about 1 hour 0
about 1 hour 0
ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 5) - މިއަދު ބާއްވާ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ އިވެންޓުގައި ބައިވެރިވުމަށް އިރާންގެ ބައެއް ފަރާތްތަކަށް ވިސާ ދިނުމަށް އެމެރިކާ އިން ނިންމައިފި އެެވެ.
އިރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހެދީ ތާޖު ހިމެނޭ ގޮތަށް، ވޯލްޑް ކަޕްގެ ގުރުއަތުލުމުގައި ބައިވެރިވުމަށް ވިސާ ހޯދަން އިރާނުގެ ނުވަ ފަރާތަކުން ހުށަހެޅި އެވެ.
އެކަމަކު، އެއްވެސް ފަރާތަކަށް ވިސާ ނުލިބި ކަންކަން ދިގުލައިދާތީވެ، އިރާނުން ވަނީ ގުުރުއަތުލުމުގެ އިވެންޓް ބޮއިކޮޓްކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.
އިރާނުގެ ކޯޗު، އާމިރު: އޭނާ އަކީ އެމެރިކާ އަށް ވިސާ ލިބުނު ހަތަރު މީހުންގެ ތެެރެއިން އެކަކު.--- ފޮޓޯ: އޭއެފްޕީ
އެހެން ނަމަވެސް، އިރާނުގެ ކޯޗު، އާމިރު ގަލެނޯއި ހިމެނޭ ގޮތަށް ހަތަރު މީހަކަށް ވިސާ ދޭން އެމެރިކާ އިން ނިންމުމުން އިރާނުން، މިއަދު ބާއްވާ ގުރުއަތުލުމުގެ އިވެންޓުގައި ބައިވެރިވާނެ އެވެ.
އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަކީ އިރާން ފެނިގެންދާނެ ހަތް ވަނަ ވޯލްޑް ކަޕް އެވެ. އަދި، މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ޖެހިޖެހިގެން ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.
މިދިޔަ ޖޫން މަހު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ ގައުމަށް ނުރައްކާ ބޮޑު ކަމަށް ބުނެ، 12 ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރާ ނިންމުމެއް ފާސްކޮށްފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިރާން ވެސް ހިމެނެ އެވެ. މި 12 ގައުމުގެ މީހުންނަށް އެމެރިކާ އަށް އެތެރެނުވެވޭ ގޮތް ހެދިޔަސް، ވޯލްޑް ކަޕްގެ މެޗުތަކަށް ލުޔެއް ލިބޭ ގޮތަށް އެމެރިކާގެ ސަރުކާރާ އެކު ފީފާ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އެމެރިކާ ސަރުކާރުން އަންނަނީ އަންނަ އަހަރުގެ ވޯލްޑް ކަޕާއި، 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލްސްގައި ބާއްވާ އޮލިމްޕިކްސް އަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ބުނަމުންނެވެ.
Comment