1 ނޮވެންބަރު 2022 - 10:06 0
މުހައްމަދު ވިޝާމް
1 ނޮވެންބަރު 2022 - 10:06 0
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ދައުލަތުގެ ބަޖެޓަށް ވުރެ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ވާހަކައާ މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައި، ގާނޫނީ ސުވާލުތަކެއް އުފައްދަވައިފި އެވެ.
މި ހިނގާ އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް، ރަޝިއާ-ޔޫކްރޭނު ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމާ ގުޅިގެން، ދައުލަތުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް އިތުރުވެފައިވާކަން މާލީ ވަޒީރު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓު ބަޔާން، މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ، މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާކުރެވޭއިރު، ކޮވިޑުގެ ސަބަބުން ދިމާވި ދަތުރުފަތުރާ ލޮޖިސްޓިކްސްއަށް ހުރި ހުރަސްތައް ނެތުމާއެކު، މަޝްރޫއުތައް ބާރަށް ހިނގައިގަނެ، އެމަޝްރޫއުތަކުގެ ހަރަދު އިތުރުވެފައިވާ ކަމަށެވެ.
"މި ކަންކަމާއެކު 2022 ގެ ބަޖެޓު 42.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ. އެހެންކަމުން 2022 ގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވޭ،" އަމީރު އިއްޔެ ވިދާޅުވި އެވެ.
އެއާއެކު އޭނާ ވިދާޅުވީ މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭ ކަމަށާއި މި އިތުރުވުން ފައިނޭންސްކުރާނީ މަޝްރޫއުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދައިގެން ކަމަށެވެ.
ފިނޭންސް މިނިސްޓަރުގެ އެ ވާހަކައާ ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެކަން ކުރުމުގައި ގާނޫނީ ގޮތުން އޮންނަ ގިނަ ނުކުތާތަކެއް ފާހަގަކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލީހުން ހުއްދަ ލިބިގެން މެނުވީ، މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓަށް އިތުރުކުރެވޭ ފައިސާއެއް މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓަރީ ބަޖެޓެއް ފާސްކުރުމަށް އެދި ހުށަހަޅާނަމަ، އެ ފައިސާ ބޭނުންވާ މުއްދަތުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.
"ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެމަހު ތެރޭ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކުރައްވާނެ ކަމަށް އަޅުގަނޑަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމާ އަޅުގަނޑަށް މި ފެންނަނީ، މިހާތަނަށް އައިއިރުގަ މަޖިލީހަށް ހުށަހަޅައި ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ ވަރެއް ހަރަދުކުރައްވާފައިވާކަން ވެސް ސާފުވާކަށް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
މިއީ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަކުރައްވައި، މިކަން މަޖިލީހުގެ މެމްބަރުގެ ސަމާލުކަމަށް ގެންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަންކަން ގާނޫނީ އޮނިގަނޑުގެ ތެރެއިން ނުހިންގޭނަމަ، ޑިމޮކްރަސީގެ އުސޫލުތައް ގެއްލިގެންދާނެ އެވެ.
"5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރުމަށް ވަކި އިޖުރާއަތްތަކެއް ކަނޑައަޅާފައިވަނިކޮށް، މި ތަނުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުން އިތުރުކަމަށް ވަޒީރު މެމްބަރުން ދެކެވަޑައިގަންނަވާ، ފަސޭހަ ގޮތަށް ކަންކަން ފިރުކާލެއްވީމާ، ޑިމޮކްރަސީއަށް ވެސް އަދި މަޖިލީހުގެ ގަދަރާއި ކަރާމާތާއި އިއްޒަތަށް ވެސް ލިބޭ އުނިކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ފާހަގަކުރެއްވި ނުކުތާތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް "އަދަދު"އަށް ވިދާޅުވީ ބަޖެޓު ބަޔާން ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ލަފާކޮށްފައިވާ ހިސާބުތަކެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ދައުލަތުގެ މާލީ ހިސާބުތަކާ ހަވާލާ ދެއްވައި، ސަރުވަޝް ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން އަދި ހަރަދުކޮށްފައިނުވާ ކަމަށެވެ.
"މިނިސްޓަރު އިއްޔެ ވިދާޅުވީ ތެލާއި ތަކެތީގެ އަގު ބޮޑުވުމުން މި އަހަރުގެ 5.8 ބިލިއަން އިތުރަށް ހަރަދުވާނެ ކަމަށް. ހަރަދުކުރި ވާހަކަ އެއް ނޫން ވިދާޅުވީ،" އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ފާހަގަކުރެއްވި ފަދައިން، ފިނޭންސުން މިދިޔަ އޮކްޓޯބަރު 20 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުން ފާސްކުރި ބަޖެޓުން ހަރަދުވެފައިވަނީ 31.98 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން، މާލީ ހިސާބުތައް ދައްކާ ގޮތުން، މަޖިލީހުން ފާސްކޮށްދިން ބަޖެޓުގައި ހުރި ބާކީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
ސަރުވަޝް އިތުރަށް ވިދާޅުވީ، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަޖެޓަށް އިތުރުކުރަންޖެހޭ ބައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
Comment