19 ނޮވެންބަރު 2023 - 12:38 0
ބައިނަލްއަގްވާމީ މުބާރާތެއްގެ ޑަބަލްސް އިވެންޓެއްގައި ނިބާލް އާއި އަޖުފާން ކުޅެނީ - ފޮޓޯ: އެމްއޯސީ
19 ނޮވެންބަރު 2023 - 12:38 0
ޒެމްބިއާގައި ލުސާކާގައި ކުރިއަށްދާ ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އާއި ނިބާލް އަހުމަދު ބްރޯންޒް މެޑަލް ހޯދައިފި އެވެ.
މި މަހުގެ 11-19 އަށް ޒެމްބިއާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ އަޖުފާން އާއި ނިބާލް އެކަންޏެވެ. މި ދެ ކުޅުންތެރިން މުބާރާތުގައި ވަނީ ޑަބަލްސްގެ އިތުރުން ފިރިހެން ސިންގަލްސްގައި ވެސް ވާދަކޮށްފަ އެވެ.
ފިރިހެން ޑަބަލްސްގެ ބްރޯންޒް މެޑަލް އަޖުފާން އާއި ނިބާލް އަށް ލިބުނީ ސެމީ ފައިނަލުގައި މެލޭޝިއާގެ ޗޮކް ކެން ވެއި އާއި އެންޑީ ޔޫ ޓޮންގެ ޕެއާ އަތުން ބަލިވުމުންނެވެ. މި މެޗުގެ ސެޓުތައް މެލޭޝިއާގެ ޕެއާ އިން ގެންދިޔައީ 21-11 އަދި 21-14 އިންނެވެ.
ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން އަޖުފާން އާއި ނިބާލް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ޒެމްބިއާގެ ޕެއާއެއް ކަމަށް ޓަކޮންޑްވާ ޖުބްވޫ އާއި ޕީޓާ ޕޮހޯގެ ޕެއާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-10، 21-08 އިންނެވެ.
މުބާރާތުގެ ސިންގަލްސް ބައިގައި ނިބާލް އާއި އަޖުފާން ވާދަކުރީ މެއިން ޑްރޯގަ އެވެ. ސިންގަލްސް އިން ނިބާލް ކެޓީ ތައިލެންޑުގެ ރަޗަޕޯލް ސްރިތޮން އަތުން ދެ ސެޓުން ބަލިވުމުންނެވެ. ރަނގަޅު ކުޅުމެއް ނިބާލް ދެއްކި މި މެޗުގެ ސެޓުތައް އޭނާއަށް ގެއްލުނީ 21-17 އަދި 21-16 އިންނެވެ.
އަޖުފާން ސިންގަލްސްގައި ކެޓީ ދެ ވަނަ ބުރުގައި އެމެރިކާގެ އާރޮން ބައި އަތުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 21-19 އިން އެމެރިކާ ކުޅުންތެރިޔާ ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ގެންދިޔައީ 21-5 އިންނެނެވެ.
އަޖުފާން އާއި ނިބާލްގެ ޕެއާ މި ވަގުތު އުޅެނީ ދުނިޔޭގެ ރޭންކިންގެ 132 ވަނައިގައި އެވެ. ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސް އިން ހޯދި މެޑަލްއާ އެކު ދެ ކުޅުންތެރިންގެ ރޭންކިން ކުރިއަށް ޖެހިލާނެކަމަށް ބެލެވެ އެވެ.
Comment