10 ނޮވެންބަރު 2022 - 00:06 0
މުބާރާތުގައި މިއަދު ކުޅުނު މެޗުގެ ތެރެއިން ގައުމީ ޗެމްޕިއަން ތޯއިފް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
10 ނޮވެންބަރު 2022 - 00:06 0
މިހާރު ކުރިއަށްދާ ގައުމީ 48 ވަނަ ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އަހުމަދު ތޯއިފް މުހައްމަދު އާއި ގައުމީ ތަށި ނުވަ ފަހަރަށް އުފުލާލާފައިވާ މުހައްމަދު އަޖުފާން ރަޝީދު އަދި ރިވައިވަލް ސްޕޯޓްސް ކްލަބްގެ އަރަމުން އަންނަ ތަރި ހައިޝަމް އިބްރާހިމް އަލީ މުބާރާތުގެ ފިރިހެން ސިންގަލްސް ބައިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ފުރަތަމަ ބުުުރުގެ މެޗުގައި ހައިޝަމް ބައްދަލުކުރީ ޖޫނިއާ ރޭންކިން އެއް ވަނައިގައި އޮތް ހަަސަން ޒަޔާން މުހައްމަދާ އެވެ. މި މެޗުން ހައިޝަމް މޮޅުވީ 21-15، 21-16 އިންނެވެ. ދެ ވަނަ މެޗުން ރިޝްވާން ޝިޔާމް އަތުން މުހައްމަދު ހިޝާމް ލަތީފް މޮޅުވީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައި، 21-19، 18-21 އަދި 21-16 އިންނެވެ.
ތަޖުރިބާކާރު ކުޅުންތެރިޔާ، އަދި މިހާރު ކޯޗިންގައި ވެސް މަސައްކަތް ކުރަމުން އަންނަ މުހައްމަދު ނަޝްފާން އަތުން އަޖުފާން މޮޅުވީ 21-07، 21-13 އިންނެވެ.
ނަޝްފާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަޖުފާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެންމެ ފަހުގެ ޗެމްޕިއަން ތޯއިފް ވަނީ 21-08، 21-09 އިން މުހައްމަދު ސާދިން ޖަލީލް އަތުން މޮޅުވެފަ އެވެ. ތޯއިފް މިހާރު އަންނަނީ އޭނާގެ ކްލަބް، ރިވައިވަލް އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޑިއާގެ ހައި ޕާފޯމަންސް ސެންޓަރެެއްގައި ޓްރެއިނިން ހަދަމުންނެވެ.
ފިރިހެން ސިންގަލްސް ފުރަަަތަަމަ ބުރުގައި ދެން ކުޅުނު މެޗުން ތަޖުރިބާކާރު ކުޅުންތެރިޔާ، ނަޝީއު ޝަރަފުއްދީން ވަނީ 21-10، 21-10 އިން މުހައްމަދު ރަފާހު ބަލިކޮށްފަ އެވެ.
ފިރިހެން ސިންގަލްސްގެ ކުއާޓާ ފައިނަލް މެޗުތައް މާދަމާ ހަވީރު ކުޅޭއިރު، ފުރަތަމަ ކުއާޓާ ފައިނަލުގައި ކުރީގެ ޗެމްޕިއަން ޒަޔާން ޒަކީ ކުޅޭނީ ހައިޝަމްއާ އެވެ. ދެ ވަނަ ކުއާޓާގައި މުހައްމަދު އާކިފް އާއި ހިޝާމް ލަތީފް ބައްދަލުކުރާއިރު، ތިން ވަަނަ ކުއާޓާގައި އަޖުފާން ކުޅޭނީ ތޯއިފްއާ އެވެ. އަދި ފަހު މެޗުގައި މިދިޔަ ތިން އަހަރު ފައިނަލުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލި، ނިބާލް އަހުމަދު ބައްދަލުކުރާނީ ނަޝީއުއާ އެވެ.
ގައުމީ މުބާރާތުގެ ފުރަަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލް ތިން މެޗެއް މާދަމާ ކުޅޭނެ އެވެ. އެއީ ކުރީގެ ޗެމްޕިއަން، ނީލާ އަހުމަދާއި ފިރުޝާނާ ނަސީރު ކުޅޭ މެޗާއި ކުރީގެ ޗެމްޕިއަން، މައިސާ ފަތުހުﷲ އިސްމާއިލް އާއި ގައުމީ ޓީމުގެ އައިޝަތު އަފްނާން ރަޝީދުގެ މެޗުގެ އިތުރުން އައިމިނަތު ނަބީހާގެ އިތުރުން އައިމިނަތު ޝަހުރުނާޒް މޫސާގެ މެޗެވެ. އެއް ވަނަ އަށް ސީޑްކޮށްފައިވާ ފާތިމަތު ނަބާހާ އަށް ވަނީ ސެމީގެ ޖާގަ ލިބިފަ އެވެ.
މުބާރާތުގައި މާދަމާ ދެ ވަނަ ޑިވިޝަންގެ ސިންގަލްސް މެޗުތަކާއި ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ޑަބަލްސް އާއި މިކްސް ޑަބަލްސް މެޗުތައް ވެސް އޮންނާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment