1 ނޮވެންބަރު 2022 - 10:26 0
މުހައްމަދު ވިޝާމް
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2023 ލަފާކުރާ ބަޖެޓު ބަޔާން މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހަޅައި ދެއްވަނީ. -ފޮޓޯ: މަޖިލިސް
1 ނޮވެންބަރު 2022 - 10:26 0
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ދައުލަތުގެ ބަޖެޓަށް ވުރެ 5.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިޝާރާތް ކުރެއްވީ ލަފާކުރާ މިންވަރަށް ކަމަށާއި، މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދު އަދި ނުކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މި ހިނގާ އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް، ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން، ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރުވެފައިވާކަން މާލީ ވަޒީރު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފަ އެވެ.
"މި ކަންކަމާ އެކު 2022 ގެ ބަޖެޓު 42.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ. އެހެންކަމުން 2022 ގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވޭ،" އަމީރު އިއްޔެ މަޖިލީހުގައި ވިދާޅުވި އެވެ.
އެއާއެކު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުން ފާސްނުކޮށް ސަރުކާރުން އިތުރަށް ހަރަދުކުރި ކަމަށް ތުހުމަތު ކުރައްވައި، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފަ އެވެ.
"ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެމަހު ތެރޭ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކުރައްވާނެ ކަމަށް އަޅުގަނޑަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމާ އަޅުގަނޑަށް މި ފެންނަނީ، މިހާތަނަށް އައިއިރުގަ މަޖިލީހަށް ހުށަހަޅައި ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ ވަރެއް ހަރަދުކުރައްވާފައިވާކަން ވެސް ސާފުވާކަށް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ފާހަގަކުރެއްވި ނުކުތާތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް "އަދަދު"އަށް ވިދާޅުވީ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ލަފާކޮށްފައިވާ ހިސާބުތަކެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ދައުލަތުގެ މާލީ ހިސާބުތަކާ ހަވާލާ ދެއްވައި، ސަރުވަޝް ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން އަދި ހަރަދުކޮށްފައިނުވާ ކަމަށެވެ.
"މިނިސްޓަރު އިއްޔެ ވިދާޅުވީ ތެލާއި ތަކެތީގެ އަގު ބޮޑުވުމުން މި އަހަރުގެ 5.8 ބިލިއަން އިތުރަށް ހަރަދުވާނެ ކަމަށް. ހަރަދުކުރި ވާހަކަ އެއް ނޫން ވިދާޅުވީ،" އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ފާހަގަކުރެއްވި ފަދައިން، މިދިޔަ އޮކްޓޯބަރު 20 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުން ފާސްކުރި ބަޖެޓުން ހަރަދުވެފައިވަނީ 31.98 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، މާލީ ހިސާބުތައް ދައްކާ ގޮތުން، މަޖިލީހުން ފާސްކޮށްދިން ބަޖެޓުގައި ހުރި ބާކީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
ސަރުވަޝް އިތުރަށް ވިދާޅުވީ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަޖެޓަށް އިތުރުކުރަންޖެހޭ ބައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
Comment