14 ނޮވެންބަރު 2022 - 12:23 0
ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި ނަބާ އާއި ނިބާލް.
14 ނޮވެންބަރު 2022 - 12:23 0
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ނިބާލް އަހުމަދު ހޯދިއިރު، އަންހެން ސިންގަލްސް ތަށްޓާ އެކު ފާތިމަތު ނަބާހާ (ނަބާ)ގެ ކާމިޔާބީ ރެކޯޑް އިތުރަށް ފުރިހަމަކޮށްފި އެވެ.
އެންމެ ފަހުން ތިން ފަހަރު ގައުމީ ފައިނަލުން ބަލިވި ނިބާލް މި ފަހަރު، ގައުމީ ފައިނަލުން މޮޅުވީ 2017 ވަނަ އަހަރުގެ ޗެމްޕިއަން، ޒަޔާން ޒަކީ ބަލިކޮށްފަ އެވެ. އިއްޔެގެ ފައިނަލުގައި ޒަޔާން އަތުން ނިބާލް ވަނީ ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ނިބާލް މޮޅުވީ، 21-16، 21-14 އިންނެވެ.
މިދިޔަ އަހަރުގެ ގައުމީ ފިރިހެން ސިންގަލްސްގެ ފައިނަލުގައި ނިބާލް ބަލިވީ އަހުމަދު ތޯއިފް މުހައްމަދު އަތުންނެވެ. ތޯއިފް މި ފަހަރުގެ ކުއާޓާ ފައިނަލުގައި އަޖުފާން މުހައްމަދު އަތުން ބަލިވިއިރު، އަޖުފާން އަތުން ސެމީގައި ނިބާލް ވަނީ މޮޅުވެފަ އެވެ.
މީގެ ކުރިން 2018 އާއި 2019 ފައިނަލުގައި ނިބާލް ބަލިވީ އަޖުފާން އަތުން ފައިނަލުގަ އެވެ.
ފިރިހެން ސިންގަލްސް ފައިނަލު މެޗުގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެހެންކަމުން، ގައުމީ ފިރިހެން ޗެމްޕިއަނަކަށް ވުމަށް ނިބާލް ދެކެމުން އައި އުންމީދު މި ހާސިލްވީ ފައިނަލްގައި ތަކުރާރުކޮށް ވާދަކުރަމުން އައިތާ ފަސް އަހަރެއްހާ ދުވަސް ފަހުންނެވެ. ކޮވިޑް-19ގެ ސަބަބުން މުބާރާތް ނުބާއްވައި، މެދުކެނޑުމެއް އަ އެވެ. އެކަމަކު، ފޯމު ދަމަހައްޓައި، ނިބާލް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ 2024 ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕެއްގައި ނިބާލް މިހާރު ޓްރެއިނިން ހަދަމުން އަންނަނީ ޔޫއޭއީގަ އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ފަހުން ދެ ފަހަރު ވެސް އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައި، މި އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު އެތުލީޓު، ނަބާ މި ވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ގައުމީ މުބާރާތުގައި ވާދަކުރި ތިން އިވެންޓުން ވެސް ތަށި ހޯދައިފަ އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގައި ހާއްސަ ކާމިޔާބެކެވެ.
އަންހެން ސިންގަލްސް ފައިނަލަށް ފަހު ނަބާ (ކ) އާއި ނަބީ ޓްރޮފީއާ މެޑަލް ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މި އަހަރުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާ، ހޯދީ ފައިނަލުގައި އައިމިނަތު ނަބީހާ (ނަބީ) އަތުން ތިން ސެޓު ކުޅެގެން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ފޯރިގަދަކޮށް ދިޔައިރު، ދެ ކުޅުންތެރިންނަށް ވެސް ފަހު ސެޓުން މޮޅުވާން ފުރުސަތު އޮތެވެ. ސެޓުތައް ދިޔައީ 21-15، 14-21 އަދި 21-19 އިންނެވެ.
އަންހެން ޑަަބަލްސް ޗެމްޕިއަނުންނަކީ މި ފަހަރު ވެސް ނަބީ އާއި ނަބާގެ ޕެއާ އެެވެ. ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ މޮޅުވީ އައިޝަތު އަފްނާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލް (މައި) އަތުން 21-12، 21-12 އިން މޮޅުވެގެންނެވެ.
މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ އެންމެ ފަހުން ދެ ފަހަރު ވެސް އެ ކާމިޔާބު ހޯދި ޒަޔާން އާއި ނަބާގެ ޕެއާ އެވެ. ބައިނަލްއަގުވާމީ މެޑަލް ވެސް ހޯދާފައިވާ، ޒަޔާން އާއި ނަބާގެ ޕެއާ ފައިނަލުގައި ވަނީ 21-12 އާއި 21-10 އިން، އައިމިނަތު ޝަހުރުނާޒް މޫސާ އާއި ހަސަން އަފްޝީން ޝަހީމްގެ ޕެއާ ބަލިކޮށްފަ އެވެ.
ފިރިހެން ޑަބަލްސް ބައިގައި ޗެމްޕިއަނުންނަކީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން އާއި ތޯއިފްގެ ޕެއާ އެވެ. ޒަޔާން އާއި ތޯއިފްގެ ޕެއާ މޮޅުވީ އަޖުފާން އާއި ނިބާލްގެ ޕެއާ އަތުން 21-18، 21-17 އިންނެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަން: ރިވައިވަލްގެ ތޯއިފް އާއި ޒަޔާން ޓްރޮފީ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ޑިިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޝައިބާ މުހައްމަދު ޝަރީފް ހޯދީ 22-20، 21-17 އިން ޝުބާ މުހައްމަދު ޝަރީފް އަތުން މޮޅުވެގެންނެވެ. މި ޑިވިޝަނުގެ އަންހެން ޑަަބަލްސް ތަށި، ޝައިބާ އާއި އައިޝަތު ޒޯޔާ ހުސެއިންގެ ޕެއާ ހޯދީ ފައިނަލުގައި ބުސައިނާ އަހުމަދު ރިޒާ އާއި ޒުހުދާ ހުސެއިންގެ ޕެއާ އަތުން 21-14، 21-14 އިން މޮޅުވެގެންނެވެ.
ދެ ވަނަ ޑިިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިޔާން އަބްދުލް އަލީމް (ޗިކީ) ހޯދީ ފައިނަލުގައި މުހައްމަދު ސާލިމް އަބްދުއްސަމަދު 2-1 ސެޓުން ބަލިކޮށްގެންނެވެ. ފޯރިގަދަކޮށް ދިޔަ މި މެޗުގެ ސެޓުތައް ދިޔައީ، 22-20، 12-21 އަދި 21-16 އިންނެވެ.
ދެ ވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިބްރާހިމް މުހައްމަދު އާއި ނާތިޖު އަލީގެ ޕެއާ އިންނެވެ. އެއީ ފައިނަލުގައި 21-10، 23-21 އިން ހަމްޒާ އަބްދުއްރަހުމާން އާއި ޔޫސުފް ނިޔާޒްގެ ޕެއާ ބަލިކޮށްގެންނެވެ. މިކްސް ޑަބަލްސްގެ ތަށި، އައިޝަތު ޔޫސުފް އާއި ޔޫސުފް ނިޔާޒްގެ ޕެއާ އިން ހޯދީ ދެ ސެޓު އެއް ސެޓުން ރާބިޔާ ނައީމް އާއި ޝިފާއު އަބްދުﷲގެ ޕެއާ ބަލިކޮށްގެންނެވެ.
Comment