30 އޮކްޓޯބަރު 2022 - 11:15 0
ނިމާ ހަސަން
ރާއްޖޭގެ ހަކަތައިގެ މަގުޗާޓު މުރާޖައާ ކުރުމަށް ބާއްވާ މަޝްވަރާ ވޯކްޝޮޕްގެ ބައިވެރިން -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
30 އޮކްޓޯބަރު 2022 - 11:15 0
ރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު މުރާޖައާ ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް މިއަދު ވޯކްޝޮޕެއް ފަށައިފި އެވެ.
ހޮޓެލް ޖެންގައި ކުރިއަށްދާ މި ވޯކްޝޮޕަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ)ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްދާ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގެ ތެރެއިން ރާއްޖޭގެ ހަކަތައިގެ މަގުޗާޓު މުރާޖައާ ކުރުމާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ މަޝްވަރާތަކުން ފާހަގަ ކުރެވިފައިވާ ކަންކަން ހުށަހަޅައިދީ އެކަންކަމާ ގުޅިގެން އިތުރަށް ހިޔާލުހޯދުން ކުރިއަށް ދާނެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަދު މުރާޖައާކުރާ ރޯޑްމެޕު ވެގެންދާނީ ހަކަތައިގެ ދާއިރާ އިތުރަށް ތަރައްގީކޮށް، މުސްތަގުބަލަށް ސާފު، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއަކަށް މަގު ދައްކާނެ އެއްޗަކަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި ރޯޑްމެޕުގައި ރާއްޖޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރެވިދާނެ ތަފާތު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ މައުުލޫމާތާއި، ހަތަކަ އިސްރާފުކުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި އެކަންކަން ކުރުމަށް ފައިސާ ބޭނުންވާނެ މިންވަރު އަދި އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަންނާނެ ހެޔޮ ބަދަލުގެ ތަފްސީލު ހިމެނިފައިވާނެ ކަމަށެވެ.
ދެހާސްތިރީސް ވަނަ އަހަރާ ހަމައަށް ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ރާއްޖެއިން ކުރުމަށް ކަނޑައަޅާ ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ މަގުޗާޓަކީ ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ބިނާކޮށް، އޭގައިވާ ލަނޑުދަނޑިތައް ހާސިލުވާނެ ގޮތަށް، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މަގުޗާޓެކެވެ.
ރާއްޖެއިން މަސައްކަތް ކުރަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން ގައުމަކަށް ހެދުމަށްކަމުން، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް އެ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތުގައި އޭޑީބީ އަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްފަރާތެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އޭޑީބީގެ އެހީގައި ކުރިއަށްގެންދާ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓަކީ އޭގެ އެއް މިސާލު ކަމަށެވެ.
Comment