ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ބާރުވެރިކަން ލިބިދެނީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިންނެވެ. އެ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގައި ގާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިތުރު ބާރުތައްވެސް އެ މާއްދާގައި ކިޔައިދީފައި އޮވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި، ގާނޫނު ހެދުމާއި ބަދަލުކުރުމާއި ބާތިލުކުރުމާއި، ވެރިކަން ހިންގާ ބާރު ޖަވާބުދާރީކުރުވުމާއި، ބަޖެޓު ފާސްކުރުމާއި، މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުން ފަދަ ބާރުތަކެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ ގުޅުވައި، 'ގަރާރު' މި ބަސް ގާނޫނު އަސާސީގައި ބޭނުންކުރެވިފައި އޮތީ ދެ ފަހަރު އެވެ. އެއީ ގާނޫނުއަސާސީގެ 80 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އުމުރު އިތުރުކުރުމަށް ފާސްކުރާ ގަރާރާއި، 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރުމަށް ފާސްކުރާ ގަރާރެވެ.
ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ މި ގަރާރުތައް މެނުވީ ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅޭ ގަރާރުތަކާއި ކުއްލި މައްސަލަތަކަކީ ގާނޫނީ އަސަރެއް ހުރި ކަންކަމެއް ނޫނެވެ. މި ކަމެއް ވައިގައި ހިފައިގެން މިއުޅެނީ އެޖެންޑާ 19 ގެ ތަފާތާއެކު އެވެ. އިނގިރޭސި ތައުލީމަށް އަހުލުވެރި މެންބަރުން ގިނަ މި މަޖިލީހަށް މި ހުށަހެޅޭ ގަރާރުތަކަކީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ 'މޯޝަން ޓު ޓޭކް ނޯޓު' އަސްލަކަށް ބަލައިގެން އުފެއްދި ކޮޕީ ރާގެކެވެ. އިނގިރޭސި ވިލާތުގައި އެފަދަ މޯޝަންތައް ހުށަހަޅަނީ ވަކިކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
މަޖިލިސް ނަވާރަ ތަފާތެވެ. ގާނޫނަކުން މެނުވީ ނުކުރެވޭނޭ ކަމެއް ކުރުމަށް ގޮވާލައި ވެސް ގަރާރެއް ފާސްކޮށްފާނެ އެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ބަނގުރަލާއި އޫރުމަސް މަނާކުރަން ގޮވާލައި ގަރާރު ހުށަހަޅާފާނެ އެވެ. މިއުޒިކު ކުޅޭ މަޖިލިސްތައް ހިތްފަސޭހަ މައިޒާންތައް ގާއިމުކުރުމަށް ގޮވާލައި ގަރާރު ހުށަހަޅާފާނެ އެވެ. ބޯހިޔާވަހިކަމުގެ ކަންބޮޑުވުން ހައްލުކުރުމަށް ގޮވާލައި އަނެއް ގަރާރެވެ. މިއިން ކޮންމެ ގަރާރަކުން ނުކުންނަ ނަތީޖާއަކީ އެއް ދުވަހުގެ މުއްދަތަށް ނޫސްތަކުގެ ފަލަސުރުހީއިން ޖާގަ ލިބުމެވެ. ގާނޫނު އަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވެސް ގަރާރުތަކަށް ދީފައި އޮތީ އެ ހައިސިއްޔަތެވެ.
