10 ނޮވެންބަރު 2022 - 12:16 3
ނާޒިމް ހަސަން
ހާދިސާ ހިނގި އިމާރާތުގައި މަރުވެފައި ތިބި މީހުންގެ ހަށިގަނޑު ނެރުމުގެ މަސައްކަތް ސިފައިން ކުރަނީ: 10 މީހަކު ވަނީ މަރުވެފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު
10 ނޮވެންބަރު 2022 - 12:16 3
އެކުވެރިންނާއި ދަންނަ މީހުންނާއި އެއް އަވަށުގެ ގިނަ ބަޔަކު ފިހިގެން މަރުވި ހަބަރާ އެކު ޖަމާވެ ތިބި އިންޑިއާ މީހުންގެ ތެރޭން ލާފައި ވަދެގެން 10 ބުރިއަށް ހަދާފައިހުރި މ. ސެންރޯސްގެ ޓެރެސްއަށް އަރައި ތިރިއަށް ބަލާލުމުން ފެނުނީ އިހުމާލާއި އަޅާނުލުމުން ނުރައްކަލަށް ދޫކޮށްލާފައި އޮތް ބޮޑު "ހާއްޔެކެވެ".
ރޭ 12:30 ހާއިރު އިސްކަންދަރު މަގުގައި ހުރި މ. ނިރުފެހި ގޭގެ ވެހިކަލް ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާ ވެގެން ގޮސްފައިމިވަނީ މިހާތަނަށް މިފަދަ ހާދިސާއެއްގައި ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވި ހާދިސާއަށެވެ. ގަލޮޅު މޯޗަރީ ފުރިފައިވާއިރު, އަލިފާން ރޯވި އިމާރާތުން 10 މީހެއްގެ ހަށިގަނޑު ވަނީ ނެރެންޖެހިފަ އެވެ. އެއީ, އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.
އަލިފާނުގެ ހާދިސާ ހިނގި ގަރާޖު ހުންނަ އިމާރާތަކީ, އާދައިގެ ގޮތަކަށް އިމާރާތް ކޮށްފައިވާ ހާލަތު ދަށް ތަނެކެވެ. ތިރީގައި ގަރާޖު ހަދާފައިވާއިރު މަތީ ދެ ފަންގިފިލާއަކީ ބިދޭސީން ދިރިއުޅެމުން ދިޔަ "ހާލި"ތަކެކެވެ. ދަގަނޑުން އޮނިގަނޑު ހަދައި, ދެ ފަންގިފިލާ ހެދުމަށް ލަކުޑިން ޑެކެއް އަޅާފައި އޮވެ އެވެ. ކޮންމެ ފަންގިފިލާއެއްގައި ކިރިޔާ އެނދެއް ބެހެއްޓޭހާ ޖާގައިގެ ކޮޓަރިތައް ހަދާފައި ހުރެ އެވެ. އެ ކޮޓަރިތައް ހަދާފައިވަނީ ފްލައިވުޑް ފިލައިންނެވެ.
އަނދާ ހުލިވެފައި ހުރި އިމާރާތަށް މަތިން ބަލާލުމުން ފެންނަން ހުރި ގޮތުގައި، އިމާރާތުގައި މައްޗަށް އަރަން ހަދާފައިހުރީ ފަހަރަކު އެންމެ މީހަކަށް އެރޭހާ ހަނި ސިޑިއެކެވެ. ބޭރަށް ނުކުންނަން ހުރި ދޮރު ވެސް އެހާ ހަންޏެވެ. އޭގެ އިތުރަށް ކޮންމެ ފަންގިފިލާއެއްގައި އިސްކަންދަރު މަގަށްވާ ގޮތަށް ހުރީ އާދައިގެ ކުޑަކުޑަ ދެ ކުޑަ ދޮރެވެ. އެ ނޫން އިތުރު މަގެއް, ނޫނީ ވައިގޮޅިއެއްހާ ހިސާބުވެސް އެ ބަންދުވެފައިވާ ކޮށި ތެރޭގައި ނެތެވެ.
