10 ނޮވެންބަރު 2022 - 22:47 0
މިއަދުގެ މެޗުގެ ތެރެއިން އަޖުފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
10 ނޮވެންބަރު 2022 - 22:47 0
މިހާރު ކުރިއަށްދާ ގައުމީ 48 ވަނަ ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު ކުއާޓާ ފައިނަލްގެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން އަހުމަދު ތޯއިފް މުހައްމަދު މުބާރާތުގެ އެންމެ ކާމިޔާބު ކުުޅުންތެރިޔާ، މުހައްމަދު އަޖުފާން ރަޝީދު އަތުން 2-1 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ސެމީގައި އަޖުފާން ކުޅޭނީ މިދިޔަ ތިން އަހަރު ފައިނަލުގައި ބަލިވި ނިބާލް އަހުމަދާ ދެކޮޅަށެވެ. ނިބާލް ވަނީ މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުން ނަޝީއު ޝަރަފުއްދީން ބަލިކޮށްފަ އެވެ. އަނެއް ސެމީގައި ޒަޔާން ޒަކީ ބައްދަލުކުރާނީ މުހައްމަދު އާކިފްއާ އެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓި އަޖުފާން ވަނީ މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުން ފަހަތުން އަރައި ތޯއިފް ބަލިކޮށްފަ އެވެ. ތޯއިފް ފުރަތަމަ ސެޓު ގެންދިޔައީ 10-21 އިންނެވެ. ނުވަ ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދި އަޖުފާން ދެން ކުޅުނު ދެ ސެޓު، 21-15 އާއި 21-19 އިން ގެންގޮސް މެޗުން މޮޅުވި އެވެ. ދުބާއީގައި ޓްރެއިނިން ހަދަމުން އަންނަ ނިބާލް، ކުއާޓާގައި ނަޝީއުގެ މައްޗަށް ކުރިހޯދީ 22-20، 21-12 އިންނެވެ.
މިއަދުގެ މެޗުގެ ތެރެއިން ނިބާލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސެމީގައި ނިބާލް އާއި އަޖުފާން ބައްދަލުކުރަން ޖެހުނުއިރު، 2018 އާއި 2019 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނީ މި ދެ ކުޅުންތެރިންނެވެ. ފުރަތަމަ 2018 ވަނަ އަހަރު ކުޅުނު ފައިނަލުގައި އަޖުފާން ދެ ސެޓުން މޮޅުވި ނަމަވެސް އޭގެ އެއް އަހަރު ފަހުން ކުޅުނު ފައިނަލުގައި އަޖުފާނަށް ނިބާލް ބަލިކުރެވުނީ 2-1 ސެޓުންނެވެ.
ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން މިދިޔަ ފަހަރު ސެމީގައި ތޯއިފް އަތުން ބަލިވިއިރު، މި ފަހަރުގެ ސެމީން ޖާގަ ހޯދީ ރިވައިވަލްގެ އަރަމުން އަންނަ ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އަލީ އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެގެންނެވެ.
ޒަޔާން އާއި ހައިޝަމް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު، 21-15 އިން ޒަޔާން ގެންގޮސްފައިވަނިކޮށް، ދެ ވަނަ ސެޓު 19-21 އިން ގެންގޮސް ހައިޝަމް އުންމީދެއް ހޯދި އެވެ. އެކަމަކު، 2017 ވަނަ އަހަރުގެ ގައުމީ ޗެމްޕިއަން، ޒަޔާން ވަނީ ތިން ވަނަ ސެޓު 21-08 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.
