31 އޮކްޓޯބަރު 2022 - 09:50 0
މުހައްމަދު ވިޝާމް
2023 އަށް ސަރުކާރުން ލަފާ ކުރާ ދައުލަތުގެ ބަޖެޓު ބަޔާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހަޅުއްވަނީ. -ފޮޓޯ: މަޖިލިސް
31 އޮކްޓޯބަރު 2022 - 09:50 0
އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލެވިފައިވަނީ ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ދަމަހައްޓައި، މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މައްޗަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ދައުރުގެ ފަހު އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން އަމީރު ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން މާލިއްޔަތަށް ކުރިމަތިވި ގެއްލުންތަކަށް އަލިއަޅުވައިލައްވައިފަ އެވެ.
މިގޮތުން، ކޮވިޑާއި އޭގެ ފަހުން ރަޝިއާ-ޔޫކްރޭނު ހަނގުރާމައިގެ ސަބަބުން އިގުތިސޯދަށާއި ދައުލަތުގެ އާމްދަނީއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް އަމީރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑުގެ ތެރޭގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން، އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އިގުތިސޯދު ކުރި އަރައިގެން އައި ދުވެލި އަވަހެވެ.
ނަމަވެސް އޭގެ ފަހުން، ރަޝިއާ-ޔޫކްރޭނު ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔުމުގެ ސަބަބުން، މި އަހަރަށް ބަޖެޓު ކުރި މިންވަރަށް ވުރެ ހަރަދުތައް އެތައް ގުނައެއް އިތުރުވެގެން ދިޔަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިޙްސާސް ވަނީ ކުޑަކުރެވިފަ. ނަމަވެސް، މި ފަދަ ސިޔާސަތުތަކަކީ މިގޮތަށް ދާއިމީ ގޮތެއްގައި ކުރިއަށްގެންދެވޭނެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނޫން،" އަމީރު ވިދާޅުވި އެވެ.
މިއީ މިނިސްޓަރު ވިދާޅުވި ގޮތުގައި އިގުތިސޯދީ އަދި މާލީ ހިރާސްތައް ބޮޑު ސިޔާސަތުތަކެވެ.
މިކަންކަން ހަރުދަނާ ގޮތެއްގައި ހައްލުކުރަން، ފިސްކަލް ސްޓްރެޓެޖީގައި ކަނޑައެޅި ހަތަރު ޓާގެޓަށް ވާސިލުވުމަށް 2023 ގެ ބަޖެޓުގައި ހިމެނިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މި އަމާޒުތަކަކީ ރާއްޖޭގެ އިގުތިސޯދީ ހަމަޖެހުމަށާއި ދަރަނީގެ ދެމެހެއްޓެނިވިކަމަށް މުހިއްމު ކަމެއް. އަޅުގަނޑުމެން ބަޖެޓު އެކުލަވާލައި ތަންފީޒުކުރަމުންދާނީ މި އަމާޒުތައް ހާސިލުކުރެވޭނެ މަގުން،" އަމީރު ވިދާޅުވި އެވެ.
މާލީ ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދަރަނި މެނޭޖްކޮށް ފިސްކަލް ހިރާސްތައް ކުޑަކުރުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރާއްޖޭގެ އިގުތިސޯދު ރަނގަޅު މިސްރާބެއްގައި ބެހެއްޓުމުގެ އިތުރުން، ދެން އަތުވެދާނެ އިގުތިސޯދީ އަދި މާލީ ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތުކުރަން ޖެހޭ ކަމެކެވެ.
އެއާއެކު ފިސްކަލް ސްޓްރެޓެޖީގައި ހުށަހަޅާފައިވާ ޓާގެޓުތައް ހާސިލުކުރުމަށް ސިޔާސަތުތަކަށް ގެންނަ ބަދަލު އަވަސްކުރަންޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ.
މިގޮތުން، އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ ރޭޓުތައް ބަދަލުކުރުމުގެ އިތުރުން އެކި ގޮތްގޮތުން ދައުލަތުން ހަރަދުކުރުމުގައި ވަމުންދާ އިސްރާފުތައް ހުއްޓުވައިގެން، ތިން ބިލިއަން ރުފިޔާ އިން ހަރަދު ކުޑަކުރަން އަމާޒު ހިފާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިފިޔަވަޅުތަކުން، 2023 ވަނަ އަހަރުގެ ބަޖެޓުން މާލީ ދެމެހެއްޓެނިވިކަން އިތުރުކުރެވިގެންދާނެ. ނަތީޖާއެއްގެ ގޮތުން، 2023 ގެ ބަޖެޓު ވެގެންދާނީ އުއްމީދީ ބަޖެޓަކަށް. ސަބަބަކީ ބަޖެޓުގައި ގިނަގުނަ ކަންކަން ރޭވިފައިވުން،" ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކޮށް ދިނުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވަމުން އަމީޒު އިތުރަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.
Comment