12 ނޮވެންބަރު 2022 - 09:12 0
އަޒްލިފާ އަބްދުﷲ
ކ. ކާށިދޫ: މިއީ ދަނޑުވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށަށް. ރަށުގެ 800 އަށް ވުރެ ގިނަ މީހުން ދަނޑިވެރިކަން ކުރޭ. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
12 ނޮވެންބަރު 2022 - 09:12 0
ދަނޑުވެރިކަމުގެ ވާހަކައިން ފެށިޔަސް، އާސާރީ ބިނާތަކާއި އިހުގެ ވާހަކައިން ފެށިޔަސް، އަދި މިހާރު ލޯކަލް ޓޫރިޒަމްގެ ވާހަކަ ދެއްކިޔަސް އެއީ ފާހަގަކޮށްލެވޭ ރަށެކެވެ. މާލެއާ 86.42 ކިލޯ މީޓަރު ދުރުގައި އެކަހެރިކޮށް އޮންނަ 276.8 ހެކްޓަރުގެ މާސިންގާ ކާށިދޫއަކީ ދިވެހި ތާރީހުގައި މުހިންމު މަންޒިލެކެވެ. މަސައްކަތްތެރިކަމާއި އިގުތިސޯދުގައި އެހާމެ މުހިންމު ފަސްގަނޑެކެވެ.
ދަނޑުވެރިކަމުގެ ދިގު ތާރީހެއް އޮތް މި ރަށުގެ އާބާދީއަކީ 2884 އެވެ. އެއީ 1552 ފިރިހެނުންނާއި 1332 އަންހެނުންނެވެ. ގިނަ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ ހައްދައި، މާލެ އާއި ރިސޯޓުތަކަށް އަދި އެހެން ރަށްރަށަށް ވިއްކަ އެވެ. ރަށަށް ލިބިފައި އޮތް ނަސީބަކީ، ބިންގަނޑުގެ މޮޅުކަމާއެކު ރަށުގެ ބޮޑު އާބާދީއެއް އަމިއްލަ ބިމުގައި ތިބެ ދަނޑުވެރިކަމުން ރަނގަޅު ނަފާއެއް ހޯދުމެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކާށިދޫގައި 800 އަށް ވުރެ ގިނަ ފަރާތް ދަނޑުވެރިކަމަށް ރަޖިސްޓަކޮށްފައިވެ އެވެ. އާންމުކޮށް ރަށުގައި ހައްދާ ބާވަތްތަކުގެ ތެރޭގައި ފަތްކެޔޮ، ކޮޕީ ފަތް، ފަޅޯ، ބަރަބޯ، ބަށި، ކިޔުކަންބާ، މިރުން، އަދި ތޮޅީގެ ބާވަތްތަކެވެ. މާލެ އަށް އެންމެ ގިނައިން ކުރުނބާ ވެސް ގެންނަނީ މި ރަށުންނެވެ.
ފަހަކަށް އައިސް، ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަގީޗާ ގަހާއި މާގަސް ހައްދައިގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދަ އެވެ. އާންމު ގޮތެއްގައި ކޮންމެ ހަފުތާއަކު ދެ ދުވަހު ކާށިދޫން މާލެ އަށް މޭވާ އާއި ތަރުކާރީ އަދި މާގަސް ސަޕްލައިކޮށް ވިއްކަ އެވެ.
ކާށީދޫގައި ހައްދާފައިވާ ފަތްކެޔޮ ދަނޑެއް. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ދަނޑުވެރި މި ރަށަށް މިހާރު ދިރުން ލިބެމުން އަންނަ އިގުތިސޯދީ އަނެއް ހަރަކާތަކީ ލޯކަލް ޓޫރިޒަމެވެ. ހަ ގެސްޓު ހައުސް ހިންގަމުން އަންނައިރު ރަށުގެ ދެކުނުން ދެ ލައްކަ ކަފަފޫޓުގެ ސަރަހައްދެއް ފަތުރުވެރިކަން ތަރައްގީ ކަނޑައަޅާފައި އެބަ އޮތެވެ. މި ރަށުގެ ފަޅުތެރޭގައި ޓޫރިޒަމް ތަރައްގީކޮށް، ވަކިން ރިސޯޓެއް ތަރައްގީކުރުމުގެ ވާހަކަތައް އަދި ހަގީގަތަކަށް ނުވިޔަސް، އެކި ދުވަސްވަރު އެ ވާހަކަ ދެކެވިފައި އެބަ އޮތެވެ.
