Advertisement

މިއީ އދ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ގެންނަވީ ވަގުތު: ޝާހިދު

29 ނޮވެންބަރު 2025 - 20:37 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ޝާހިދު ބަލަހައްޓަވަނީ. 76 ވަނަ ސެޝަންގެ ރިޔާސަތު ބެލެހެއްޓީ ޝާހިދުގެ ބެލުމުގެ ދަށުން ރާއްޖެއިން --- ފޮޓޯ: ޔޫއެން


މިއީ އދ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ގެންނަވީ ވަގުތު: ޝާހިދު

29 ނޮވެންބަރު 2025 - 20:37 1

އދ. ގެ އެންމެ އިސް މަގާމު ކަމަށްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދެން އިންތިހާބު ކުރަންވީ އަންހެނެއް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ޝާހިދު އެވެ. އޭނާ ވަނީ މި ވަގުތަކީ އދ. ހިންގުމާ އަންހެނަކު ހަވާލުވާން އެންމެ ރަނގަޅު ވަގުތު ކަމަށް ޑެވެކްސް އިންޓަނޭޝަނަލްއަށް ލިޔުއްވި ކޮލަމެއްގައި ވިދާޅުވެފަ އެވެ.

އދ. ގެ 80 އަހަރުވީ ތާރީހުގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވަނީ ހުސް ފިރިހެނުންނެވެ. އެ މުއްދަތުގައި ލީޑާޝިޕް މަގާމުތަކުން އަންހެނުންނަށް އެކަށީގެންވާ ފުރުސަތުތައް ލިބިފައި ނުވާ ކަމަށް ޝާހިދުގެ ކޮލަމްގައި ފާހަގަކުރެއްވި އެވެ.

ޝާހިދު ރިޔާސަތު ބެލެހެއްޓި އާންމު މަޖިލީހުން ވަނީ ކޮންމެ އަހަރެއްގެ ޖޫން 24 އަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިޕްލޮމެސީގައި ހަރަކާތްތެރިވާ އަންހެނުންގެ ދުވަސް ކަމަށް ކަނޑައަޅާފަ އެވެ. އެ މަގާމުގައި ހުންނަވައި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ޝާހިދު ފާހަގަކުރެއްވި އެވެ.

"އދ، ގެ ވައުދަކީ، ހަމަހަމަ އިއްޒަތާއި، ހަމަހަމަ ހައްގުތަކާއި، ހަމަހަމަ ފުރުސަތުތައް ދެމެހެއްޓުން. ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އިންތިހާބު ކުރުމަކީ ހަމައެކަނި އެ ވައުދު ފުއްދުމެއް ނޫން. އެއީ އެ ވައުދު ފުއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާކަން ދޭހަކޮށްދޭނެ ކަމެއް،" ޝާހިދު ލިޔުއްވި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އިންތިހާބު ކުރަނީ ސެކިއުރިޓީ ކައުންސިލްގެ ލަފަޔާއެކު އާންމު މަޖިލީހުންނެވެ. ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެންބަރު ގައުމުގެ ރައްޔިތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމެއް އަދާނުކުރެވެ އެވެ.

މިވަގުތު އެ މަގާމުގައި ހުންނެވީ މެކްސިކޯއަށް ނިސްބަތްވާ އެންޓޯނިއޯ ގުޓަރޭޒް އެވެ. އޭނާގެ ދައުރު އަންނަ އަހަރުގެ ނިޔަލަށް ހަމަވާއިރު އާ ސެކްރެޓަރީ ޖެނެރަލެއް ވެސް އަންނަ އަހަރު އިންތިހާބު ކުރާނެ އެވެ.