Advertisement

ޕީޓް މޮންޑްރިއަންގެ އާޓްވޯކެއް 75 އަހަރު ވަންދެން އެކޮޅުކޮޅުން ޑިސްޕްލޭކޮށްފި

29 އޮކްޓޯބަރު 2022 - 06:34 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕީޓް މޮންޑްރިއަންގެ އާޓްވޯކް ޑިސްޕްލޭކޮށްފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޕީޓް މޮންޑްރިއަންގެ އާޓްވޯކެއް 75 އަހަރު ވަންދެން އެކޮޅުކޮޅުން ޑިސްޕްލޭކޮށްފި

29 އޮކްޓޯބަރު 2022 - 06:34 1

"އެބްސްޓްރެކްޓް" އާޓްގައި އެންމެ މަގްބޫލް މަސައްކަތްތައް ކޮށްފައިވާ ޕީޓް މޮންޑްރިއަންގެ އާޓްވޯކެއް 75 އަހަރު ވަންދެން އެކޮޅުކޮޅުން ޑިސްޕްލޭކޮށްފި އެވެ.

ނިއު ޔޯކް ސިޓީ 1 ގެ ނަން ދީފައިވާ އެ އާޓްވޯކް ޑިސްޕްލޭ ކުރަަނީ އެކޮޅުކޮޅުންކަން އެނގުނީ ވަރަށް ފަހުންނެވެ. އެކަމަކު އެ އާޓްވޯކަށް ގެއްލުމެއް ލިބިދާނެތީ ކުރިއަށް އޮތް ތަނުގައި ވެސް އޭތި ޑިސްޕްލޭ ކުރާނީ އެކޮޅުކޮޅުންނެވެ.

ނަވާރަ ސަތޭކަ ސާޅީސް އެއް ވަނަ އަހަރުގެ އެ މަސައްކަތް އެންމެ ފުރަތަމަ ދައްކާލަން ބެހެއްޓީ ނިއު ޔޯކްގެ މިޔުޒިއަމް އޮފް މޮޑަން އާޓްގައި 1945 ވަނަ އަހަރު އެވެ.

އޭގެ ފަހުން 1980 ވަނަ އަހަރުން ފެށިގެން އެ އާޓްވޯކް ޑިސްޕްލޭކޮށްފައި ހުރީ ޖަރުމަނުވިލާތުގެ ޑުސެލްޑޯގެ ގެލެރީއެއްގަ އެވެ.

އެ އާޓްވޯކް އެކޮޅުކޮޅުން ޑިސްޕްލޭކޮށްފަައި ހުރިކަން ފާހަގަވީ މި އަހަރުގެ ކުރީކޮޅު ކިޔުރޭޓާ ސުޒޭން މެޔޭ ބުޒާ ގެލެރީގެ އާޓްޝޯއެއް ބަލައިލަން ކުރި ޒިޔާރަތުގަ އެވެ.

އެކަމަކު އޭތި އަނެއްކޮޅަށް ބަހައްޓަން މަސައްކަތްކޮށްފި ނަމަ ގެއްލުން ލިބިދާނެ ކަމަށް އޭނާ ބުންޏެވެ. ނިއު ޔޯކް 1 އާޓްވޯކް އުފައްދާފައި ވަނީ ރީނދޫ، ރަތް އަދި ނޫ ކުލައިގެ ޓޭޕުންނެވެ.

އެއީ ނިއު ޔޯކްގެ ނަމުގައި ޕީޓް މޮންޑްރިއަން ފެން ކުލައިން ތައްޔާރު ކުރި އާޓްވޯކަކާ އެއް ގޮތަށް ޓޭޕުން ތައްޔާރު ކުރި އެއްޗެކެވެ.

ނެދަލޭންޑްސަށް އުފަން ޕީޓް މޮންޑްރިއަން 1912 ވަނަ އަހަރު ޕެރިސްއަށް ބަދަލުވީ ޕަބްލޯ ޕިކާސޯ އާއި ޖޯޖެސް ބްރާކް ފަދަ ފަންނުވެރިންގެ މަސައްކަތްތަކަށް އޮތް ޝައުގެއްގެ ބޮޑުކަމާ ހެދި އެވެ.

ޕެރިހުގައި "އެބްސްޓްރެކްޓް" ކުރެހުންތައް ފެށި އެވެ. އޭނާގެ ގިނަ އާޓްވޯކްތަކުގައި ހުންނަނީ ގޮޅި އާއި ރޮނގެވެ. އޭނާގެ މަސައްކަތްތަކަށް މަގްބޫލުކަން އިތުރުވެ، 1940 އާއި 1950 ގެ އަހަރުތަކުގައި "އެބްސްޓްރެކްޓް" އާޓް އިތުރަށް ފުޅާވި އެވެ.