Advertisement

ކާށިދޫ ކުރުހިންނަ ތަރާގަނޑު ޕާކް: ލޯކަލް ޓޫރިޒަމަށް ކުރާ ބޮޑު މަސައްކަތެއް!

20 ފެބުރުވަރީ 2022 - 06:55 0

މުހައްމަދު ނަސީމް

މ

ކާށިދޫ ކުރުހިންނަ ތަރާގަނޑު މިހާރު ހުރި ގޮތް: ކައުންސިލްގެ ބޭނުމަކީ ތާރަނގަޑު ރީތިކޮށް ޓުއަރިސްޓުން އެތަން ބަލަން ޒިޔާރަތް ކުރާވަރުގެ ތަނަކަށް ހެދުން -- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ކާށިދޫ ކުރުހިންނަ ތަރާގަނޑު ޕާކް: ލޯކަލް ޓޫރިޒަމަށް ކުރާ ބޮޑު މަސައްކަތެއް!

20 ފެބުރުވަރީ 2022 - 06:55 0

Advertisement

"މި ސަރަހައްދަކީ ރާއްޖޭގައި ހުރި ހުރިހާ އާސާރީ ތަންތަނުގެ ތެރެއިން އެންމެ ފުރިހަމައަށް ދިރާސާކުރެވިފައިވާ ތަނަށްވުމާއެކު ދިވެހިރާއްޖޭގައި އިހު އުޅުނު އަޅުގަނޑުމެންގެ ކާބަފައިންނާ ބެހޭ ގޮތުން މުހިއްމު މައުލޫމާތުތަކެއް މިތަނުން ލިބުނު. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މިތަން ބިނާކުރ ދުވަސްވަރު، އާދެ މީގެ ގާތްގަނޑަކަށް 1800 އަހަރު ކުރިން ދިވެހިރާއްޖެ އިގުތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަށް ގޮސްފައިވާ މިންވަރު."

އެއީ ކ. ކާށިދޫގެ ކުރުހިންނަ ތާރަގަނޑާ ގުޅޭ ގޮތުން، ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ކުރީގެ މުޝީރު އަދި ތާރީހު ލިއުންތެރިޔާ ނަސީމާ މުހައްްމަދުކަލޭފާނު ލިޔުއްވާފައި ބަސްކޮޅެކެވެ.

Advertisement

ފަތްތޫރައިގެ 305 ވަނަ އަދަދަށް ނަސީމާ ލިޔުއްވި އެ ލިޔުމުގައިވާ ގޮތުން ކާށިދޫ ކުރުހިންނަ ތަރާގަނޑުގައި އެކިވަރުގެ 64 ބިނާ ހަދާފައި ހުއްޓެވެ. ނޯވޭގެ އޮސްލޯ ޔުނިވާސިޓީގެ އާކިއޮލޮޖިސްޓުން 1996 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް އާކިއޮލޮޖިސްޓުން އިސްވެ ތިއްބަވައިގެން ކުރި މަސައްކަތުން އެ ސަރަހައްދު ސާފުކުރި އިރު ހުރީ އެތަންތަނުގެ ތަރަހަތައް (ބިނާއެއްގެ އެންމެ ތިރީބައިތައް) ނަމަވެސް އެތަންތަން ހުރި ބައްޓަން އޭރު ރަނގަޅަށް އެނގެ އެވެ.

ނަސީމާ ވެސް ލިޔުއްވާފައިވާ ފަދައިން ކުރުހިންނަ ތަރާގަނޑު މުހިންމުވަނީ ކޮންމެހެން އެތަން ބިނާކުރި މީހުން އެެތަނުން ކުރި ބޭނުމާ ގުޅުވައިގެނެއް ނޫނެވެ. އެތަނުން ލިބޭ މައުލޫމާތުތަކާ ހެދި އެވެ.

