about 12 hours 0
މުބާރާތެއްގެ މެޗެއްގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް
about 12 hours 0
ރިވައިވަލް ހައި ޕާފޯމަންސް ޓީމު އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ، ނިބާލް އަހުމަދު، އެއް މަސް ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް ތައިލެންޑަށް ގޮސްފި އެވެ.
މީގެ ދެ އަހަރު ކުރިން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރިވައިވަލް ސްޕޯޓްސްއާ ގުޅުނު ނިބާލް ވަނީ މިދިޔަ އަހަރު އެއް މަހުގެ ޓްރެއިނިން ކޭމްޕެއް އިންޑޮނޭޝިއާގައި ފުރިހަމަަކޮށްފަ އެވެ. އަދި، މި އަހަރު ތައިލެންޑަށް ޓްރެއިނިން ކޭމްޕަކަށް ގޮސްފައިވަނީ، މި މަހު 10 އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ތައިލެންޑުގެ ބަން ތޮން ޔޮޑް ބެޑްމިންޓަން ސްކޫލުގައި، ނިބާލް ޓްރެއިނިން ކުރިއަށްގެންދާއިރު، މި ޓްރެއިނިންގެ މައިގަނޑު ބޭނުމަކީ، މި އަަހަރު ރިވައިވަލް އިން ބައިވެރިވާން ނިންމާފައިވާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތްތަކުގައި ވާދަކުރުމަށް ނިބާލަށް ރަނގަޅު ޓްރެއިނިން ދިނުމުގެ ގޮތުންނެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ނިބާލް ވަނީ މީގެ ކުރިން މޯލްޑިވްސް އޮލިމްޕިިކް ކޮމިޓީން ލިބުނު ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕްގެ ތެރެއިން، ދުބާއީގައި ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ.
ގައުމީ ބެޑްމިންޓަން ޗެމްޕިއަންކަން ހޯދާފައިވާ ނިބާލް ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ރިވައިވަލްއާ އެކު އެފްރިކާގެ ޒެމްބިއާ، ބޮޓްސްވާނާ އަދި ދެކުނު އެފްރިކާގެ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. މިއީ، މިދިޔަ އަހަރު ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގައި ރާއްޖެ އޮއްވައި، ދިން ލުއިތަކުގެ ތެރެއިން ފަހިވި ފުރުސަތެއްގައި ރިވައިވަލް އިން ވާދަކުރި މުބާރާތްތަކެކެވެ. ބީޑަބްލިއުއެފް އިން ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައި ރާއްޖޭގެ ސަސްޕެންޝަން އުވާލައިފަ އެވެ.
Comment