މެޗަށް ފަހު ޒަޔާން (ކ) އާއި ހައިޝަމް ދެ ކުޅުންތެރިން ސަލާމްކުރަނީ: އުންމީދީ ކުޅުންތެރިއެއް ކަމަށްވާ ހައިޝަމް އަންނަނީ ކުރިއެރުންތަކެއް ހޯދަމުން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އާކިފް މި ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގައުމީ މުބާރާތުގެ ސެމީން ޖާގަ ހޯދައިފަ އެވެ. މިދިޔަ އަހަރު ސެމީގައި ނިބާލް އަތުން ބަލިވި އާކިފް މި ފަހަރުގެ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި މިއަދު މުހައްމަދު ހިޝާމް ލަތީފް އަތުން 21-15، 21-15 އިން މޮޅުވެގެންނެވެ.
ސީޑްކޮށްފައިވާ ގޮތުން ފާތިމަތު ނަބާހާ އަށް ވަނީ ސެމީގެ ޖާގައެއް ލިބިފަ އެވެ. ނަބާހާ ވަނީ އެންމެ ފަހުން ކުޅުނު ދެ ގައުމީ މުބާރާތުގައި ވެސް ތިން އިވެންޓުން ޗެމްޕިއަންކަން ހޯދައިފަ އެވެ. ސެމީގައި ނަބާހާ ކުޅެން ޖެހޭނީ ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ނަޖީބުއާ އެވެ.
ނީލާ ވަނީ މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުން ރިވައިވަލްގެ ފިރުޝާނާ ނަސީރު އަތުން 21-12، 21-06 އިން މޮޅުވެފަ އެވެ.
އަންހެން ސިންގަލްސް ކުއާޓާ ފައިނަލް ދެ ވަނަ މެޗުން އައިޝަތު އަފްނާން ރަޝީދު އަތުން މައިސާ ފަތުހުﷲ އިސްމާއިލް މޮޅުވީ 21-17، 21-10 އިންނެވެ. ކުއާޓާގެ ފަހު މެޗުގައި އައިމިނަތު ނަބީހާ ވަނީ 21-06، 21-09 އިން އައިމިނަތު ޝަހުރުނާޒް މޫސާ ބަލިކޮށްފަ އެެވެ. ސެމީގައި މައިސާ އާއި ނަބީހާ ކުޅެން ޖެހުނުއިރު، މި ދެ ކުޅުންތެރިންނަކީ ވެސް މީގެ ކުރިން ދެ ގައުމީ ޗެމްޕިއަނުންނެވެ.
ކުއާޓާ ފައިނަލުގައި މިއަދު ނަބީހާ ކުޅުނު މެޗުގެ ތެރެއިން: ނަބީހާ ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް އޮތީ ހޮނިހިރު ދުވަހުގަ އެވެ. އަދި ފައިނަލް މެޗުތައް އޮތީ އާދިއްތަ ދުވަހު އެވެ.
ދެ ވަނަ ޑިވިޝަނުގެ އަންހެން އަދި ފިރިހެން ސިންގަލްސްގެ ކުއާޓާ ފައިނަލުގެ ޖާގަތައް ވަނީ ޔަގީންވެފަ އެވެ. އެ ގޮތުން ދެ ވަނަ ޑިވިޝަންގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވަނީ ޝައިބާ މުހައްމަދު ޝަރީފް، އަނޫފާ އަލީ، ސަމްރާ އަހުމަދު ހައިކަލް، މައިޝާ އަހުމަދު އަޒީމް، އައިޝަތު އަލީޝާ މޫސާ، އައިޝަތު ޒޯޔާ ހުސެއިން، އައިޝަތު ޔަސްނާ އަތޫފް އަދި ޝުބާ މުހައްމަދު ޝަރީފް އެވެ.
ދެ ވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ކުއާޓާ ފައިނަލުގައި ވާދަކުރާނީ އަހުމަދު އިމާން، އިޔާން އަބްދުލް އަލީމް، އިބްރާހިމް ޒިޔާއު އަހުމަދު، ހުސެއިން ރިފާއު، ނާތިޖު އަލީ، މުހައްމަދު ސާލިމް އަބްދުއްސަމަދު، އަބްދުލް ހަމީދު އަލީ އަދި އަލީ ދާއޫދު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment