Advertisement

ޓީޖީއެސްޓީ ބޮޑުކުރުމުން ގެސްޓުހައުސްގެ ޑިމާންޑު ދަށްވެދާނެ ކަމަށް ލަފާކޮށްފި

4 ނޮވެންބަރު 2022 - 19:54 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހުޅުމާލޭގެ މަގެއްގެ މަތިން ދެ ފަތުރުވެރިން ހިނގާފައި ދަނީ: ޓީޖީއެސްޓީ ބޮޑުކުރުމުގެ އަސަރު ގެސްޓުހައުސްތަކުގެ ޑިމާންޑަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައި. -އަދަދު ފައިލް ފޮޓޯ


ޓީޖީއެސްޓީ ބޮޑުކުރުމުން ގެސްޓުހައުސްގެ ޑިމާންޑު ދަށްވެދާނެ ކަމަށް ލަފާކޮށްފި

4 ނޮވެންބަރު 2022 - 19:54 2

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގާ ޓޫރިޒަމް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ރާއްޖޭގައި ހިންގާ ގެސްޓުހައުސްތަކަށް އޮންނަ ޑިމާންޑަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިހާރު 12 ޕަސަންޓުގައި ނަގަމުންދާ ޓީޖީއެސްޓީ، އަންނަ އަހަރުން ފެށިގެން 16 ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮވިޑުން އަރައިގަނެ ޓޫރިޒަމަށް ކުރިއެރުން ލިބުނު ދަނޑިވަޅުގައި، ޓެކްސް ބޮޑުކުރާތީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޓެކްސް ބޮޑުކުރި ނަމަވެސް، އެކަމަށް މަދުވެގެން އެއް އަހަރުގެ މުއްދަތެއް ދިނުމަށް ވެސް އެ ފަރާތްތަކުން ވަނީ ތަކުރާރުކޮށް އެދިފަ އެވެ.

މީގެ އިތުރުން، ރިސޯޓުތަކާ ތަފާތުކޮށް ގެސްޓްހައުސްތަކަށް ކުޑަ ރޭޓެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ގައި ބުނީ ޓީޖީއެސްޓީ ރޭޓުތައް މަތިކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތަށް ކުރާ އަސަރު ބިނާވެގެންވަނީ އެ މުދަލެއް ނުވަތަ ހިދުމަތެއްގެ ޕްރައިސް އިލާސްޓިސިޓީގެ މައްޗަށެވެ.

މިއީ ތަކެތީގެ އަގަށް އަންނަ ބަދަލެއްގެ ސަބަބުން އެމުދަލެއްގެ ޑިމާންޑަށް ބަދަލު އަންނަ މިންވަރެވެ.

"އެގޮތުން ޕްރައިސް އިންއިލާސްޓިކް ސެގްމެންޓްތަކަށް ނުވަތަ އަގަށް އަންނަ ބަދަލަކުން އެ މުދަލެއް ނުވަތަ ހިދުމަތަށް އޮންނަ ޑިމާންޑަށް ކުރާ އަސަރު، އަގަށް އަންނަ ބަދަލަށް ވުރެ ކުޑަ ސެގްމެންޓުތަކަށް ޓެކްސް ރޭޓު މަތިވުމުގެ ސަބަބުން ކުރާ އަސަރު، ޕްރައިސް އިލާސްޓިކް ސެގްމެންޓުތަކަށްވުރެ ތަފާތުވާނެ،" ފިނޭންސުން ބުނެފައިވެ އެވެ.

ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެނީ ރިސޯޓުތަކުގެ ކެޓެގަރީން ކަމަށްވާއިރު، މި ކެޓެގަރީގެ ޓޫރިސްޓު ތަންތަނަކީ ޕްރައިސް އިންއިލާސްޓިކް ސެގްމެންޓުތައް ކަމަށް ބުންޏެވެ.

އެހެންކަމުން، ޓެކްސް ރޭޓު ބޮޑުކޮށްގެން ރިސޯޓުތަކަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސުން އިތުރަށް ބުނެފައިވެ އެވެ.

ރިސޯޓުތަކާ ހިލާފަށް ޕްރައިސް އިލާސްޓިކް، ގެސްޓުހައުސްތައް ހިމެނޭ ސެގްމަންޓަށް އޮތް ޑިމާންޑު ދަށްވެދާނެކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.

ޓީޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް އިތުރު އާމްދަނީ

ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ، ބަޖެޓު ފޫބައްދުމަށްޓަކައި ބޭރުން ހޯދާ ފައިސާއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ގައުމުގެ އެތެރެއިން އާމްދަނީ ހޯދޭނެ މަގު ފުޅާކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޓީޖީއެސްޓީ ރޭޓަށް ގެންނަ ބަދަލާއެކު އަންނަ އަހަރު އާމްދަނީގެ ގޮތުގައި 9.09 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިއީ މިއަހަރާ އަޅާބަލާއިރު، 2.68 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ބަޖެޓު 2023 ކުރުކޮށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.