އިމާރާތުގައި ރޭ އަލިފާން ރޯވެފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އިމާރާތުގައި ހުރި ހުރިހާ މުދަލެއްހެން އަނދައިގެން ގޮސްފައިވާއިރު, ގޭސްފުޅިތަކާއި އުނދުންތައް ފެންނަން ހުއްޓެވެ. ކުދިކުދި އެ ކޮޓަރިތަކުގައި ކޮންމެ ކޮޓަރިއެއްގައި ވެސް އުނދުނާއި ގޭސްފުޅި ހުރެ އެވެ. ކައްކާ ކެވޭ ގޮތަށް ހުރި އެ ތަނުގައި ގިނައިން އުޅެމުން ދިޔައީ އިންޑިއާގެ އަންދަރްޕްރަދޭޝްއަށް ނިސްބަތްވާ ދެމަފިރިންނެވެ.
ޖުމްލަ 28 މީހުން ދިރިއުޅެމުންދިޔަ އެ ތަނުގެ ހާލަތަށް ބަލާއިރު, ގަރާޖުގައި ފަޅައިގެން ދިޔަ އަލިފާންގަނޑު މައްޗަށް ފެތެރެމުންދިޔަ ވަގުތު އެ އިމާރާތުގެ ތެރޭން ނުކުތުމަށް ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ސިޑިއާ ކައިރިއަށް ހުރި ކޮޓަރިތަކުގައި ތިބި މީހުންނަށް ފިޔަވައި, ރޭގަނޑުގެ އެ ވަގުތުގައި އެ ތަނުން ސަލާމަތަށް ނުކުތުމަށް ފުރުސަތު ލިބުން ވާނީ ވަރަށް ނާދިރު ކަމަކަށެވެ.
ހަނިކޮށް އެތެރެއަށްވާ ގޮތަށް ހުރި އެ އިމާރާތްތަކުގެ އެންމެ ބިއްދޮށަށް ހުރި ކޮޓަރި ގޮޅިތަކުން މީހުންނަށް ނުކުމެވޭނެ ފުރުސަތު ނޯންނާނެކަން އެތަން އޮތް ހާލަތު ފެނުމުން އެނގެ އެވެ. އެ ހާލަތުގައި އެމީހުން ސަލާމަތް ކުރުމަށް ސިފައިންނަށް ވެސް ވާނީ އުނދަގޫ ކަމަކަށް ކަން ވަޒަންކޮށްލެވެ އެވެ.
އަލިފާން ރޯވި ވަގުތު އެތަނުން ބޭރަށް ނުކުމެވުނު ބިދޭސީން ވެސް އެ ވަގުތު ތިބީ ޝޮކެއްގަ އެވެ. އެތަނުން ސަލާމަތް ނުވެވޭ މީހުންނާއި އެތެރޭގައި ކިހާ ބަޔަކު ތިބި ކަމެއް އެމީހުންނަށް ވެސް ސާފެއް ނޫނެވެ. އަދި, އެކަން ބަޔާން ކުރަން ވެސް އެމީހުންނަށް އުނދަގޫވި އެވެ.
އިމާރާތުގައި ހަމައެކަނި ހުރީ ކުޑަ ދޮރެއް - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އިމާރާތް ފެންނަން އޮތް ގޮތަށް ބަލާއިރު, އެ އިމާރާތަކީ އިމާރާތް ކުރުމުގެ ގާނޫނުގެ 39 ވަނަ މާއްދާގައި ކަނޑައަޅަން ބަޔާންކޮށްފައިވާ އިމާރާތުގެ ކޯޑަކަށް ފެތޭ އިމާރާތަކަށް ނުވާނެކަން ޔަގީނެވެ.
އިމާރާތް ކުރުމުގެ ގާނޫނުގައި ބުނާ މި މަގުސަދަށްޓަކައި 2019 ވަނަ އަހަރު ބިލްޑިން ކޯޑެއް އެކުލަވާލާފައިވެ އެވެ. ވަރަށް ތަފްސީލީކޮށް ކަންކަން ބަޔާންކޮށްފައިވާ އެ ކޯޑާ ހިލާފަށް އިމާރާތްކޮށްފައިވާ ތަންތަނާއި ބަދަލުތައް ގެންނަ އިމާރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅެމުގެ ބާރު ވެސް ކޯޑުގެ ދަށުން ދީފައި އޮވެ އެވެ. ނަމަވެސް, އެކަން ފުރިހަމައަށް ތަންފީޒު ކުރެވޭތޯ, އެއީ މާލޭގައި ގިނަ އިމާރާތްތައް ހުރި ގޮތުން ސުވާލު އުފެދޭ ކަމެކެވެ.
ކޯޑާ އެއްގޮތަށް އިމާރާތް ކުރުމަށްފަހު ވެސް ޑެކުތައް އަޅައިގެން އިތުރު ފަންގިފިލާތައް އަޅައި, އެ ތަންތަން މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރެ އެވެ. އެ ތަންތަނަށް ވަދެ ނުކުތުމަށް ހަނި ސިޑިތައް ހުންނައިރު, ހާދިސާއެއް ދިމާވެއްޖެނަމަ, ނުރައްކާތެރި ހާލަތަށް ވެއްޓޭނެ އެތައް އިމާރާތެއް އެބަހުއްޓެވެ. ހާއްސަކޮށް ބިދޭސީން ދިރިއުޅޭ ގެތަކާއި ލޭބާ ކުއާޓާތައް ހުރީ ކަންބޮޑުވާ ދަރަޖާގަ އެވެ.
ހާދިސާ ހިނގި ސަރަހައްދަށް ރައީސް ވަޑައިގެން: ގަރާޖުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުالله އިޔާން / އަދަދު
މިކަންކަން މޮނީޓާކޮށް ފިޔަވަޅު އެޅުމަކީ ގާނޫނުން ލާޒިމު ކަމެއް ނަމަވެސް, އެކަން އޮތީ އިހުމާލަށް ދޫކޮށްލާފަ އެވެ. ރޭގެ ހާދިސާއަކީ އެ އިހުމާލުގެ ދަށުން އުފެދިގެން އައި, ހިތާމަވެރި ހާދިސާ އެވެ.
އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ފާހަގަ ކުރެއްވި އެއް ކަމަކީ އިމާރާތް ކުރުމުގެ ބިލްޑިން ކޯޑް ހަރުދަނާ ކުރަން ޖެހިފައިވާ ކަމެވެ. އަދި, އެ ކޯޑް ރަނގަޅަށް ތަންފީޒު ކުރެވެމުންނުދާކަން އެމަނިކުފާނު ވެސް ގަބޫލުކުރެއްވި އެވެ. ރައީސް ގަބޫލުކުރައްވާ ގޮތުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް އެންމެ މައިގަނޑު ހައްލެއްގެ ގޮތުގައި އޮތީ މާލޭގެ ޒަމާންވީ ތޮއްޖެހުން ކުޑަ ކުރުމެވެ.
އޭގެއިތުރުން ހުރިހާ މަސައްކަތެއް, މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރުމަށް ފުރުސަތު އޮތުމަކީ ވެސް ބަދަލު ކުރަން ޖެހޭ އުސޫލެއް ކަމަށް ރައީސް ވިދާޅުވި އެވެ. މީހުން ދިރިއުޅޭ އިމާރާތްތަކުގައި ވޯކްޝޮޕްތަކާއި ގަރާޖުތަކާއި ނުރައްކާތެރި ތަކެތި ރައްކާކުރާ ގަރާޖުތައް ހިންގުމަކީ އަބަދުވެސް އޮތް ކަންބޮޑުވުމެކެވެ. ރޭގެ ހާދިސާ ވެސް ގުޅިފައި އޮތީ މި ކަންބޮޑުވުމާ އެވެ.