މި ރަށާ ގުޅިފައިވާ އަނެއް "ހުވަފެނަކީ" ކޭބަލް ކާރެވެ. ކާށިދޫއޭ ބުނުމާއެކު ފަހަކަށް އައިސް ވިސްނުމަށް އަންނާނެ އެއް ވާހަކަ އަކީ، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު ކަމުގައިވާ ކޭބަލް ކާރު އެޅުމުގެ ވައުދުގެ ވާހަކަ އެވެ. މި ވާހަކަ ސަމާސާއަކަށް ހަދައިގެން ދެއްކިޔަސް، ރަށާ ގުޅިފައިވާ އެހެން ވާހަކަތަކަކީ ސަމާސާއެއް ނޫނެވެ.
ޓޫރިޒަމް ތަރައްގީކޮށް، ރަށް ވިއްކި ދާނެ އެތައް ގޮތެއް އެބަ އޮތެވެ. ކާށިދޫ ކުރިހިންނަ ތަރާގަނޑަކީ އެފަދަ އެއް ތަނެވެ. ޓޫރިސްޓުން ވެސް ޝައުގުވެރިވާނެ ތަނެކެވެ. އެއީ މީލާދީން ތިން ވަނަ ގަރުނާއި ހަތަރު ވަނަ ގަރުނާ ދެމެދުގެ ދުވަސްވަރުގައި ބިނާކޮށްފައިވާ ބުޑިސްޓު ވޭރެކެވެ. މިއީ ރާއްޖޭގައި ހުރި ހުރިހާ އެވޭލާ އާސާރީ ތަންތަނުގެ ތެރެއިން އެންމެ ފުރިހައަށް ދިރާސާކުރެވިފައިވާ ތަނެވެ. އަދި ކާށިދޫ ބައު ހުކުރު މިސްކިތަކީ ވެސް ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
މި ރަށަކީ އީދު ހަރަކާތްތައް ވަރުގަދަކޮށް ހިންގާ އަދި ސަގާފީ ހަރަކާތްތަކުގައި ފޯރި ނަގާ ރަށެކެވެ. އެންމެ ފަހުން އައި އީދުގެ ހަރަކާތްތައް ކުލަ ގަދަކޮށް ފާހަގަކުރި އެވެ.
ފެހިކަން ގަދަ މި ރަށުގެ ވެށީގެ މުއްސަނދިކަން، ސަގާފަތާއި ރަށުގެ މީހުންގެ އުޅުމުގައި ވެސް އެބަ ހުއްޓެވެ. އެއީ ހިތްހެޔޮ ބައެކެވެ. ފިސާރި ހީވާގި، ހުނަރު ހުރި މަސައްކަތްތެރިންތަކެކެވެ.
ރަށުގެ ނަން: ކާށިދޫ އަތޮޅު: މާލެ އަތޮޅު (ކ. އަތޮޅު) ރަށުގެ ކޯޑު: އެޗް-1 އާބާދީ: 2884 އަންހެން: 1332 ފިރިހެން: 1552 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 10 ސްކޫލު ކުދިންގެ އަދަދު: 496 ގަރާޖު: 4 ތެލާއި ގޭސް ވިއްކާުތަންތަން: 3 މަސް ދޯނި: ނެތް ކުދި ދޯނި: 10 ޑިންގީ: 6 ަރަށުގެ ކަރަންޓް ހިދުމަތް: 24 ގަޑިއިރުު ލިބޭ. ހިދުމަތް ދެނީ ސްޓެލްކޯއިން ރަށުގައި ހުރި މިސްކިތް: 4 ކުޑަކުދިންގެ ޕާކް: ނެތް ސައިކަލްގެ އަދަދުު: 150 ރަށުު ޕިކަޕްގެ އަދަދު: 30 ކާރު، ޕިކަޕްު އަދި އެހެން ވެހިކަލް: 25 އުޅޭ ބިދޭސީންގެ އަދަދު: 200 މައުލޫމާތު: ކާށިދޫ ކައުންސިލް އިދާރާ
Comment