Advertisement

ތިން ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކެންސަލެއް ނުވޭ

27 ފެބުރުވަރީ 2024 - 09:17 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެންމެ ފަހުން ބޭއްވި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ ޔަޝައު (ޔަކޭ)


ތިން ވަަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކެންސަލެއް ނުވޭ

27 ފެބުރުވަރީ 2024 - 09:17 0

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކެންސަލް ނުކުރާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ތިން ފަހަރެއްގެ މަތިން ރީޝެޑިއުލްކުރަން ޖެހުނު، އެފްއޭއެމްގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިމުނީ މި މަހު އެވެ.

އެ މުބާރާތަށް ފަހު، ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވާނެ ކަަމަށް މީގެ ކުރިން އެފްއޭއެމް އިން ބުނެެފައިވެ އެވެ. އެކަމަކު، މިހާތަނަށް އެ މުބާރާތް ކުޅޭނެކަމުގެ ފުރިހަމަ މައުލޫމާތުތަކެއް އަދި ނެތެވެ.

ތިން ވަނަ ޑިވިޝަން އޮންނާނެ ތާރީހެއް ނޭނގޭތީ، ބައެއް ކްލަބްތަކުން، ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން، "އަދަދު" އާ ވާހަކަ ދެއްކި ބައެއް ކްލަބްތަކުން ވަނީ، މުބާރާތަށް ވާނެ ގޮތެއް ނޭނގޭތީ ޓީމެއް އެކުލަވާލަންވީ ކޮން އިރަކަށްތޯ ވެސް ނޭނގޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން، "އަދަދު" އިން ސުވާލުކުރުމުން، އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، ރަސްމީ ހައިސިއްޔަތަކުން އެއްވެސް ކްލަބަކުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި އެފްއޭއެމް އިން އަބަދުވެސް ކްލަބްތަކުން އެދޭ ކަންކަމަށް އަހައްމިއްޔަތުކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މުބާރާތް (ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް) ކެންސަލެއް ނުވޭ އަދިއެއް. މުބާރާތުގެ ތާރީހުތައް ވަގުތު އޮއްވައި، އެފްއޭއެމް އިން ހާމަކުރާނެ،" ޖައު ވިދާޅުވި އެވެ.

ފުޓްބޯޅައިގައި މި ވަގުތު ހުރި ގޮންޖެހުންތަކުގެ ސަބަބުން، މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރާއި އެފްއޭ ކަޕް ވަނީ ކެންސަލްކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަން ބޭއްވުނީ ވެސް އެކި ފަހަރު މަތިން މުބާރާތް ލަސްކުރުމަށް ފަހު އެެވެ. ތިން ވަަނަ ޑިވިޝަން އެންމެ ފަހުން ބޭއްވި މުބާރާތް ކުޅުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބޭއްވީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރުގަ އެވެ. އެ ފަހަރު، މަސް އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް ތަށި އުފުލާލީ ލެގޫންސް ސްޕޯޓްސް ކްލަބް އެވެ. އެ ދެ ޓީމު، ދާދި ފަހުން ނިމުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނެވެ. މީގެ ތެރެއިން، މަސް އޮޑިން ވަނީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފަ އެެވެ. މަސް އޮޑީގެ އިތުރުން، ދެ ވަނަ ޑިވިޝަންގެ ރަނަރަޕް، ވިކްޓަރީ ސްޕޯޓްސް ކްލަބް ވެސް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.