12 ޑިސެންބަރު 2022 - 00:25 0
ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ލެގޫންސް ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
12 ޑިސެންބަރު 2022 - 00:25 0
އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ލެގޫންސް ސްޕޯޓްސް ކްލަބުން 2-1 އިން މަސް އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ލެގޫންސް އިން ތިން ވަނަ ޑިވިޝަން ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. އެ ޓީމާ ދެކޮޅަށް ފައިނަލުގައި ކުޅުނު މަސް އޮޑި ސްޕޯޓްސް ކްލަބަކީ ވެސް ފުރިހަަމަ ރެކޯޑަކާ އެކު ފައިނަލަށް ދަތުރުކުރި ޓީމެކެވެ.
އެކަމަކު، ފައިނަލުގައި ފަރީދު މުހައްމަދު (ފަރިއްޓެ)ގެ ކޯޗުކަމުގައި ކުޅުނު މަސް އޮޑި ޓީމަށް ނާކާމިޔާބުވީ އެެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ 24 ވަނަ މިނިޓްގައި ލެގޫންސް ޓީމަށް ލީޑުނަގައިދިނީ އެ ޓީމުގެ ކުރިއަށް ކުޅޭ މުހައްމަދު ޝިފާން މުހައްމަދު ނަޒީރު އެވެ. ދެ ވަނަ ހާފުގައި ލެގޫންސްގެ ލީޑު ފުޅާކޮށްދިނީ ވެސް މި ފަހަރުގެ ތިން ވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ޝިފާން އެވެ.
ތިން ވަނަ ޑިވިޝަނުގެ ފައިނަލުގައި ލެގޫންސް އާއި މަސް އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މަސް އޮޑިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ހުސެއިން ޝަރީފް (އޮންލީ) އެވެ.
މުބާރާތުގެ ވަނަތަކަށް ބަލާއިރު، ފެއާޕްލޭ ޓީމަކީ އަނަކީ ސްޕޯޓްސް ކްލަބް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ލެގޫންސްގެ ޖިނާހު ހާރޫން ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލެގޫންސްގެ މުހައްމަދު އަމަން މުހައްމަދު ފައިޒާ އެެވެ.
ރަނަރަޕަށް މަސް އޮޑި ދިޔައިރު، ތަށި އުފުލާލީ އަހުމަދު މުހައްމަދު (އައްމަޑޭ)ގެ ކޯޗުކަމުގައި ކުޅުނު ލެގޫންސް އެވެ. ޗެމްޕިއަންކަން ހޯދި ލެގޫންސް އަށް ތަށި ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
ޖުމްލަ 17 ޓީމަކާ އެކު މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔައިރު، ޓީމުތައް ބެހިފައި އޮތީ ހަަތަރު ގްރޫޕަކަށެވެ. އެއް ގްރޫޕްގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ވެސް ވާދަކުރި އެވެ. އެކަމަކު، އެ ޓީމަށް ފުރުސަތު ދިނީ ޕޮއިންޓް ނުގުނާ ގޮތަށެވެ.
Comment