ދެން އޮތީ ކުއްލި މައްސަލައިގެ ވާހަކަ އެވެ. އިނގިރޭސި ޕާލަމަންޓުގެ 'އަރލީޑޭ މޯޝަން' އަސްލަކަށް ބަލައިގެން ކުޅޭ އެ ޑްރާމާއަކީ ވެސް ނަތީޖާއެއް ހުރި ހަރަކާތެއް ނޫނެވެ. ކުއްލި މައްސަލަތައް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ތަން ދީފައި އޮތީ ކުއްލިއަކަށް ދިމާވާ ކަންކަމާ ގުޅިގެންނެވެ. އެއީ އެކަމެއް ސަރުކާރާއި އާންމުންގެ ސަމާލުކަމަށް ގެނައުމާއެކު، އެކަމެއްގައި އަޅާންޖެހޭކަމަށް މަޖިލީހަށް ފެންނަ ގޮތުގެ އިރުޝާދުތައް ބަޔާންކުރާ ކަރުދާހެކެވެ. އެކަންވެސް މި މަޖިލީހުން ހައްދަވާފައި އޮތީ ކުޅިވަރަކަށެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ފެށުމާއެކު ގަރާރުތަކާއި ކުއްލި މައްސަލަތަކުން މަޖިލީހުގެ ތަޅުމާއި ކޮމިޓީތައް ފުރާލައިފި އެވެ. ރަށަކަށް އުދަ އަރައިފި ނަމަ އެވީ އަވަހަށް ކުއްލި މައްސަލައެއް ހުށަހަޅާށެވެ. ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށް ވަކިކުރާތީ ކުއްލި މައްސަލައެކެވެ. މާލޭގައި ފެންބޮޑުވެއްޖެނަމަ ކުއްލި މައްސަލައެކެވެ. މި މަޖިލީހަށް 2019 ވަނަ އަހަރު 16 ކުއްލި މައްސަލައާއި، 13 ގަރާރު ހުށަހެޅުނެވެ. 2020 ވަނަ އަހަރު 25 ކުއްލި މައްސަލައާއި 19 ގަރާރެވެ. 2021 ވަނަ އަހަރު 18 ކުއްލި މައްސަލައާއި 13 ގަރާރެވެ. ހިނގަމުން މިދާ 2022 ވަނަ އަހަރުގެ މިހާތަނަށް 22 ކުއްލި މައްސަލައާއި 15 ގަރާރަށް ވަގުތު އިސްރާފުކޮށްފި އެވެ. މި ހިސާބުތައް ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން އެ ހުރީ ފެންނާށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިޝްތިހާރުވާން ބޭނުންކުރާ އުކުޅަކީ ގަރާރުތަކާއި ކުއްލި މައްސަލަ ހުށަހެޅުން ކަމަށް ހެދީމާ ރައްޔިތެއްގެ ހައިސިއްޔަތުން އެގޮތެއް އަޅުގަނޑަކަށް ކަމަކު ނުދެ އެވެ. އިޝްތިހާރުވާނޭ އެނޫން ކަންކަން އެބަހުއްޓެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލުކުރަމުން ގެންދާ ގާނޫނުތަކުގެ އޮޑިޓެއް ހެއްދެވުން ރަނގަޅުވާނެ އެވެ. އަމަލުކުރެވެމުން މިދާ ގާނޫނުތައް ހުރީ މި ޒަމާނާ އެކަށޭނަ ގޮތަށްތޯ، ނުވަތަ ތަންފީޒުކުރެވޭނޭ ގޮތަށްތޯ ބަލައި، އޭގެ ތެރެއިން ބަދަލު ގެންނަންޖެހޭ ގާނޫނުތަކަކީ ކޮބައިތޯ ބައްލަވައި އެ ބަދަލު ގެނައުމަށް މަސައްކަތްކުރެއްވުމަކީ ކުރެއްވިދާނޭ މަސައްކަތެކެވެ. މަޖިލީހުން ކުރަންޖެހޭނޭ ކަމަކީ ވެސް އެއީ އެވެ.
އެހެންނަމަވެސް، އެއަށްވުރެ ފަސޭހަވެފައި، މަޖިލީހުގެ ތަފާތުކަން ދައްކައިލެވޭނީ ކުއްލި މައްސަލަތަކާއި ގަރާރުން ކަމަށް އިއްޒަތްތެރި މެންބަރުންނަށް ފެނިވަޑައިގަންނަވާނަމަ ދައްކާނޭ އިތުރު ވާހަކައެއް ނެތެވެ. ފެނިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ގެންދަވާށެވެ.
Comment