2 ނޮވެންބަރު 2022 - 22:59 0
މުހައްމަދު އުޝާމް
އެމްއެންޕީގެ ކޮންގްރެސް ޖަލްސާގައި އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން؛ ޕާޓީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހު ނިންމައިފި - ފޮޓޯ: އަދަދު ފައިލް
2 ނޮވެންބަރު 2022 - 22:59 0
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފުރަތަމަ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލުން މިރޭ ނިންމައިފި އެވެ.
އަންނަ އަަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްއެންޕީގެ ކެންޑިޑޭޓަކު އެތެރޭގެ ޕްރައިމަރީއަކުން ކަނޑައަޅާއިރު، އެ ކަމަށް އަދި ޝައުގުވެރިކަން ފާޅުކުރެއްވީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
އެމްއެންޕީއަކީ ނާޒިމްގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ އެކެވެ.
އެ ޕާޓީ އުފެއްދެވުމުގެ ކުރިން ނާޒިމާއި ރިޔާޒް އުޅުއްވީ ޖުމްހޫރީ ޕާޓީގަ އެވެ. އުޝާމް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހުގެ އިތުރަށް، ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ރަސްމީކޮށް ހަރަކާތްތެރިވުމަށް ވެސް މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވެ އެވެ.
އެމްއެންޕީގެ އިތުރުން، މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ އިތުރަށް އެމްޑީއޭއިން ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވެސް ޕްރައިމަރީއަކުން ކަނޑައަޅާއިރު، އެ ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. އެކަމަކު އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފަ އެވެ. ޔާމީން މިހާރު ވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންނެވެ.
Comment