުުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ހުޅަނގުގެ ވިސްނުންތައް ޕްރޮމޯޓްކުރާ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment