Advertisement

އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުން ޑިއުޓީ ކުޑަ ކުރަން އެއްބަސްވުމަކަށް

5 ނޮވެންބަރު 2022 - 16:54 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރާއްޖޭގެ މަސްވެރިންތަކެއް މަސައްކަތުގައި. ރާއްޖޭގެ ކަނޑުމަހުން ޑިއުޓީ މާފުކޮށްދޭން އީޔޫގައި ވެސް ވަނީ އެދިފައި --- ފޮޓޯ: އަދަދު ފައިލް


އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުން ޑިއުޓީ ކުޑަ ކުރަން އެއްބަސްވުމަކަށް

5 ނޮވެންބަރު 2022 - 16:54 0

އިނގިރޭސިވިލާތަށް ރާއްޖޭން އެކްސްޕޯޓުކުރާ ކަނޑުމަހުން ނަގާ ޑިއުޓީ ކުޑަކުރުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގައި ހުންނެވި ޝާހިދު ވަނީ ދެމެހެއްޓެނިވި ކަނޑުމަސް އިމްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާ އެކު ގާއިމުކުރަން ޖެހޭ ކަމަށް މޯނިން ޓްރޭޑް ޔޫކޭ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.

އެގޮތުން، ކުދި ގައުމުތަކުގެ އެކްސްޕޯޓުތަކުން 20 ޕަސެންޓު ޓެރިފެއް ނެގުމަކީ "އަދަބު ދިނުން" ގޮތުގައި ސިފަކުރެއްވި އެވެ. އަދި، މިއަހަރުގެ މިހާތަނަށް ރާއްޖޭން ވެސް 10 މިލިއަން ޑޮލަރުގެ އަގުހުރި ކަނޑުމަސް އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރިކަން ފާހަގަކޮށް ޝާހިދު ވަނީ އެ އަދަދު ޓެރިފެއް ނުނަގާނަމަ އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެމއެވެ. އެހެން ގައުމުތަކަށް އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މާފްކޮށްފައި ވާއިރު، ރާއްޖޭގެ މުދަލުން ނަގާ ޓެކްސް އަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ރާއްޖެއިން ދެކެ އެވެ.

"ކުރީގެ ދަތުރުތަކާ ހިލާފަށް އަޅުގަނޑު މިފަހަރު އިނގިރޭސިވިލާތުން ފުރައިގެން މިދަނީ އެންމެ ފަހުގެ ހައްލެއް ފެންނާނެ ކަމުގެ ބޮޑު އުއްމީދުގައި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ މަގުބޫލު ބަހެއް ކަމަށާއި ރާއްޖެއަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގައި ދޮށީގެ މަސްވެރިކަން ގެންގުޅޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހަމައެކަނި އެފަދަ މަސްވެރިކަމެއް ކުރާ ގައުމު ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރީ ކަނޑުގެ ދިރުން ސަލާމަތްކުރަން ކަމަށާއި، ކަނޑުތަކަކީ ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތައް ދަމަހައްޓާ ދިރުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.