ކާށިދޫ ކުރުހިންނަ ތަރާގަނޑު ފުރަތަމަ ސާފުކުރި އިރު އެތަން އޮތް ގޮތް. ފޮޓޯ: ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު


ދިވެހި ބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން އޭރު އާއްމުކޮށްފައިވާ މި ފޮޓޯތަކުން ފެންނަ ގޮތުގައި ކުރުހިންނަ ތަރާގަނޑުގައި ހުރި އިމާރާތްތައް ތަޅައިލި ބަޔަކު އެތަން ތަޅައިލުމުގެ ސަބަބުންވީ ގެއްލުމެއް ފިޔަވައި ތަރަހަތަކަށް ލިބުނު ގެއްލުމެއް އޭރަކު ނެތެވެ. ވަށްކޮށް ހުރި ތަރަހައްތަކުގެ ބައްޓަމާއި 16 ކަނަށް ހުރި ތަރަހައިގެ 16 ކަން ވެސް ސާފުކޮށް ވަކިވާން ހުއްޓެވެ.

ކާށިދޫ ކުރުހިންނަ ތަރާގަނޑު މިފަހަރު ސާފުކުރުމުގެ ކުރިން އޮތް ގޮތް. ފޮޓޯ: ކާށިދޫ ކައުންސިލް


ކާށިދޫ ކައުންސިލްގެ މެމްބަރު އިބްރާހީމް ރަޝީދު "އަދަދު" އަށް ވިދާޅުވި ގޮތުގައި ކުރުހިންނަ ތަރާގަނޑު އަލުން ސާފުކުރުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ފެށި އިރު އެތަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ބޮޑު ހަރަދެއް ކޮށްގެން ސަައިންޓިފިކް ގޮތްތަކާއި އުސޫލުތައް ބޭނުންކޮށްގެން ކުރި އެ މަސައްކަތަށް ފަހު އެތަން އޮތީ ދޫކޮށްލައިފަ އެވެ. މިހާރު އެތަން ފެންނަ ހުރި ވަރަށް އެތަން ހަލާކުވުމުގެ ސަބަބަކަށް ވެފައި މިއޮތީ އޭނާ ވިދާޅުވި ގޮތުގައި އެތަން އޭރު ސާފުކޮށްފައި އަޅައިނުލައި ދޫކޮށްލުމެވެ. ވެލިފުނީގެ އަޑީގައި ހުރި ނަމަ ހުރީހީ އަދިވެސް އެ ފެންވަރުގައި ކަމަށް ވެދާނެ އެވެ.

ކާށިދޫ ކުރުހިންނަ ތަރާގަނޑު މިހާރު އޮތް ގޮތް. ފޮޓޯ: އާއިމް ޒަމީރު/އަދަދު


ކުރުހިންނަ ތަރާގަނޑު މިހާރު އޮތީ އަލުން ސާފުކޮށްފަ އެވެ. ރަޝީދު ވިދާޅުވީ ފުރަތަމަ ހޯދި ދުވަސްވަރަށް ފަހު އެތަން މިހާ ރަނގަޅަށް ސާފުކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މިފަހަރު ސާފުކުރީ އޭނާ ވިދާޅުވި ގޮތުގައި އެތަނުގައިވާ ސްޓްރަކްޗާތަކަށް އިތުރު ގެއްލުމެއް ނުވާނެހެން ވަރަށް ބަލައިގެންނެވެ.

"ގެއްލުމެއް ވެދާނެތީ ސްޓްރަކްޗާތަކުގެ ތެރެެއިން ގަހެއް އެއްޗެއް ވެސް ނޫފުރަން. ހަމަ މަޑުމަޑުން ތިބެގެން މިއިން ކޮންމެ ސްޓްރަކްޗާއެއްގައި ހުރި ކޮންމެ ގަހެއް ހަމަ ބުޑުދަށުން ބުރިކޮށްލާފައި ހުންނާނީ،" ރަޝީދު ވިދާޅުވި އެވެ.

ކައުންސިލުން ކުރުހިންނަ ތަރާގަނޑު އަލުން ސާފުކޮށްލުމުން ފެންނަން އޮތް މަންޒަރާއި މިތަން ކުރިން އޮތް ގޮތުގެ ފޮޓޯތަކައި އަޅައި ބެލުމުން ފެންނަނީ މިތަން ވީރާނާވެފައި އޮތް މިންވަރެވެ. އެހެން ނަމަވެސް ކައުންސިލަރުންގެ އުއްމީދަކީ މިތަން އާރާސްތުކޮށް، އެރަށުގެ ޓޫރިޒަމަށް ނަފާ ލިބޭ ތަނަކަށް މިތަން ބަދަލުކޮށްލުމެވެ.

ކާށިދޫ ކުރުހިންނަ ތަރާގަނޑު މިހާރު އޮތް ގޮތް. ފޮޓޯ: އާއިމް ޒަމީރު/އަދަދު


މިއުޒިއަމަކާއެކު ތަރާގަނޑު ވާނީ ޕާކަކަށް

ގަސް ބޯވެ، މުޅިންހެން ގެއްލިފައި އޮތް ކުރުހިންނަ ތަރާގަނޑު އަލުން ސާފުކުރުމުގެ މަސައްކަތް ކާށިދޫ ކައުންސިލުން ކުރީ 1990 ގެ އަހަރު ތަކުގައި އެތަން ހޯދި އިރާ ހިލާފަށް ބޮޑު މަގުސަދެއް އޮވެގެންނެވެ. އޭރު އެތަން ސާފުކުރުމަށް ފަހު ދޫކޮށްލާފައި އޮތް އޮތުމުން ދޭހަވާ އެއްކަމަކީ އޭރުގައި ސަރުކާރުގެ މާބޮޑު މަގުސަދެއް އެކަމުގައި ނެތް ކަމެވެ. ކައުންސިލްތަކުގެ ޒަމާން އައި ފަހުން ވެސް އެތަނަށް މާބޮޑު އަޅައިލުމެއް ނެތީ އެތަނުން ކުރާނެ ބޭނުމެއް ނެތީމާ ކަމަށް ވެދާނެ އެވެ.

އެކަމަކު މިފަހަރު ތަރާގަނޑު ސާފުކުރީ އެތަނުން ނެގެން އޮތް ބޮޑު ނަފައެއްގެ އުއްމީދުގަ އެވެ. ލޯކަލް ޓޫރިޒަމްގައި ކާށިދޫން ވިއްކާނެ އެއް ޕްރޮޑަކްޓަކީ މިތަނެވެ.

ކާށިދޫ ކުރުހިންނަ ތަރާގަނޑު މިހާރު އޮތް ގޮތް. ފޮޓޯ: އާއިމް ޒަމީރު/އަދަދު


ކާށިދޫ ކައުންސިލްގެ މަސައްކަތްތައް ކައުންސިލަރުންގެ މެދުގައި ބަހައިލި އިރު މިކަމާ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވީ އަންހެން ދެ މެމްބަރުންގެ ތެރެއިން ފާތިމަތު ނަޝާ އެވެ. ތަރާގަނޑަކަށް ވަޑައިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ ސަރަހައްދު ތަރައްގީކުރުމުގެ ރަނގަޅު ޕްލޭނެއް ކައުންސިލްގެ އެބަ އޮތް ކަމަށެވެ. އެ ޕްލޭން މިހާރު ވަނީ ހެރިޓޭޖް މިނިސްޓްރީއާ ވެސް ހިއްސާކޮށްފަ އެވެ.

"މިނިސްޓްރީއާ އެކު އަޅުގަނޑުމެން ވާނީ ޖެނުއަރީ 19 ވަނަ ދުވަހު މީޓިން އެއް ބާއްވާފައި. ބާއްވާފައި އަޅުގަނޑުމެންގެ ޕްލޭން ހުށަހެޅިން. އަޅުގަނޑުމެންގެ ޕްލޭންގައި އޮންނާނީ ވޯކްވޭ ހަދާފައި، ބެންޗްތަކެއް ވެސް ހަދާފައި ޕާކެއް ގޮތަށް ތަރައްގީކުރަން،" ނަޝާ ވިދާޅުވި އެވެެ.

އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި ތާރީހީ ތަންތަން ބަލަން ޒިޔާރަތްކުރާ ދަރިވަރުންނާއި ޓޫރިސްޓުންނަށް ވެސް ފަސޭހައިން ތަރާގަނޑު ބަލައިލެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

ކާށިދޫ ކައުންސިލްގެ ދެ މެމްބަރުން ، ފާތިމަތު ނަޝާ އަދި އިބްރާހީމް ރަޝީދު، އަދަދު"އަށް މައުލޫމާތު ދެއްވަނީ.. ފޮޓޯ: އާއިމް ޒަމީރު/އަދަދު


މީހުން ގިނަގިނައިން ވަދެ ނުކުމެވާ ތަނަކަށް ބަދަލުވުމުން އެތަނުގައިވާ ސްޓްރަކްޗާތައް އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮންނާނެ އެވެ. ކައުންސިލްގެ ޕްލޭންގައި އެކަމަށް ވެސް ހައްލެއް އެބަ އޮތެވެ. އެއީ ތަރާގަނޑުގައިވާ ސްޓްރަކްޗާތައް ހުރި ސަރަހައްދުގައި ފެންސެއް ޖަހައި ބަންދުކުުރުމެވެ. އަތްވާއި ވާރެއިން އެތަންތަން އިތުރަށް ހަލާކުވިޔަ ނުދިނުމަށް ހިޔާ ވެސް ކުރާނެ އެވެ.

އެހުރިހާ މަސައްކަތެއް ކުރަން ބަލާއިރު ތަރާގަނޑުގައި މިހާރު ހުރީ ގާފުނިތަކެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެތަން އޮތީ އެހާ ވަރަށް ވީރާނާ ވެފަ އެވެ. ޓޫރިސްޓުން ބަލައިލާހިތްވާ ކަހަލަ ތަނަކަށް ތަރާގަނޑު ވާނީ އެެކަމަށް ވެސް ހައްލެއް ހޯދައިގެންނެވެ.

ނަޝާ ވިދާޅުވި ގޮތުގައި ހެރިޓޭޖް މިނިސްޓްރީން އެކަން ހައްލު ކުރާނެ އެވެ.

"އެވާހަކަ ވެސް ދެކެވޭ. މިހާރު މިތަނުގެ އަސްލެއް ނުފެނޭ. ކުރީގެ ފޮޓޯތައް ބަލައިލީމާ ފެނޭ މިތަންތަން ވަރަށް ރަނގަޅަށް ހުރިތަން. އެވާހަކަ މިފަހަރު ގޮސް ބުނީމާ އެބޭފުޅުން ވިދާޅުވީ އުވަ ބޭނުންކޮށްގެން މި ސްޓްރަކްޗާތައް ރިޕެއާ ކުރާގޮތަށޭ އޮތީ،" އޭނާ ވިދާޅުވި އެވެެ.

އެކަމަށް ބޭނުންވާ ބަޖެޓާއި ފަންނީ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސަައްކަތް އޮތީ މިއަހަރު ކުރާ ގޮތަށެވެ.

އޭރުން ތަރާގަނޑުގެ ބިނާތައް ހުންނާނީ އޮސްލޯ ޔުނިވާސިޓީގެ މާހިރުން 1996 ވަނަ އަހަރު އެތަންތަން ހޯދި އިރު ހުރި ގޮތަށެވެ.

ނަޝާއާއި ރަޝީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އޭރުން ތަރާގަނޑު ވާނީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލުތަނަކަށެވެ. އެެކަމަކު އެކަން އެގޮތަށް ވާނީ ތަރާގަނޑު ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަސްކޮށްގެން ކަމަށް ދެ ކައުންސިލަރުން ވިދާޅުވީ އެއް އަޑަކުންނެވެ.