މަތީ ދެ ފަންގިފިލާގައި ގަވައިދާ ހިލާފަށް މީހުން ދިރިއުޅެމުންދިޔައިރު ތިރީގައި ހުރި ގަރާޖުގައި މީގެކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ. ބޮޑެތި ގެއްލުންތަކެއް އެ ހާދިސާތަކުގައި ލިބިފައި ނެތް ނަމަވެސް, އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދު މައުލޫމާތު ދެއްވި ގޮތުގައި، އެެއް ހާދިސާ ހިނގީ ގޭސް ކަޓަރު އެއްޗެހި ބޭނުންކުރުމުގެ އިހުމާލުވެގެންނެވެ.
ރޭގެ ހާދިސާ ހިނގަން މެދުވި ސަބަބު މިހާތަނަށް ނުހޯދުނު ނަމަވެސް, އެ ގަރާޖަކީ އާންމުކޮށް ވަރަށް ގިނަ އިރު ވަންދެން މަސައްކަތް ކުރާ ގަރާޖެއްކަން އެ ހިސާބުގައި ދިރިއުޅޭ މީހުން ބުނެ އެވެ. ހާދިސާ ހިނގި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނެތް ނަމަވެސް, ގަރާޖުތަކާއި ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ގެންދިޔުމުގެ ވާހަކަ އަނެއްކާވެސް މިވަނީ ފެށިފަ އެވެ. ރައީސް ސޯލިހް ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދުން ވޯކްޝޮޕްތަކާއި ގަރާޖުތައް ދުރަށް ގެންދިޔުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކުރައްވާނެ ކަމަށް ވެސް މިއަދު ރައީސް ފާހަގަ ކުރެއްވި އެވެ.
އަލިފާން ރޯވި އިމާރާތުގެ މަތިން ނަގާފައިވާ ފޮޓޯ, އެތަން އެެއްކޮށް ބެނދިފައި - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ގަރާޖުތަކާއި ވޯކްޝޮޕްތަކާ އެކު ގުދަންތަކުގެ ބިރުވެރިކަން އަދިވެސް އެބަ އޮތެވެ. މީގެ ތިން އަހަރު ކުރިން ހެންވޭރު އަބަދަށްހިޔާ މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ އެކު ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފެށި އެވެ. އެކަމަކު, އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި 18 ކެމިކަލް ގުދަނެއް އަދިވެސް ބަދަލު ނުކުރެވި މާލޭގައި އެބަ ހުއްޓެވެ.
އަބަދަށްހިޔާ އަލިފާނުގެ ހާދިސާގައި ވެސް މީހަކު މަރުވެދިޔައިރު, އެފަދަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދީ އަޅަން ޖެހޭ ފިޔަވަޅުތައް މިހާތަނަށް ވެސް އެންމެ ފުރިހަމައަށް އެޅިފައި ނެތުމަކީ, އާންމުން ގަބޫލުކުރާ ގޮތުގައި ފެއިލްވުމެކެވެ. ހަމައެއާ އެކު, މާލެ ދުށް އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ވެސް ކުރިމަތިލާން ޖެހިފައި މިއޮތީ މޮނީޓާނުކޮށް, ތަންފީޒުނުކުރެވި ދޫކޮށްލާފައިވާ ބޮޑު އިހުމާލެއްގެ ސަބަބުންނެވެ.
އިތުރު ނުރައްކަލާއި ބިރުވެރިކަމުން މި ތޮއްޖެހިފައިވާ ސިޓީ ސަލާމަތް ކުރުމަށް ގާނޫނުތަކުގައި ހުރި ސަލާމަތީ މުހިންމު އިރުޝާދުތައް ހަރުކަށިކޮށް ތަންފީޒުކުރަން ޖެހެ އެވެ. އެއީ, ފަރުވާކުޑަކޮށް ދޫކޮށްލެވެން އޮތް މިންވަރަށް މާ މުހިންމު ކަމެކެވެ.
އިސްކަންދަރު މަގާއި ކޯރުކެނޑި ގޯޅި އަދި މާވެޔޮ މަގަށް މިއަދު ޖަމާވެ ތިބި ކޮންމެ މީހަކު ވެސް އެ ބުނަނީ މި ނުރައްކަލުން ސަލާމަތްކޮށްދިނުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment