16 ނޮވެންބަރު 2022 - 10:38 0
ިއިންވިކްޓޯ ކޮޅަށް ގޯލު ޖެހުމަށް ފަހު މަސްއޮޑި ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް
16 ނޮވެންބަރު 2022 - 10:38 0
އިއްޔެ ފެށި އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ދެ މެޗެއް ކުޅެވުނުއިރު، މުބާރާތުގެ މަސްއޮޑި ސްޕޯޓްސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ޖުމްލަ 17 ޓީމަކާ އެކު މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްދާއިރު، ޓީމުތައް ބެހިފައިވަނީ ހަަތަރު ގްރޫޕަކަށެވެ. އެ ގޮތުން އިއްޔެ ކުޅެވުނީ ގްރޫޕް ޑީގެ ދެ މެޗެވެ.
ގްރޫޕް އޭގައި އިއްޔެ ހަވީރު އަނަކީ ސްޕޯޓްސް ކްލަބާއި ޔޫއެން ފްރެންޑްސް ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ގްރޫޕް ބީގައި ރޭ މަސްއޮޑި ސްޕޯޓްސް ކްލަބުން ވަނީ 4-0 އިން އިންވިކްޓޯ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ޔޫއެން ފްރެންޑްސް އާއި އަނަކީ ކުޅުނު މެޗުގެ ތެރެއިން: ޔޫއެންގެ އިމްރާހް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އެފްއޭއެމް
ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުުޅުނު މެޗުގައި އަނަކީ އަށް ލީޑުނަގައިދިނީ އަހުމަދު މައްސޫދު އެވެ. ފަހަތުން އަރައި ޔޫއެން ފްރެންޑްސް އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މި ތިން ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޔޫތު ޓީމަށް ކުޅުނު އިބްރާހިމް އިމްރާހް އެވެ. އަނެއް ލަނޑު ޖެހީ އުޝާމް އަބްދުﷲ އެވެ.
އަނަކީން އެއްވަރުކުރީ މެޗުގެ ފަހު ވަގުތުގައި މުހައްމަދު ޖިނާހު އާއި އަލީ އަހުސަން ޖެހި ގޯލުތަކުންނެވެ.
ރޭ ކުޅުނު މެޗުގައި މަސްއޮޑި ޓީމުގެ ގޯލުތައް ޖެހީ ޝިފާޒް އާދިލް (ތުއްތު) އާއި ކުރިން ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަބްދުﷲ މުއާޒް (އޮޓޯ)، ސައިފް ހަަސަން އަދި ހަަސަން ލަމާން އެވެ.
މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ސްޕޯޓްސް ކްލަބް ރިވަލްސާ ކުޅޭނީ ހިރިއާއާ އެވެ. އަދި މިރޭ ސެންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ހުޅުމާލެ ޔޫތު ކްލަބް އެވެ.
މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ވެސް ވާދަކުރެ އެވެ. މީގެ ދެ އަހަރު ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމު ވަނީ ދެ ވަނަ ޑިވިޝަނުގައި ވެސް ކުޅެފަ އެވެ.
Comment